ތަރައްްޤީ

މާބައިދޫގެ އައު ނެރު ހެދުމުގެ މަސައްކަތް އަންނަމަހުގެ ކުރީކޮޅު ނިންމާލެވޭނެ: އެމް.ޓީ.ސީ.ސީ


ލ. މާބައިދޫގެ އައު ނެރު ހެދުމުގެ މަސައްކަތް އަންނަމަހުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން މާބައިދޫގައި ކުރިން ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އައު ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމައި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމަށް ތައްޔާރުވަމުންދާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ 17،503.96 ކިއުބިކް މީޓަރުގެ ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މަރޖް ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، ފާލަން އެޅުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރާނެއެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތުގެ 79 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ އަންނަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.

ލ. މާބައިދޫގެ އައު ނެރު ހެދުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 16.4 މިލިއަން ރުފިޔާއަށް ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.