މުނިފޫހިފިލުވުން

ކޭ-ޕޮޕް : ބްލެކްޕިންކްއަށް ބީޓީއެސް ފަހަތަށް ޖައްސާލެވިދާނެތަ؟


މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މިހާރު އެންމެ މަޤުބޫލު އެއް ޖޯންރާއަކީ "ކޭ-ޕޮޕް" އޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

ދެކުނު ކޮރެއާއިން އުފަންވި ކޭ-ޕޮޕް މިއުޒިކްގެ ލަވަތަކަކީ ދެކުނު ކޮރެއާގެ އިތުރުން ދުނިޔޭގެ އެތައް މިތަނުގައި އުޅޭ ޒުވާނުންގެ މެދުގައިވެސް މިހާރު މަޝްހޫރު ލަވަތަކެކެވެ. ކޭ-ޕޮޕް ލަވަތަކަށް އޮންނަ ފޯރި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން ފެންނަމުންދާއިރު، އޭގެ ތެރެއިން އެންމެ ވާދަވެރި އަދި ޑިމާންޑް ބޮޑު އެއް ޕްލެޓްފޯމަކީ ޔޫޓިއުބެވެ.

ކޭ-ޕޮޕް ބޭންޑުތަކުގެ ތެރެއިން އެންމެ މަޤުބޫލު ބޭންޑަކީ 2010 ވަނަ އަހަރު ވުޖޫދުވި ފިރިހެން ބޭންޑް ބެންގްޓަން ބޯއީސް ނުވަތަ ބީޓީއެސްކަމަށް ގިނަބަޔަކު ބުނާއިރު، އެ ބޭންޑުން ވަނީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އިންޓަނެޓާއި ޔޫޓިއުބްގެ އެތައް ރިކޯޑްތަކެއް ޤާއިމުކޮށްފައެވެ. އެހެންނަމަވެސް ދެކުނު ކޮރެއާގެ އެންމެ ބޮޑު އެއް އެންޓަޓެއިންމަންޓް ކުންފުނިކަމަށްވާ "ވައި ޖީ އެންޓަޓެއިންމަންޓް"އިން 2016 ވަނަ އަހަރު ލޯންޗްކުރި އަންހެން ބޭންޑް "ބްލެކްޕިންކް" އާއެކު ކޭ-ޕޮޕްގެ ދުނިޔޭގައި އޮތް ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބީޓީއެސްގެ މުހިއްމު ރިކޯޑެއް ބްލެކްޕިންކްއިން ދާދިފަހުން މިވަނީ މުގުރާލާފައެވެ.

ގާތްގަނޑަކަށް އަހަރެެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު "ކަމްބެކް" އެއްގެގޮތުގައި ބްލެކްޕިންކްއިން އެމީހުންގެ އައު ވީޑިއޯ ލަވަ "ހައު ޔޫ ލައިކް ދެޓް" ރިލީޒްކުރުމާއެކު އެ ލަވަ ވަނީ 24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބްއިން އެންމެ ގިނަ ވިއުސް ލިބުނު ލަވައިގެ ރިކޯޑް މުގުރާލާފައެވެ. އެގޮތުން 26 ޖޫން 2020 ޔޫޓިއުބްގައި ރިލީޒްކުރި މި ލަވައަށް 24 ގަޑިއިރުގެ ތެރޭގައި 86.3 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. މި ރިކޯޑް ކުރިންއޮތް ބީޓީއެސްގެ "ބޯއީ ވިތް ލަވް"އަށް 24 ގަޑިއިރުގެ ތެރޭގައި ލިބިފައިވަނީ 74.6 މިލިއަން ވިއުސްއެވެ. މީގެ އިތުރުން ބްލެކްޕިންކްއިން ވަނީ، ބީޓީއެސް ބޭންޑް މެނޭޖްކުރާ ބިގް ހިޓް ލޭބަލްސްއާއި މަޝްހޫރު ފިރިހެން ބޭންޑް "ވަން ޑައިރެކްޝަން"ގެ މައްޗަށް 39.9 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުންނާއެކު ޔޫޓިއުބްގައި ކުރި ހޯދާފައެވެ.

މިއީ ބްލެކްޕިންކް އިން ޔޫޓިއުބް ރިކޯޑެއް މުގުރާލި ފުރަތަމަ ފަހަރެއް ނޫނެވެ.

2019 ވަނަ އަހަރުގެ އޭޕްރީލްމަހު އެ ބޭންޑުން ރިލީޒްކުރި "ކިލް ދިސް ލަވް"ވެސް ވަނީ ޔޫޓިއުބްގައި 24 ގަޑިއިރުގެ ތެރޭ އެންމެ ގިނަ ވިއުސް ލިބުމުގެ ޝަރަފު ހޯދާފައެވެ. ނަމަވެސް އޭގެ ހަފްތާއެއްފަހުން ބީޓީއެސް އިން ވަނީ "ބޯއީ ވިތް ލަވް"އާއެކު 24 ގަޑިއިރުގެ ތެރޭ ޔޫޓިއުބްގައި އެންމެ ގިނަ ވިއުސް ހޯދުމުގެ ރިކޯޑް އަހަރަކަށްވުރެ ގިނަ ދުވަހަަށް ދަމަހައްޓާފައެވެ. ޔޫޓިއުބްގައި އެންމެ ފުރަތަމަ 1 ބިލިއަން ވިއުސް ލިބުނު ކޭ-ޕޮޕް ބޭންޑްގެ ޝަރަފު ހޯދާފައިވަނީ ބްލެކްޕިންކުންނެވެ. އެއީ 2018 ވަނަ އަހަރު އެ ބޭންޑުން ރިލީޒްކުރި ފުރަތަމަ އަލްބަމް "ސްކޮއަރ އަޕް"ގެ ލީޑް ލަވަ "ޑޫ-ޑު ޑޫ"އެވެ. މި ލަވަ ވަނީ އެމެރިކާގެ ބިލްބޯޑް 200 އިންވެސް ޖާގަ ހޯދާފައެވެ.

