ވިޔަފާރި

ބޯޑަރު ހުޅުވާލާ ދުވަހު 30 ރިސޯޓަކުން ޙިދުމަތް ދޭން ވަނީ ތައްޔާރުވެފައި


ރާއްޖޭގެ ފަތުރުވެރިކަމުގެ 47 އަހަރުގެ ދިގު ތާރީހުގައިވެސް ރިސޯޓުތައް ބަންދުކުރި މިއީ ފުރަތަމަ ފަހަރެވެ. ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ރިސޯޓްތައް ބަންދުކޮށްފައިވާތާ 3 މަހަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ. ނަމަވެސް މިމަހުގެ 15 ވަނަ ދުވަހު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާއި ރިސޯޓްތައް ހުޅުވާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިނަމަވެސް އެކި ރިސޯޓްތައް ހުޅުވާލުމަށް ތައްޔާރުވެފައިވަނީ އެކި ތާރީހުގައެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ޖުލައިމަހު ގިނަ ރިސޯޓްތަކެއް ހުޅުވާލައި ޙިދުމަތްދޭން ފަށާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރުވެސް އޮޕަރޭޝަންގައި 8 ރިސޯޓެއް އެބައޮތެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަސްކަމަށްވާ ޖުލައިމަހުގެ 15 ވަނަ ދުވަހު 30 ރިސޯޓެއް ހުޅުވާލާ ޙިދުމަތްދޭން ފަށާނެކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. އަދި މުޅި ޖުމްލަ 34 ރިސޯޓެއް މިމަހުގެ ތެރޭގައި ހުޅުވާލާނެއެވެ.

އޮގަސްޓް މަހުގެ 1 ވަނަ ދުވަހު 21 ރިސޯޓެއް ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް ހުޅުވާލުމަށް ވަނީ ތައްޔާރުވެފައެވެ. އަދި މުޅި އޮގަސްޓް މަހުގެ ތެރޭގައި 25 ރިސޯޓެއް ޙިދުމަތަށ ނިކުންނާނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަހުގެ ތެރޭގައި 28 ރިސޯޓް ހުޅުވާނެއެވެ. އަދި އެންމެ ގިނަ އަދަދެއްގެ ރިސޯޓް ހުޅުވުމަށް މިހާރު ތާވަލްކޮށްފައިވަނީ އޮކްޓޯބަރު މަހުގެތެރޭގައެވެ. އޮކްޓޯބަރުމަހުގެ ތެރޭގައި 46 ރިސޯޓް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ނޮވެމްބަރުމަހު 2 ރިސޯޓް އަދި ޑިސެމްބަރުމަހު 1 ރިސޯޓް ހުޅުވުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ޖަނަވަރީމަހު 1 ރިސޯޓް ހުޅުވާއިރު، ހުޅުވާނެ ވަކި ތާރީހެއް ކަނޑަނާޅާ 8 ރިސޯޓް އެބައޮތެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށް ޖުމްލަ 166 ރިސޯޓް އަންނަނީ ހިންގަމުންނެވެ. ހުރިހާ ރިސޯޓްތަކެއްގެ ބެޑް ކެޕޭސިޓީ ޖުމްލަ 37522 އަށް އަރައެވެ. ބޯޑަރު ހުޅުވާލުމާއެކު ޙިދުމަތްދޭން ތައްޔާރުވެފައިވާ ރިސޯޓްތަކަށް ބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޓްކުރާ ރިސޯޓްތައް ހިމެނެއެވެ. އެހެންކަމުން ވަކި ސަރަހައްދަކަށް މީގެ މަންފާ ނުލިބި މުޅި ރާއްޖެ ހިމެނޭގޮތުން މިކަމުން ނަފާ ލިބިގެންދާނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ރިސޯޓްތަކުން ފަތުރުވެރިންނަށް ޙިދުމަތްދޭން ތައްޔާރުވެފައިމިވަނީ ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްއެއް ނުނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.