ޚަބަރު

ސަފާރީ ކޭސް : ތަހްގީގު ކުރިއަށް ގެންދަނީ ޖިންސީ އަނިޔާއަކަށްވުރެ ބޮޑުކަމެއް ހިނގާފައިވާކަމަށް ބަލައިގެން - ފުލުހުން


ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕުގެ މައްސަލައެއްގެ ގޮތުގައި ނޫން ކަމަށާ، ނަމަވެސް ޖިންސީ ޢަމަލަކަށްވުރެ ބޮޑުކަމެއް ހިނގާފައި ވެދާނެކަމަށް ބަލައިގެން މައްސަލަ ތަޙްޤީޤްކުރިއަށް ގެންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާނު ޔޫސުފް ވިދާޅުވީ، ދަންވަރުގެ ވަގުތެއްގައި އަންހެނަކު މޫދަށް ފުންމާލާނީ ކުޑަކަމެއްގައިކަމަށް ޤަބޫލު ނުކުރެވޭކަމަށެެވެ. އަންހެން މީހާގެ ވާހަކަތަކުން އެނގެނީ ސަފާރީގައި ފިރިހެނަކު އޭނާއަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމާއި، އިތުރު ބައެއްގެ ފަރާތުން އަނިޔާ ލިބިދާނެކަމަށް ބަލައިގެން އަންހެން މީހާ މޫދަށް ފުންމާލީކަމަށް އޭނާ ބުނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން ޖިންސީ އަމަލަކަށްވުރެ ބޮޑު ކަމެއް ހިނގާފައި ވެދާނެކަމަށް ބަލައިގެން މައްސަލަ ތަޙްޤީޤްކުރިއަށް ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މޫދަށް ފުންމާލާނީ ބޮޑު ކަމެއްވީމައޭ. އެ ސަބަބު ހޯދަންޖެހޭ. އެސަބަބު ޔަޤީންވަނީއެއް ނޫން. އަންހެނެއް، ދަންވަރު މޫދަށް ފުންމާނުލާނެ ކުޑަކަމަކު. ބޮޑުކަމެއްގައި ފުންމާލާނީ. މެންދުރު އޮންލައިންގައި ލިޔެފަ ހުރި ވާހަކަތައް ހަޤީޤަތުގައި ވިކްޓިމް ކިޔައދިން ވާހަކަތަކާއި ވަރަށް ތަފާތު. އެއީ އަޅުގަނޑުމެންނަށް ވިކްޓިމް ބުނެދީފައޮތީ ޖިންސީ ޢަމަލެއް ހިންގާފައި ދެވަނަ ފަހަރަށް ހިންގާފާނެތީ މޫދަށް ފުންމާލިކަމަށް." ޢަބްދުލްމަންނާނު ޔޫސުފް ވިދާޅުވިއެވެ.

މި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ޗީީފް އިންސެޕެކްޓަރ އޮފް ޕޮލިސް މަރްޔަމް އަޒްމާ ވިދާޅުވީ، ޖޫން 25ގައިި ސަފާރީގައި 27އަހަރުގެ ކެންޔާ އަންހެން މީހާއާއި އިތުރު ދެފިރިހެނަކު ހުޅުމާލެ ލަކުޑި ޖެޓީކައިރިން ފުލުހުންނަށް ފެނުމުން ސުވާލުކުރުމުން އެ އަންހެންމީހާ އެންމެ ފުރަތަމަ މަޢުލޫމާތުދިނީ ފޯނު ނުފެނިގެން އުޅޭކަމަށެވެ. ނަމަވެސް އިތުރަށް އެއަންހެންމީހާއާއި ސުވާލުކުރުމުން ސަފާރީގައި އޮތް ޕާޓީއަކަށް ދިޔަކަމަށް ބުނިކަމަށާއި، ފިރިހެނަކު އޭނާގެ ނުރުހުމުގައި ގައިގައި އަތްލާ ހެދުމުން އިތުރު ބައެއްގެ ފަރާތުން އަނިޔާ ލިބިދާނެތީ މޫދަށް ފުންމާލިކަމަށެވެ. އަދި އޭނާ މޫދުގައި އޮއްވާ ޑިންގީއެއްގައި ދެ ފިރިހެނަކު އައިސް އޭނާ މޫދުން ނެގިކަމަށް އޭނަ ބުނެފައިވާކަމަށް އަޒްމާ ވިދާޅުވިއެވެ.

އަޒްމާ ވިދާޅުވީ، މި މައްސަލައިގެ ތަޙްޤީޤަށް ހެކި ނަގާފައިވާކަމަށާއި، 11 މީހެއްގެ ބަޔާން ނަގާފައިވާކަމަށެވެ. އަދި އެސަރަޙައްދުން ފޯނު ހޯދާފައިވާކަމަށެވެ.

މި މައްސަލާގައި ފުލުހުން ކުރިން ވިދާޅުވެފައިވަނީ މިމައްސަލާގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނީ 39 އަހަރުގެ ދިވެހި ދެފިރިހެނުން ކަމަށެވެ. އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުޤީގެއް މިމައްސަލާގައި ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.