ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ފަށާނީ އިނގިރޭސިވިލާތުގެ ސިވިލް އެވިއޭޝަންގެ އެސެސްމެންޓުގައި ދީފައިވާ ލަފާތަކާއި އެއްގޮތަށް ކަމަށް، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ޚިދުމަތް ފަށާއިރު މެޑިކަލް އިވެކުއޭޝަންތައް ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ ވިޔަފާރީ އުސޫލުން އަދި މެޑިކަލް އިވެކުއޭޝަންތަކަށް ވެސް ބޭނުން ކުރެވޭނެ ގޮތެއްގެ މަތިންނެވެ. މި ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފާރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ވަނީ ދެ ފަހަރެއްގެ މަތިން ހުޅޫވާލާފައެވެ. އެންމެ ފަހުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 20 އާއި ހަމައަށް ހުޅުވާލިއެވެ.
މިމަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އަހާ ފޯރަމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މިމަސައްކަތް ފެށުމަށް ބަލާއިރު ގިނަ ކަންކަން ކުރަންޖެހޭ ކަމަށެވެ. މީގެ 25 ވަރަކަށް އަހަރު ކުރިން މި ޚިދުމަތް ރާއްޖޭގައި ދެމުން އައި ނަމަވެސް، އޭރު ދިމާވި ހިތާމަވެރި ހާދިސާއަށް ފަހު މި ޚިދުމަތް އަލުން ފެށުމަށް ބޭނުންވަނީ ހަމައެކަނި އޮޕަރޭޓަރުން ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހެލިކޮޕްޓަރ މީގެ 20 25 ވަރަށް އަހަރު ކުރީގައި ދިމާވި ބައެއް ހާދިސާތަކާއި ގުޅިގެން، މިހާ ދިގު މުއްދަތުގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންސް މެދުކެނޑިފައި އޮތީމަ، ހަމައެކަނި ހެލިކޮޕްޓަރު އޮޕަރޭޓަރުންނެއް ނޫން ބޭނުންވަނީ. މިކަމުގައި ސަލާމަތީ މިންގަނޑުވެސް ބޭނުންވޭ. އަޅުގަނޑުމެން އިރާދަކުރެއްވީއްޔާ މިހާރު ޚިދުމަތް ފަށަން ނިންމާފައި އޮތީ ޔޫކޭ ސީއޭގެ އެސެސްމެންޓުތަކުގައި ދެއްވާފައި ހުރި ގައިޑްލައިނާއި އެކުގައި. " ވަޒީރު އަމީން ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށުން ބަލިމީހުން އުފުލުން ނުވަތަ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމެއްގެ ދަށުން މި ޚިދުމަތް ފޯރުކޮށްދޭ ކަމަށާއި އެކަން ހަރުދަނާ ކުރުމަށް ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެން ކަމުން ފުރަތަމަ ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމަށް ފަހު އަލުން ދެވަނަ ފަހަރަށްވެސް ހުޅުވާލާއި މިހާރު މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދެވަނަ ފަހަރު މިހާރު ކުރިއަށްދިއުމުގައި އިރާދަކުރެއްވިއްޔާ މީހާރު މަސައްކަތް ފެށުމުގެ މަރުހަލާ ކުރިއަށް އޮތް ހަފްތާ ދެ ހަފްތާ ހިސާބަށް ނިންމާލެވޭ ހިސާބަތް މަސައްކަތް ކުރެވިފައި އޮތީ. މިއީ ހަމަ ވަރަށް ބޮޑު މަސައްކަތަކަށްވެފައި ރާއްޖޭގައި މިހާ ގިނަ ދުވަހު 25 އަހަރު މުޅިން މެދުކެނޑިފައި ރާއްޖޭގައި މުޅިން ތަޖުރިބާއާއި ޓެކްނިކަލް އެކްސްޕާޓީސް ގެއްލިފައި އޮތް ދާއިރާއެއް އަލުން ޤާއިމްކުރަން ސަރުކާރުން މަސައްކަތް ކުރާތީ މިކަމަށް ހުރި ލަސްތަކެއް މިހުރީ." ވަޒީރު އަމީން ވިދާޅުވިއެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ޞިއްޙީ ކުއްލި ޙާލަތްތަކުގައި ދޭ ޚިދުމަތްތަކަށް ވަކި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.
މި ޚިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ، 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ސަރުކާރުގެ އަމާޒަކީ، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ. މި ޚިދުމަތް ދިނުމުގައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.