ޚަބަރު

ހައުސިންގ މާރކެޓް ސްޓަޑީއެއް ހެދުމަށް، އެޗްޑީސީން އެމްއެންޔޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ހައުސިންގ މާރކެޓް ސްޓަޑީއެއް ހެދުމަށާއި، މިނޫންވެސް ތަފާތު އެކި ދިރާސާތައް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެޗް.ޑީ.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ސުޙައިލް އަޙުމަދެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރި އަދި ބޯހިޔާވަހިކަމުގެ މަޢުލޫމާތު ހޯދައި، މިކަމަށްޓަކައި މުވައްޒަފުން ތަމްރީނުކޮށް، މިކަމާއި ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމުގެ މަސައްކަތްތައް ކުރާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން އެޗް.ޑީ.ސީއާއި އެމް.އެން.ޔޫ ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ގެދޮރު ގަތުމާއި، ކުލީގެ އަގުތައް ކަނޑައެޅުމުގައި ބަލަންޖެހޭ މިންގަނޑުތައް ދިރާސާކުރުން، ފައިނޭންޝަލް ސެކްޓާގައި ލިކުއިޑިޓީ ހުރި މިންވަރު ދިރާސާކުރުން، އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދިމާވާ ދަތިތަކާއި، އިމާރާތް ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ ދިރާސާކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ޤާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ކަނޑައެޅުމަށް އިލްމީ ދިރާސާތަކުގެ އަލީގައި ލަފަޔާއި މަޝްވަރާދިނުން ހިމެނެއެވެ.

އެޗް.ޑީ.ސީގެ ފަރާތުން ހުޅުމާލެ ތަރައްޤީކުރުމުގައި އެކުލަވާލާ ޕްރޮޑަކްޓްތަކަކީ އެކަމަށް ބޭނުންވާ ޢިލްމީ ހޯދުންތަކާއި ދިރާސާތަކުގެ އަލީގައި ކުރެވޭ ކަންކަމަށްވުމަކީ އެކުންފުނިން ވަރަށް އިސްކަންދޭކަމެއްކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި އެމް.އެން.ޔޫއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ އަލީގައި ހުޅުމާލެ ތަރައްޤީކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތަކުގެ ފެންވަރު ދުވަހަކަށް ވުރެއް ދުވަހެއް ރަނގަޅުކުރުންކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.