ކޯވިޑް-19

ކޯވިޑް-19 : ދެކުނު ކޮރެއާއިން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފި


ކޯވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ދެކުނު ކޮރެއާއިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި ދެކުނު ކޮރެއާގެ ސަރުކާރާއި، ރައީސް މޫން ޖެއިއިން އާއި ޚާރިޖީ ވަޒީރު ކަންގް ކުޔުންގްވާ އަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ދެކުނު ކޮރެއާއިން ރާއްޖެއަށް ހަދިޔާކުރި 150 ޓެސްޓް ކިޓް ބޭނުންކޮށްގެން 15،000 ކޯވިޑް-19 ޓެސްޓް ހެދޭނެއެވެ. އަދި މިއީ ކޯވިޑް-19 ކޮންޓްރޯލްކޮށް، ރާއްޖޭގައި މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު އުފެދިފައިވާ ގާތް ގުޅުން ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ދިވެހިރާއްޖެއިން ދެކުނު ކޮރެއާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 30 ނޮވެމްބަރ 1966 ގައެވެ. މިއަހަރު މި ގުޅުމަށް 54 އަހަރު ފުރޭނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ވަރަށް ބޮޑަށް ރާއްޖެއަށްދަނީ ލިބެމުންނެވެ. މީގެތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއާއި، އދ.ގެ އެހެނިހެން ޖަމާޢަތްތަކާއި، އަވަށްޓެރި ޤައުމުތަކުގެ އިތުރުން، ބޭރުގެ ވިޔަފާރިވެރިންނާއި، ކުންފުނިތަކާއި، ޖަމިއްޔާ ޖަމާޢަތްތައްވެސް ހިމެނެއެވެ.