ޚަބަރު

ރަށްފުށުގެ ސާދާ ދިރިއުޅުމާއި ކުރީގެ ހަނދާންތައް؛ ތަކަންދޫގެ މި ފޮޓޯތަކުން


ޒަމާނަށް އައި ބަދަލުތަކާއި، ޓެކްނޮލޮޖީގެ ގޮތުން ދިވެހިން ދެކެންފެށި ކުރިއެރުންތަކާއިއެކު މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުގައި މީހުން ދިރިއުޅެމުންދިޔަ ވައްޓަފާޅިއަށް މިއަދުމި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ގޭދޮށު ބަނބުކެޔޮ ގަހުގައި ހުރި ކެޔޮތައް ކަނޑައި އެގަސްދޮށުގައި އަވައްޓެރިންނާއިއެކުތިބެ ބަނބުކެޔޮ ފެނުކައްކައިގެން މެންދުރުކެއުމާއި، ބަނބުކެޔޮ ތެލަށް އަޅައި އެދުވަހުގެ ހަވީރު ސައި ބުއިމަށްފަހު، ރޭގަނޑަށް ބަނބުކެޔޮ ރިހަ(ބަނބުކެޔޮ ހިތި) ކައްކައި ކައިޅުނު ހަނދާން މިއަދުވެސް ގިނަ ދިވެހިންގެ ހިތްތަކުގައި އާވެއާވެ ހުރެއެވެ. މިއީ މީގެ 20 ނުވަތަ 15 އަހަރު ކުރިންވެސް ޚާއްސަކޮށް ރަށްރަށުގައި މީހުން ދިރިއުޅުނު އެކުވެރި އުފާވެރި ދުވަސްތަކުގެ ވާހަކައެވެ. ގިފިލިވަޅުން ފެންވެރުން، ގެއާ ތަންކޮޅެއްދުރުގައި ހަދާފައި ހުންނަ ކުޑަ ބަދިގޭގައި ހަވާދާއި، ފޮނިކާތަކެތި ތައްޔާރުކުރުން، ގޯތި ތެރޭގައި މޭވާއާއި ތަރުކާރީ ހެއްދުން، ދަނޑަށްދިއުން، ފަލަމަޑީގެ ބާވަތްތައް ހެދުމާއި، މަސްބާނަން ދިއުން ފަދަ އެތައްކަމެއް ހިމެނެއެވެ.

ނަމަވެސް މިއީ ވެރިރަށް މާލޭގެ އިތުރުން ބޮޑެތި އާބާދީތައް ހިމެނޭ ގިނަ ރަށްރަށުންވެސް މިއަދު ފެންނަ ކަންކަމެއްނޫނެވެ. އޭގެ ބަދަލުގައި މިހާރު ގިނަ ރަށްރަށުންވެސް ފެންނަނީ ޒަމާނީ ތަރައްޤީ އާއި ތަމައްދުންއާއެކު ގޭގޭގެ އިންފާރުތައް އުސްކޮށް، އަވައްޓެރިންނާމެދު އޮންނަ ގުޅުންތައްވެސް ހީނަރުވެފައިވާ މަންޒަރުތަކެެވެ.

ކަންމިހެން ހުރިއިރު ޒަމާނައަށް އައިބަދަލާއެކުވެސް މިއަދުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ދިވެހިވަންތަ އަދި ދިވެހިންގެ ޒަމާންވީ އެކުވެރިކަމާއި، ޚާއްސަކޮށް އޭރު ރަށްފުށުގައި އުޅެމުން އައި ސާދާ ދިރިއުޅުން އެގޮތުގައި ހޭދަކުރާ، އެ އެކުވެރިކަން ފެންނަ ރަށްރަށްވެސް މަދެއްނޫނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ރަށަކީ ރާއްޖޭގެ އެންމެ އުތުރުން ތިލަދުންމަތީ އުތުރުބުރީ ތަކަންދޫއެވެ.

ތަކަންދޫގެ ވާހަކަ މި ހިއްސާކޮއްލަނީ އެރަށުގެ ދަރިއަކު ސޯޝަލް މީޑިއާގައި ހިއްސާކުރާ ރަށްފުށު ދިރިއުޅުމުގެ މަންޒަރުތައްފެންނަ ފޮޓޯތަކަކީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައިވެސް އެތައްބައެއްގެ ސަމާލުކަން ހުއްޓި މީހުންނަށް، ޚާއްސަކޮށް ރަށްރަށުގައި ދިރިއުޅުން ހޭދަކުރުމަށްފަހު މާލެއާ އެނޫންވެސް ތަންތަނުގައި ރަށުންބޭރުގައި ދިރިއުޅޭމުންދާ މީހުންނަށް ކުރީގެ ހަނދާތައް އައުކޮށްދޭ ފޮޓޯތަކާއި މަންޒަރުތަކަށްވުމުންނެވެ. ތަކަންދޫ އާސިމާ ފާރޫޤްގެ މި ފޮޓޯތަކުން ދިވެހިންގެ އޭރާއި މިހާރުވެސް އެންމެ މީރު ކެއުމުގެ ބާވަތްތަކާއި އޭރުގެ ދިރިއުޅުން ސިފަކުރެވި ފެނިގެން ދެއެވެ.

ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ތަކަންދޫއަކީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ އެތައް ތާރީހީ ކަމެއް ހިނގާފައިވާ ރަށެކެވެ. ތަކަންދޫގެ ތާރީޚަށް ތަފްސީލުކޮށް ނުދިޔަނަމަވެސް މި ރަށަކީ ވަރަށް އެކުވެރި އާބާދީއެއް އޮންނަ ދިވެހިވަންތަ ކަމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަވެއެވެ. ފުރަތަމަ މި ބަލާލަނީ ރަށުގައި އާންމުކޮށްވެސް ކައިއުޅޭ ދިވެހި ކެއުމުގެ ބާވަތްތަކަށެވެ. މިރަށް ފާހަގަވަނީ ބަނބުކޭލާއި، އަލައާއި، ކަނޑޫ، ކައްޓަލަ އަދި މިނޫނަސް އެތައްބާވަތެއް ފަލަމަޑި ހައްދައި އޭގެ ފޮނި މީރުކަން ލިބިގަންނަ ބައެއް ދިރިއުޅޭ ރަށެއްގެ ގޮތުގައެވެ.

ތަކަންދޫގެ މި ފޮޓޯތަކަކީ މިއަހަރާއި މިދިޔަ އަހަރުގެ ފަހުކޮޅު ނަގާފައިވާ ފޮޓޯތަކެކެވެ. މި މަންޒަރުތަކަށް ބަލާއިރު، މިހާރުވެސް ދިވެހިން ކުރިން ކޮށް އުޅުނު ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް އެރަށު މީހުން ކުރާކަން ފާހަގަކުރެއެވެ. އެގޮތުން ފަންގި ވިނުމާއި، ރޯނު ވެށުންފަދަ އެތައް މަސައްކަތްތަކެއް ހިމެނެއެވެ.

ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމާއި އެނޫވެސް ގިނަ ކަންކަމުގައި ތަކަންދޫ މީހުންނަކީ ވަރަށް އެކުވެރިކަމާއެކު ފޯރިއާ ޖޯޝުގައި ކަންކަންކުރާ ބައެއްކަން އާސިމާގެ ފޮޓޯތަކުން އެނގެއެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް ދޯނި އެހެލުމާއި، ރޯދައާއި، ޢީދަށް ތައްޔާރުވުމުގެ އިތުރުން، ރަށު މީހުން އެއްވެގެން ތަފާތު އެކިކަންކަމުގައި މަސްޢޫލުވެ އުޅެއެވެ. އަދި މިކަމުން އެއްބަޔަކު އަނެއްބައެއްގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެއެވެ.

ތަކަންދޫއަށް ބަލާލާއިރު، މިހާރުވެސް އިހު އެވޭލާ ޒަމާނުގައި ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ގެތައް ފެންނަން އެބަހުއްޓެވެ. އެގޮތުން ބަދިގެއާ ގިފިއްޔާ އެތެރެގެއާ އެނޫންނަސް ތެޅިގަލުން ރާނާފައިވާ ގެތައް މީހުން ނޫޅުނަސް މިހާރުވެސް ފެންނަން ހުރުމަކީ ދިވެހިންގެ މަސައްކަތްތެރި ކަމުގެ ހުނަރާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި މިހާރުގެ ޖީލުތަކަށްވެސް ފެންނަންހުރި މަންޒަރުތަކެކެެވެ. އެހެނެއްކަމަކު ތަކަންދޫގައިވެސް ޒަމާނީ ފެންވަރަށް ހަދާފައިވާ ގެތަކާއި މިސްކިތްތަކާއި ސްކޫލާއި އޮފީސްފަދަ އިމާރާތްފަދަ ތަންތަން ނެތީއެއް ނޫނެވެ. ނަމަވެސް އެހާރާއި މިހާރުގެ ކުލަވަރުތައް އެއްރަށަކުން ފެންނަން ހުރުމަކީ މީހުން ޝައުގުވެރިވާނެކަމެކެވެ.

ކޮންމެއަކަސް ތަކަންދޫގެ މި މަންޒަރުތަކުން ރަށްފުށުގައި މީހުން ކުރިން ދިރިއުޅުނު ގޮތާއި، އަދި އެހާރާއި މިހާރުގެ ކެއުމުގެ ބާވަތްތަކުގެ އިތުރުން ރަށްރަށުގައި ގެތައް އަޅާފައި ހުންނަގޮތާއި ރަށްރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި، އެކުގައި ގުޅިގެން ކުރާ މަސައްކަތްތައް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. މީގެ އިތުރުން ދިވެހިން އާމްދަނީ ހޯދުމަށްކުރާ މަސައްކަތްތަކާއި ބައެއް އާދަކާދަތައް މިހާރުވެސް ރަށްރަށުގައި ނެތިނުދާކަން އެބަ އެނގެއެވެ.

މިފަހަރު ތަކަންދޫގެ ވާހަކަ ހިމަނާލާފައިވީ ނަމަވެސް ތަކަންދޫގެ އިތުރުން އަދިވެސް މިފަދަ ކަންކަން އުވިނުގޮސް އޮތް ރަށްރަށާއި، ދިވެހިންގެ ސަޤާފަތާއި އާދަކާދަ ކަމުގައި ބަލައިގެން އެގޮތުގައިތިބި ރައްޔިތުންތިބި އެތައްރަށެއް ރާއްޖޭގައި މީހުން ދިރިއުޅޭ 197 ރަށުގެ ތެރޭގައި ހިމެނޭނެއެވެ.