ޚަބަރު

ކޯވިޑް-19 : ރައްކާތެރި ވެވިއްޖެނަމަ މިހާރު ދީފައިވާ ލުއިތަކާއެކު ކުރިއަށް ދެވޭނެ - ޓެގް


ކޯވިޑް-19ގެ ރާއްޖޭގެ މިވަގުތުގެ ޙާލަތަށްބަލާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުވެއްޖެނަމަ މިހާރު ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު އަދިވެސް ކުރިއަށްދެވިދާނެކަމަށް ކޯވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދުތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާނަމަ ފިޔވަޅުތައް އިތުރައް ހަރުދަނާކޮށް ވަރުގަދަކުރަން ޖެހިދާނެކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޓެގްގެ ޑޮކްޓަރ، ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ ފުރަބަންދަށް ދީފައިވާ ލުއިތައް ދެމެހެއްޓުމުގައި ބަލާނީ ފްލޫ ކްލިނިކްތަކަށް ދައްކާ މީހުން ޕޮޒިޓިވާ މިންވަރާއި، "ޑަބްލިންގޓައިމް" އަވަސްވުމުގެ އިތުރުން ގުޅުން ނެތް ކޭސްތައް އިތުރުވޭތޯއާ، ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ މީހުންގެ ޢަދަދަށްކަމަށެވެ.

އެގޮތުން ކުރީ ހަފްތާތަކުގައި ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ ކޭސްތައް 5 އިންސައްތާގައި ހުރިއިރު މިމަހުގެ 8އިން 14އަށް ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 9 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. މި މުއްދަތުގައި ފްލޫ ކްލިނިކްތަކަށް ދެއްކި ނުވަ ސަތޭކައެއްހައި މީހުންގެ ތެރެއިން 76 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ރޯގާގެ އަސަރު ހުރެގެން ފްލޫކްލިނިކަށްދައްކާ މީހުންގެ އަދަދުވެސް އިތުރުވެފައިވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވާން ނަގަނީ ކިހާ ދުވަހެއްތޯ ދެނެގަތުމަށް ބަލާ "ޑަބްލިންގ ޓައިމަށް" ބަލާލުމުން މިދިޔަ 2 ހަފްތާއާ އަޅާބަލާއިރު ބަލި ފެތުރޭލެއް އަވަސްވަމުންދާކަން ފާހަގަކުރެވޭކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. އަދި މިކަމުން މުޖުތަމަޢުގައި ބަލި ފެތުރުން އަވަސް ވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެއްވެސް ކްލަސްޓަރއަކާ ގުޅުންނެތް ކޭސްތައްވެސް، ފުރަބަންދަށް ދިން ލުއިތަކާއެކު އިތުރުވެފައިވާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިމަހުގެ 8އިން 14އަށް ޕޮޒިޓިވްވި 300 މީހުންގެ ތެރެއިން 91 މީހުންނަކީ އެއްވެސް ކްލަސްޓާއަކާ ގުޅުންހުރިކަން ދެނެގަނެވިފައިނުވާ ކޭސްތަކެވެ.

ކުރީގެ ހަފްތާތަކުގައި ބަލިޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ ޢަދަދު 13އާއި 17އާ ދެމެދު ހުރިއިރު، މިމަހުގެ 8އިން 14އަށް މިޢަދަދުވަނީ 39އަށް އިތުރުވެފައެވެ.

އެހެންކަމުން މިހާރުގެ ޢަދަދުތަކާއި ޙާލަތު ހުރިގޮތުން ލުއިތަކަށް ރައްކާތެރިވެ މަގުމަތީގައި އުޅުމުގައި ގައިދުރުކުރުމާއި، ރަނގަޅު ގޮތުގައި މާސްކްއެޅުމުގެ އިތުރުން ގިނަގިނައިން ހަތްދޮވެ ސާފްކޮށް ސެނިޓައިޒްކޮށްގެން އުޅޭނަމަ ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެކަމަށާއި އެކަންކަމަށް ޚާއްސަ ސަމާލުކަންދީފިނަމަ މިހާރުމިދީފައިވާ ލުއިތަކާއެކު އަދިވެސް ކުރިއަށް ދެވޭނެކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

"މިހަފްތާގެ ޓޯޓަލް ސްކޯއަށް ބަލާއިރު އަދިވެސް އެޕިޑަމިކްގެ ޙާލަތަށް މިހާރު ދެވިފައިވާ ލުއިތަކާއެކުގައި އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ހަމަ ކުރިއަށްގެންދިއުމާއެކުގައި ކުރިއަށްދެވިދާނެއޭ މީގެން ދޭހަކޮށްދެނީ. ދެން އެޕިޑެމިކް ޓްރެންޑްތައް ހުރިގޮތަށް ބަލާލައިފިއްޔާ ވަރަށް ޤާތުން އަޅުގަނޑުމެން އެބަޖެހޭ އެޕިޑަމިކް މޮނިޓަރކުރަން. އެހެންވީމަ ކުރިއަށްއޮތް ހަފްތާތަކުގައި އަދަދުތައްބ އިތުރުވާނަމަ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭނެ" ޑރ. ޝަހީދު ވިދާޅުވިއެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު މިހަފްތާތެރޭގައި ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވީނަމަވެސް އިއްޔެއާއި މިއަދު ޕޮޒިޓިވް ކޭސްތަކުގެ އަދަދުވަނީ ދަށްވެފައެވެ. އެގޮތުން މިއަދު 17 މީހުން ޕޮޒިޓިވްވެފައިވާއިރު، އިއްޔެ 14 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމަލް އަދަދު މިހާރުވަނީ 2930އަށް އިތުރުވެފައެވެ. މީގެތެރެއިން 2354 މީހުންވަނީ ބަލިން ރަނގަޅުވެފައެެވެ.