ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 4 ތަނެއް ބަލައި ފާސްކުރަނީ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއަރުސީ)ގެ ޚިޔާނާތާ ގުޅިގެން މާލެއާއި ހުޅުމާލޭގެ 4 ތަނެއް ބަލައި ފާސްކުރަން ފަށައިފިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެތަންތަން ފާސްކުރަން ފަށާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނާއި ބެހޭ މަޢުލޫމާތު ހާމަކުރާނީ އޭސީސީން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން މީގެކުރިންވެސް ތަންތަން ބަލާ ފާސްކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު އިތުރަށް ވަރުގަދަކޮށް ތަޚްޤީޤު ހިންގުމުގައި އިތުރު ވަސީލަތްތައް ބޭނުންކުރުމަށް ނިންމާފައިވާ ކަމުގައި ދާދިފަހުން ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.