ޚަބަރު

ކުޑަކުޑަ ޒަލަފްގެ ޚާއްސަ މެސެޖް އެޑިއުކޭޝަން މިނިސްޓަރަށް

ކޯވިޑް-19ގެ ސަބަބުން ސްކޫލްތައް 3 މަސްފަހުން ހުޅުވި ނަމަވެސް ބައެއް ގްރޭޑްތަކުގެ ދަރިވަރުން ތިބީ ގޭގައެވެ. މާލެ ފިޔަވާ ހުރިހާ ރަށެއްގައި ގްރޭޑް 1 ފެށިގެން ކިޔަވާދިނުން ވަނީ ފަށާފައެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި ކިޔަވާދެމުން އަންނަނީ ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށެވެ.

ސްކޫލްތައް އަލުން ހުޅުވާލާފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކުރުމަށްފަހުގައެވެ. އެގޮތުން ސްކޫލްތަކަށް ދަރިވަރުންނާއި މުދައްރިސުން ނުކުންނަނީ މާސްކު އަޅައިގެންނެވެ. އަތް ދޮވެ ސެނިޓައިޒްކުރެވޭނެ ސްޓޭޝަންތައް ސްކޫލްގެ އެކި ސަރަޙައްދުތަކުގައި ވަނީ ޤާއިމުކޮށްފައެވެ.

ސްކޫލްތަކުގައި ކިޔަވާދޭން ފެށިނަމަވެސް ނާސަރީ އާއި ބޭބީ ނާސަރީގައި އަދި ކިޔަވާދޭން ފަށާފައެއް ނުވެއެވެ. ސްކޫލްތައް ނުހުޅުވި ގިނަ ދުވަސްވުމާއި ގުޅިގެން ކުދިން އަންނަނީ އެކުދިންގެ ޝުޢޫރުތައް އެކި ޕްލެޓް ފޯމްތަކުގައި ހިއްސާކުރަމުންނެވެ. އެގޮތުން ސްކޫލްތައް އަވަހަށް ހުޅުވާދެއްވުމަށް އެދި ކުޑަކުއްޖަކުވަނީ މިއަދު އެޑިއުކޭޝަން މިނިސްޓަރަށްވެސް ޚާއްސަ މެސެޖެއް ފޮނުވާފައެވެ.

ތުއްތު ޒަލަފް މިނިސްޓަރަށް ފޮނުވި މެސެޖްގައި އެދިފައިވަނީ އަވަހަށް ސްކޫލްތައް ހުޅުވާދިނުމަށެވެ. އަދި ސްކޫލަށް ގޮސް އުފާކޮށްލާ ހިތްހަމަޖައްސާލަން ބޭނުންވާކަމަށްވެސް ޒަލްފް ބުނެއެވެ. މިވީޑިއޯ ޓުވީޓުކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރ ވަނީ ވަރަށް އަވަހަށް ސްކޫލްތައް ހުރިހާ ކުދިންނަށް ހުޅުވާލުމަށް މަސައްކަތްކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ވަރަށް އަވަހަށް އެކަން އެގޮތަށް ވެގެންދާނެކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.


ކޯވިޑް-19ގެ ސަބަބުން ސްކޫލްތައް މާޗުމަހުގެ 11 ވަނަ ދުވަހު ބަންދުކުރުމަށްފަހު އަލުން ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ކިޔެވުން ބަންދުކުރުމާއި ގުޅިގެން ދަރިވަރުންގެ ކިޔަވާދެމުން އަންނަނީ އޮންލައިންކޮށެވެ. ޓެލިކިލާހާއި ގޫގުލް ކްލާސް މެދުވެރިކޮށް ޕީއެސްއެމާއި އެހެނިހެން މީޑިއާތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ޓީޗަރުން މެދުވެރިކޮށް ފޯރުކޮށްދެމުންވެެ.