ވިޔަފާރި

ބޯޑަރު ހުޅުވާލުން : 4 ދުވަހުގެ ތެރޭގައި 433 ފަތުުރުވެރިން


ރާއްޖޭގެ ބޯޑަރު މިދިޔަ ބުދަދުވަހު އަލުން ހުޅުވި ފަހުން، މިދިޔަ ފަސް ދުވަސް ތެރޭގައި 443 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ މި މަހުގެ 15 އިން 18 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމާއި ހަމަޔަށް 433 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށާއި މީގެތެރޭގައި އެންމެ ގިނައީ އެމެރިކާ އާއި ޔޫރަޕުގެ ފަތުރުވެރިންކަމަށެވެ. މީގެއިތުރުން ވޯކް ވިސާގައި 115 މީހުން މިމުއްދަތުގައި ރާއްޖެ އައިސްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާއެކު، ބޭރުގެ އެއާލައިންތަކުން އަންނަނީ ދަތުރުތައް ފަށަމުންނެވެ. މިގޮތުން އެންމެ ފުރަތަމަ އައީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އޭގެފަހުން ސްރީލަންކަން އެއަރލައިންސް، އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސްގެ ދަތުރުތައް ވަނީ ރާއްޖެއަށް ފަށާފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު ކޮންމެ 20 މިނެޓަކުން ފްލައިޓެއް ޖެއްސޭވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ އޮތީ ތައްޔާރަށްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑަޓް، އެމްއޭސީއެލްއިން ބުނެއެވެ. މިހާތަނަށް ބައިނަލްއަޤްވާމީ 12 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ. އަދި އިތުރު އެއަރލައިންތަކުން ދަތުރުތައް ފެށުމާބެހޭ ގޮތުން ދަނީ މަޝްވަރާކުރަމުންނެވެ.

ބޯޑަރުތައް ހުޅުވާލާފައިވާއިރު ރާއްޖޭގައި ހިންގާ 166 ރިސޯޓުގެ ތެރެއިން 30 ރިސޯޓެއް ހުޅުވާލާ ޙިދުމަތްދޭން ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރިސޯޓުތަކާއި ސަފާރީތަކަށް އެކަންޏެވެ. ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ފަތުރުވެރިން ރާއްޖެ ގެނައުމެވެ.