ހޮނިހިރު ދުވަހު ޖަޕާނުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށްޓަކައި ޤައުމީ ޝޫޓިން ޓީމުން ޖަޕާނުގައި ފަރިތަކުރުންތައް ފަށައިފިއެވެ.
އެގޮތުން ބުރާސްފަތިދުވަހު ޓީމުގެ ޓްރޭނިންތައް ފަށާފައިވާއިރު، ހުކުރުދުވަހު ކުރިއަށްދާނީ އިކުއިޕްމަންޓް ކޮންޓްރޯލް ޓްރޭނިންއެވެ. އަދި ހޮނިހިރު ދުވަހު މުބާރާތުގެ ކުރިން ބާއްވާ ޕްރީ އިވެންޓް ޓްރޭނިންއެއް އެއާ ރައިފަލް އަންހެން އެތުލީޓުންނަށް އޮންނާނެއެވެ. މިއީ 29 ވަނަ ދުވަހުގެ އޮންނަ މެޗުގެ ކުރިން ލިބޭ ޓްރޭނިން މެޗެއްކަމަށް ޝޫޓިން އެސޯސިއޭޝަނުންވަނީ މައުލޫމާތުދީފައެވެ.
އަދި 20 ވަނަ ދުވަހު އެއާ ރައިފަލް ވިމެން ކޮލިފިކޭޝަން މެޗު ތާވަލުކޮށްފަވާއިރު، އެއާ ރައިފަލް މެން ކޮލިފިކޭޝަން މެޗު ތާވަލުކޮށްފައިވަނީ 21 ވަނަ ދުވަހަށެވެ. މި މެޗުގެ ކުރިން 20 ވަނަ ދުވަހު އެއާ ރައިފަލް ފިރިހެން އެތުލީޓުންނަށްވެސް ޕްރީ މެޗު އިވެންޓެއް ކުރިއަށްދާނެކަމަށް ޝޫޓިން އެސޯސިއޭޝަނުންވަނީ މައުލޫމާތުދީފައެވެ.
ޝޫޓިން ޓީމުން ޖަޕާނުގައި ފޯރިއާއެކު ޖަޕާނުގައި ޓްރޭނިންތައް ކުރިޔަށް ގެންދާއިރު، ޓީމުގެ އަމާޒަކީ ކޮންމެ އެތުލީޓެއްވެސްވާދަކުރާ ކެޓަގަރީއަކުން ފައިނަލްގެ ފުރުސަތު ހޯދުމެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ޤައުމީ ޝޫޓިން ޓީމުގެ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އުންމީދީ ޤައުމީ ޝޫޓަރުންވަނީ އެ އެތުލީޓުންގެ އުންމީދުތަކާއި ޓާގެޓްތައް ހިއްސާކޮށްފައެވެ.
10 މީޓަރު އެއާ ރައިފަލްގެ ޤައުމީ ރެކޯޑް ދަމަހައްޓަމުން އަންނަ އާއިޝަތު އީޝާ ޝަހީދު ބުނެފައިވަނީ އުންމީދަކީ ފައިނަލުން ފުރުސަތު ހޯދާ މެޑައްޔަކާއެކު ޤައުމަށް އައުންކަމަށެވެ. ޒުވާން ޝޫޓަރު އުމަރު މުހައްމަދު ނަޝީދުގެ އުންމީދަކީ އޭޝިއަން ގޭމްސްގައި ރަނގަޅު ޕަރފޯމަންސެއް ދައްކައި އޭނާގެ ޕާސަނަލް ބެސްޓް ހެދުންކަމަށް ބުނެފައިވާއިރު، ތަޖުރިބާކާރު ޝޫޓަރު އިބްރާހީމް ޝިފާން ބުނެފައިވަނީ މިފަހަރު ޝޫޓިން ޓީމަކީ އުންމީދީ ޓީމެއްކަމަށެވެ. އެއީ އެތައް ޝޫޓަރުންތަކެއްގެ ތެރެއިން ހޮވާލެވުނު ހުނަރުވެރި ސްކޮޑެއްކަން ފާހަގަކުރަމުން އޭނާވަނީ މުބާރާތަށް ފޮނި އުންމީދުތަކެއްކުރާކަމަށް ބުނެފައެވެ.
މިހާތަނަށް ރާއްޖެއަށް ޝޫޓިން ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރިހި މެޑަލް ގެނެސްދީ ތާރީޚުގެ ތެރެއިން ޖާގަ ހޯދި މަރިޔަމް އީޝަލް މިސްބާހުވެސް މެޑައްޔަކަށް އަމާޒު ހިފާފައިވާއިރު، އުންމީދީ އެތުލީޓުންކަމަށްވާ އައިނާ ޝޫޢާ އަޚްތަރާއި ޢާއިޝަތު އީން އަސްލަމްގެ އަމާޒަކީވެސް ޤައުމު ފަޚުރުވެރިވާނެ ފަދަ ނަތީޖާތަކެއް ހޯދުންކަމަށް މި ދެ އެތުލީޓުންވެސްވަނީ ބުނެފައެވެ.
އޭޝިއަން ގޭމްސްއަށް ޝޫޓިން ސްޕޯޓްއިން ގޮސްފައިވާ ކޮންޓިންޖެންޓަކީ މިހާތަނަށް މިކުޅިވަރުން އޭޝިއަން ގޭމްސްއަށް ދިޔަ އެންމެ ބޮޑު ކޮންޓިންޖެންޓެވެ. ޖުމްލަ 12 ޝޫޓަރުން ހިމެނޭ ޓީމުގެ ފުރަތަމަ އިވެންޓުތައް ކުރިއަށްދާނީ 20 ވަނަ ދުވަހުއެވެ.