ޚަބަރު

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށް ތައްޔާރުވެއްޖެ


ކޯވިޑް-19 މެނޭޖްމަންޓް ފެސިލިޓީއެއްގެގޮތުގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކޮށް ބަލި މީހުންނަށް ފަރުވާދިނުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ޓުވީޓެއްވެސްކޮށްފައެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލަކުން ކުރި ޓުވީޓް

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ތަރައްޤީކުރި ކޯވިޑް-19 މެނޭޖްމަންޓް ފެސިލިޓީގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އެ ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ، ކޯވިޑް-19އަށް ފަރުވާދިނުމަށް ހެދި މި ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށެވެ. އެގޮތުން މި ފެސިލިޓީގައި ހާލު ބޮޑު ބަލިމީހުނަށް ފަރުވާދިނުމަށް 20 އައިސީޔޫ އެނދާއި 15 އައިސޮލޭޝަން އެނދުގެ އިތުރުން ކަރަންޓީންކުރުމަށްވެސް ސަރަހައްދެއްވަނީ ކަނޑއަޅާފައެވެ. އެގޮތުން މި ތަނުގައިވެސް 11 އެނދު ހުންނާނެކަމަށް އަލީ ނަޝީދު ވިދާޅުވިއެވެ.

އަލީ ނަޝީދު ވިދާޅުވީ، މި ފެސިލިޓީ މިހާރު ކޯވިޑްގެ ކޭސްތަކަށް ފަރުވާދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ޖީން އެކްސްޕާޓް މެޝިންގައި 6 ގަޑިއިރުތެރޭގައި ދެ ސާމްޕަލްގެ ނަތީޖާ އެ ހޮސްޕިޓަލުން ތަޙުލީލުކުރެވޭނެކަމަށް އަލީ ނަޝީދު ވިދާޅުވިއެވެ. އަދި މިކަމަށް ހޮސްޕިޓަލުގެ މުއައްޒަފުން ތަމްރީންކޮށް ތައްޔާރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ 9 ސަރަހައްދެއްގައި ކޯވިޑް-19އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ތެރެއިން އައިޖީއއެމްއެޗާއި، އޭޑީކޭ، ފުލުހުންގެ ޑީއެންއޭ ލެބް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓްކުރަން ވަނީ ފަށާފައެވެ.

މީގެ އިތުރުން 6 ސަރަހައްދެއްގައި ޖީން އެކްސްޕަރޓް ކާޓްރިޖް ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ، ށ.އަތޮޅު ހޮސްޕިޓަލާއި އުނގޫފަރު ރީޖަނަލް ހޮސްޕިޓަލާއި ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި ބ.އަތޮޅު ހޮސްޕިޓަލާއި ގއ.އަތޮޅު ހޮސްޕިޓަލާއި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕޓަލުގައެވެ. މީގެ ތެރެއިން މިހާރު މި މެޝިންތަކުން ޓެސްޓްކޮށް ރަސްމީކޮށް ފެސިލިޓީގެ ބޭނުން ކުރަން ފަށާފައިވަނީ ބ.އޭދަފުށްޓާއި ށ.ފުނަދޫގައި ހެދި މަރުކަޒުތަކުގައެވެ.