މުނިފޫހިފިލުވުން

ބޮޑު ހިސާބުގަނޑަކަށްފަހު "ޝަކުންތަލާ ދޭވީ" ޕްރިމިއަރ ކުރާ ތާރީޚު ވިދްޔާ ހާމަކޮށްފި


ބޮލީވުޑްގެ ކާމިޔާބު ބަތަލާ ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމް "ޝަކުންތަލާ ދޭވީ" ޕްރިމިއަރ ކުރާ ތާރީޚު ވިދްޔާ ހާމަކޮށްފިއެވެ.

ފިލްމް ޕްރޮޑަކްޝަން ޓީމުން މި ފިލްމުގެ އައު ޕްރޮމޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު، ޕްރޮމޯގައި ފެންނަނީ ވިދްޔާ ބޮޑެތި ހިސާބު އަދަދުތަކެއް ކަލްކިއުލޭޓް ކުރަން ބެލުންތެރިންގެ ކިބައިން އެދޭތަނެވެ.

1 މިނެޓްގެ ކުރު މި ކްލިޕްކޮޅުގައި ހިސާބު އަދަދުތައް ވިދްޔާ ފުރަތަމަ ކިޔަނީ ވަރަށް އަވަސް އަވަހަށެވެ. ނަގައިގަންނަން އުދަގޫވެދާނެކަމަށް ބަލާ ދެވަނަ ފަހަރު އެއަށްވުރެ ލަހުން އަދަދުތައް އޭނާ ކިޔައެވެ. އަދި ޖަވާބު ބޭނުންވަނީ ވާއަތުން ކަނާއަތަށް ނޫނީ ކަނާއަތުން ވާއަތަށްތޯ ވިދްޔާ އަހައެވެ. ވިސްނާލަން ކުޑަ ސިކުންތުކޮޅެއް ދިނުމަށްފަހު އޭނާ ޖަވާބު ކަނާއަތުން ވާއަތަށް ވާގޮތަށް ކިޔައެވެ. ޖަވާބެއްގެ ގޮތުގައި އޭނާ ބުނަނީ 31072020 އެވެ. އަދި އޭގެ މާނައަކީ އެ ފިލްމް ވޯލްޑް ޕްރިމިއަރކުރާނީ 31.07.2020 ގައި ކަމަށް ވިދްޔާ ބުނެއެވެ. ކްލިޕްކޮޅު އޭނާ ނިންމާލަނީ އަދިވެސް ކޮމްޕިއުޓަރުން ޖަވާބު ނުހޯދޭތޯ އަހަމުންނެވެ.

ކޮންމެއަކަސް ވިދްޔާގެ މި ޕްރޮމޯކޮޅުވެސް ގުޅުވާލާފައިވަނީ އޭނާގެ ފިލްމުގެ ކޮންސެޕްޓާއެވެ. މިމަހު 31 ގައި އެމަޒޯން ޕްރައިމް ވީޑިއޯގައި ޕްރިމިއަރ ކުރާ މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަދި ހިތު ހިސާބަށް މަޝްހޫރުވެފައިވާ ޝަކުންތަލާ ދޭވީގެ ޙަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ބަޔޯޕިކްއެކެވެ.

"ހިއުމަން ކޮމްޕިއުޓަރ"ގެ ގޮތުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޝަކުންތަލާ ވަނީ 13 ޑިޖިޓްގެ ދެ ޢަދަދު އެއްވެސް ކަހަލަ ކަލްކިއުލޭޓަރެއް ބޭނުންކުރުމަކާ ނުލާ ހިތުން ގުނަކުރުމަށްފަހު އެންމެ 28 ސިކުންތުގެ ތެރޭ ޖަވާބު ރަނގަޅުކޮށް 1980 ވަނަ އަހަރު ގިނިސް ވޯލްޑް ރިކޯޑް ފޮތުންވެސް ޖާގަހޯދާފައެވެ. މި ފިލްމުން ޝަކުންތަލާގެ ޙަޔާތުގައި ހިނގާފައިވާ މިފަދަ މުހިއްމު އެތައް ކަންތައްތަކެއް ގެނެސްދޭނެއެވެ.

ވިކްރަމް މަނޯތުރާ ޕްރޮޑިއުސްކޮށް، އަނޫ މެނޮން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޝަކުންތަލާގެ ރޯލުން ވިދްޔާ ފެނިގެންދާއިރު، ޖިޝޫ ސެންގުޕްތާ، ސަންޔާ މަނޯތުރާ އަދި އަމިތު ސާދުވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނެއެވެ.

އިންޑިއާ ސަރުކާރުންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ "ޕަދްމާ ޝްރީ" އެވޯޑާއި، ޤައުމީ ފިލްމް އެވޯޑުވެސް ޙާސިލުކޮށްފައިވާ ވިދްޔާ އެންމެފަހުން ކުޅުނު ފިލްމް "މިޝަން މަންގަލް"އަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ކާމިޔާބު ފިލްމެކެވެ.