ކޯވިޑް-19

ކޯވިޑް-19 : އޭ.ޑީ.ކޭއިން 3000 އެންޓިބޮޑީ ޓެސްޓް ހިލޭ ހަދައި ދެނީ


ކޯވިޑް-19އިން ރާއްކާތެރިވުމަށް ރާއްޖޭގައި ކުރީ ސަފުގައި މަސައްކަތް ފަރާތްތަކަށް ޚާއްސަކޮށްގެން 3000 އެންޓިބޮޑީ ޓެސްޓް ހިލޭ ހަދައިދިނުމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިންމައިފިއެވެ.

މިކަމާގުޅިގެން އޭ.ޑީ.ކޭ ހޮސްޕިޓަލުން ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް މި ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުކަމުން، އެފަދަ ފަރާތްތައް ބައްޔަށް ހުށަހެޅިފައިވޭތޯ ދެނެގަތުމަށް ބޭނުންވާތީ، އެންޓިބޮޑީ ޓެސްޓް ހަދައިދިނުމަށް އެދެމުންދާކަން ފާހަގަކުރެވިފައި ވާކަމަށެވެ. އެހެންކަމުން ކޯވިޑް-19 އިން ދިވެހިރާއްޖެ ރައްކާކޮށްދިނުމުގައި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކާއި އެމީހުންގެ ގޭބިސީގެ މީހުންނާއި، ޑެލިވަރީގެ ޚިދުމަތުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކޯވިޑް-19 އެންޓިބޮޑީ ޓެސްޓް ހިލޭ ހަދައިދިނުމުގެ ހަރަކާތެއް ހިންގުމަށް ނިންމާފައިވާކަމަށް އޭ.ޑީ.ކޭއިން ވިދާޅުވެއެވެ.

އެގޮތުން މި ހަރަކާތުގެ ތެރެއިން 3000 އެންޓިބޮޑީ ޓެސްޓް ހިލޭ ހަދައިދިނުމަށް ހަމަޖެހިފައިވާކަމަށާއި، މި ޓެސްޓްތައް ކުރާނީ ރޯޗް ކޯބާސް އެލެކްސިސް އީ-411 އިމިއުނޯ އެނަލައިޒަރ ބޭނުންކޮށްގެންކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މި އެންޓިބޮޑީ ޓެސްޓްކުރުމުގެ މަސައްކަތުގައި ބޭނުންކުރާނެ އުޞޫލުތައް ކަނޑައަޅާ، ޙާއްސަ ތާވަލެއް އެކުލަވާލާ، ކަމާބެހޭ ފަރާތްތަކާގުޅިގެން ޓެސްޓްކުރުމުގެ ކަންކަން އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19އާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕޮލިމަރައިޒް ޗެއިން ރިއެކްޝަން، ޕީ.ސީ.އާރް މެޝިނެއް ރާއްޖެގެނެސް، އެ ހޮސްޕިޓަލުގައި ކޯވިޑް-19 ޓެސްޓްކުރުމުގެ މަސައްކަތް މިދިޔަ މެއިމަހުގެ ތެރޭގައި ވަނީ ފަށާފައެވެ. މި މެޝިނަކީ ސާސް، ކޮރޯނާ ވައިރަސް އަދި ކޯވިޑް-19އަށް ޓެސްޓްކުރުވޭ މެޝިނެކެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށްޓަކާ ކުރާ މަސައްކަތުގައި ކުރީ ސަފުގައި މަސައްކަތް ކުރާ އެތައް ބައެއްގެ މިންނަތް މަސައްކަތް ފާހަގަކޮށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.