އަބޫދާބީގެ "އީގަލް ހިލްސް" ކުންފުނިން ރާއްޖޭގައި އިންވެސްޓްކުރަނީ ޤާނޫނުތަކާއެއްގޮތަށް ކަމަށާއި ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ވިއްކާނުލާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން އިންވެސްޓަރުންނަށް އެ ސަރަހައްދު ވިއްކާލަން ސަރުކާރުން ނިންމަވާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމާލޭގައި މި މަޝްރޫއު ހިންގުމަށް "އީގަލް ހިލްސް" އިން ވަނީ 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އިންވެސްޓްމަންޓުގެ ބަދަލުގައި ރަސްމާލޭގެ ބައެއް އެ ކުންފުންޏަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ތުހުމަތު ކުރަމުންނެވެ.
މިވާހަކަތަކާ ގުޅިގެން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ އީގަލް ހިލްސްއިން ރާއްޖެއަށް އިންވެސްޓް ކުރަނީ ރާއްޖޭގައި މިހާރުވެސް އިންވެސްޓްކޮށްގެން ހިންގާ މަޝްރޫއުތަކުގައި އިންވެސްޓްކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް މިހާރުވެސް ޤާނޫނުން 99 އަހަރުގެ ލީޒް މުއްދަތަކަށް ކުންފުނިތަކަށް ރަށްތަށް ދޭ ކަމަށާއި ރަސްމާލޭގައި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީވެސް އެ އުސޫލާއެއް ގޮތަށް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ދޫކުރާނީ ލީޒް އުސޫލުން ކަމަށާއި އެފަދަ ޕްރޮޕަޓީތައް ތަރައްގީކުރާ އުސޫލުން ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އެއްވެސް ގޮތަކަށް މިއީ ރާއްޖޭގެ އެއްވެސް ތަނެއް، އެއްވެސް ބިމެއް، އެންމެ ބިން ކޮޅެއްވެސް ވިއްކާލެވޭނެގޮތަށް ހިންގާ ޕްރޮޖެކްޓެއް ނޫން. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕްލެޖް ކުރައްވާފައި އޮތް ކަމެއް އެއީ ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ވިއްކާ ނުލައްވާނެކަމަށް. އެހެންވީމަ އެ އުސޫލު އަބަދުވެސް ދެމެހެއްޓޭނެ" މާލީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަށް އިންވެސްޓްކުރާ ކޮންމެ ކުންފުންޏަކުންވެސް އިންވެސްޓްކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުންތަކަށް އެއްބަސްވާގޮތަށް ކަމަށެވެ. އަދި އީގަލް ހިލްސްއާއެކުވެފައިވާ އެއްބަސްވުމުގައިވެސް ރާއްޖޭގެ ބިމެއްގެ މިލްކުވެރިކަން އެ ފަރާތްތަކަށް ލިބޭނެގޮތަށް ހިމަނާފައިނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މާލީ ވަޒީރު ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓަށްވާއިރު މީގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާގޮތުން އިގްތިސާދަށް ގިނަ ފައިދާތަކެއްވެގެންދާނެ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ވެގެންދާނީ ދިވެހިންނަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.