މުނިފޫހިފިލުވުން

އަޖޭގެ "މައިދާން" ރިލީޒްކުރުން 2021 އަށް ފަސްކޮށްފި


އަޖޭ ދޭވްގަންގެ "މައިދާން" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މިކަން ހާމަކޮށް އަޖޭގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ފިލްމުގެ ޕޯސްޓަރަކާއެކު މި ފިލްމް ރިލީޒްކުރާނެ އައު ތަރީޚު ވަނީ ހާމަކޮށްފައެވެ. މި ފިލްމް މިހާރު ރިލީޒްކުރާގޮތަށް ހަމަޖެހިފައިވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް 13 އޮކްޓޯބަރު 2021 ގައެވެ. މިއީ މިއަހަރުގެ ނޮވެމްބަރުމަހު ރިލީޒްކުރާގޮތަށް ކުރިން ހަމަޖެހިފައިއޮތް ފިލްމެކެވެ. މި ފިލްމް ރިލީޒްކުރުން ފަސްކުރި މައިގަނޑު ސަބަބު ހާމަކޮށްފައި ނުވިނަމަވެސް، މި ފިލްމް ނެރުން ފަސްކޮށްފައިވަނީ ކޯވިޑް-19ގެ ސަބަބުން ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތަކަށް ބުރުއެރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

އަމިތު ރަވިންދްރެނާތު ޝަރުމާ ޑައިރެކްޓްކުރާ "މައިދާން" އަކީ އިންޑިއާގެ ފުޓުބޯޅައިގެ ރަން ޒަމާން ދައްކުވައިދޭ ބައޮގްރެފިކަލް ސްޕޯޓްސް ފިލްމެކެވެ. އެގޮތުން މި ފިލްމުގައި އަޖޭ ކުޅޭނީ އިންޑިއާގެ ލެޖެންޑްރީ ފުޓުބޯޅަ ކޯޗެއްކަމަށްވާ ސަޢީދު ޢަބްދުލްރަހީމުގެ ރޯލެވެ. އޭނާއަކީ އިންޑިއާއަށް ފުޓުބޯޅަށް ތަޢާރަފުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި އަދި އިންޑިއާގެ ފުޓުބޯޅައިގެ ބައްޕަގެގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކުޅަދާނަ ކޯޗެކެވެ. 1950 އިން ފެށިގެން 1963 އަހަރު އޭނާ މަރުވުމާ ހަމައަށްވެސް ސަޢީދު ވަނީ އިންޑިއާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާއި މެނޭޖަރުކަންވެސް ކޮށްފައެވެ. މި ފިލްމަކީ މީގެ ކުރިން އަޑުއިވިފައިނުވާ އެތައް ވާހަކަތަކެއް ގެނެސްދޭ އިންޑިއާގެ ކޮންމެ މީހަކުވެސް ފަޚުރުވެރިވާނެ ފިލްމަކަށްވާނެކަމަށް އަޖޭ ބުނެފައިވެއެވެ.

"މައިދާން"ގައި އަޖޭއާއެކު ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ސައުތު އިންޑިއަން ސިނަމާގައި މަޝްހޫރު ފަންނާނެކަމަށްވާ ޕްރިޔަމަނީއެވެ. އަދި ގަޖްރަޖް ރާއޯވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.