ކޯވިޑް-19

ނ. ކުޑަފަރީންނާއި، ރ. ހުޅުދުއްފާރުން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ


ނ. ކުޑަފަރީންނާއި، ރ. ހުޅުދުއްފާރުން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނ. ކުޑަފަރީ ކައުންސިލުގެ ރައީސް ޙަސަން މުޙައްމަދު ވިދާޅުވީ، އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 90 އަހަރުން މަތީގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ފައިބިނދިގެން ނ. މަނަދޫ ހޮސްޕިޓަލަށް ދެއްކުމުން އެމަރޖެންސީގައި މާލެގެނެސް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ޓެސްޓް ހެދުމުންކަމަށް ޙަސަން މުޙައްމަދު ވިދާޅުވިއެވެ. އަދި އޭނާގެ ދެވަނަ ސާމްޕަލެއް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާގެ އާއިލާއާއި ޙަވާލާދީ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މިކަމާގުޅިގެން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި 30 މީހަކު ދެނެގަނެ، އެމީހުން ރަށުގައި މިހާރު އެކަހެރިކޮށްފައިވާކަމަށް ކުޑަފަރީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިހާރު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަަރާ ފޭބުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ކުޑަފަރީ ކައުންސިލުގެ ރައީސް ޙަސަން މުޙައްމަދު ވިދާޅުވިއެވެ.

ރ. ހުޅުއްދުފާރުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އިއްޔެ ސާމްޕަލްތައް ނަގައި ޓެސްޓުކުރުމުންކަމަށް ހުޅުދުއްފާރު ކައުންސިލުގެ ނައިބުރައީސް ޢަލީ ޖާވީދު ޕީ.އެސް.އެމް ނިއުސްއަށް ވަނީ މައުލޫމާތުދީފައެވެ. އޭނާ ވިދާޅުވީ، އެރަށުން މި ބައްޔަށް ޕޮޒިޓިވްވި ޒުވާނާ ހޯމް ކަރަންޓީން ފުރިހަމަކޮށްފައިވަނީ އެކަނި ގެއެއްގައިކަމުން އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހާކު ފާހަގަކުރެވިފައިނުވާކަމަށެވެ.

އެ އަތޮޅު ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޯވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައިވާތީ، ދުވާފަރު ކޭސްއާއި ގުޅިގެން ހުޅުދުއްފާރުގައިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި އެ މަސައްކަތަށް ރައްޔިތުން އެއްބާރުލުންދީ ކޮންމެހެން ބޭރަށް ދާންޖެހިގެންނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަށްއިރުވެސް ފޭސް މާސްކް އަޅައިގެން އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ރައްޔިތުންނަށް ނަޞޭހަތްތެރިވެފައިވާ ކަމަށް ހުޅުދުއްފާރު ކައުންސިލުން ވިދާޅުވެއެވެ.

ރ. ދުވާފަރުން ހޯމް ކަރަންޓީނުގައި ތިބި 3 ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ވަގުތީގޮތުން އަރާ ފޭބުން މަނާކޮށްފައެވެ.