ބްލެކްޕިންކްއިން 2016 ވަނަ އަހަރު ރިލީޒްކުރި އެ ބޭންޑުގެ ފުރަތަމަ 2 ސިންގަލްސް "ބޫމްބަޔާ"އާއި "ވިސުލް" ސައުތު ކޮރެއާގައި ހިޓްވިއިރު، ޔޫ.އެސް ވޯލްޑް ޗާޓުގެ އެއްވަނަ އަދި ދެވަނައިގައިވެސް ހިމެނިފައިވެއެވެ. އެފަހުން ބްލެކްޕިންކް ވެފައިވަނީ އެންމެ މަޤުބޫލު ކޭ-ޕޮޕް އަންހެން ބޭންޑަށެވެ. އެމީހުންގެ ހުރިހާ ލަވަތަކެއް ހެން ކޮރެއާ ބައްރުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި ކޭ-ޕޮޕް ފޭނުންގެ މެދުގައި ވަނީ މަޤުބޫލުވެފައެވެ.

ބީޓީއެސްއާއި ބްލެކްޕިންކް އާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވިނަމަވެސް، ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އަދިވެސް ކުރީގައި އުޅެނީ ބީޓީއެސްކަމަށް ބުނެވިދާނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތަކަށް ބަލާލާއިރު، ބީޓީއެސްއިން ވަނީ 4 ބިލްބޯޑް މިއުޒިކް އެވޯޑާއި، 4 އެމެރިކަން މިއުޒިކް އެވޯޑް އަދި 2 އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑް ހޯދާފައެވެ. އަދި އެމެރިކާގެ އެންމެ މަޤުބޫލު މިއުޒިކް ޗާޓްތައްކަމަށްވާ ބިލްބޯޑް 200 އާއި ބިލްބޯޑް ހޮޓް 100 ފަދަ ޗާޓުތަކުގައި ބީޓީއެސްގެ ގިނަ ލަވަތަކެއް ހިމެނިފައިވެއެވެ. 2018 އިން 2020 ދެމެދު ބީޓީއެސް އިން ވަނީ 4 ނަންބަރ ވަން އަލްބަމާއެކު މަޝްހޫރު ރޮކް ބޭންޑް "ދަ ބީޓްލްސް"ގެ ރިކޯޑު މުގުރާލާފައެވެ. މިއީ 2 އަހަރުގެ ތެރޭ މިއުޒިކް އެހެން އެއްވެސް މިއުޒިކް ބޭންޑަކަށް ނުހޯދޭ ވަރުގެ ކާމިޔާބީއެކެވެ.

ސޯޝަލް މީޑިއާ އެންގޭޖްމަންޓަށް ޖެހިލާއިރުވެސް ކުރީގައި އުޅެނީ ބީޓީއެސްއެވެ.

ބީޓީއެސްއިން ވަނީ 2018 ވަނަ އަހަރު އެންމެ ގިނަ ޓުވިޓަރ އެންގޭޖްމަންޓާއެކު ގިނިސް ވޯލްޑް ރިކޯޑުންވެސް ޖާގަހޯދާފައެވެ. 2017 އާއި 2018 ވަނަ އަހަރު އެންމެ ގިނައިން ޓުވިޓަރގައި ވާހަކަދެކެވުނު ސެލްބްރިޓީންގެ ތެރޭގައި ބީޓީއެސްގެ ލަވަލިޔުންތެރިން ހިމެނެއެވެ. އަދި 2019 ވަނަ އަހަރު އެންމެ ގިނަ މީހުން ގޫގުލްކުރި ފިރިހެން ބޭންޑަކީވެސް ބީޓީއެސްއެވެ.

މި 2 ބޭންޑަކީވެސް ކޭ-ޕޮޕް މިއުޒިކް ދުނިޔޭގައި އެންމެ ކުރީގަައި ވާދަކުރާ ފޭންބޭސް މިލިއަނުން ގުނާލެވޭ 2 ބޭންޑެވެ. ކޭ-ޕޮޕްގެ ލަވަތަކަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު ރާއްޖޭގައިވެސް އުޅޭތީ، "ބްލެކްޕިންކްއަށް ބީޓީއެސްގެ މައްޗަަށް ކުރި ހޯދިދާނެތޯ؟" މި ސުވާލާމެދު ގޮތެއް ނިންމުމަށް ފޭނުންނަށް ދޫކޮށްލާނަމެވެ.