ތަޢުލީމު

40 އަހަރަށްފަހު ފޯކައިދޫ ސްކޫލުގެ ޔުނިފޯމް ހުދާއި ފެއްސަށް


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުން މެދުކަނޑާލިތާ 3 މަހަށްވުރެ ގިނަ ދުވަސްފަހުން، އަލުން ސްކޫލްތަކުގައި ކިޔަވައިދޭން ފެށިއިރު، ށ. ފޯކައިދޫ ސްކޫލަށް މިއަދަކީ ތާރީޚީ ދުވަހެކެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފޯކައިދޫ ސްކޫލުން ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާފައިވަނީ އެ ސްކޫލުގެ އައު ޔުނިފޯމުގައެވެ. 1980 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން ބޭނުންކުރަމުންދިޔަ ޔުނިފޯމަށް ބަދަލުގެނައި މިއީ ފުރަތަމަ ފަހަރެވެ. ސްކޫލުގެ 40 އަހަރުވީ ތާރީޚުގައި ބޭނުންކުރަމުންދިޔަ ހުދު ޔުނިފޯމް މިހާރު މިވަނީ ހުދާއި ފެހިކުލައިގެ ގޮޅިޖެހި ޔުނިފޯމަކަށް ބަދަލުކޮށްފައެވެ. މިއީ ހަމަޤައިމުވެސް އެ ސްކޫލުގެ ދަރިވަރުންނަށް އިތުރު ހިތްހަމަޖެހުމަކާއި އުފަލެއް ގެނުވާނެކަމެއްކަން ޔަޤީނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ، ސްކޫލުގެ ޔުނިފޯމް ބަދަލު ކުރުމުގެ މަސައްކަތަކީ މީގެ 4 އަހަރު ކުރިން ފެށި މަސައްކަތެއްކަމަށެވެ. އަދި ޔުނިފޯމް ބަދަލުކުރުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުކަމަށެވެ. މަތީން ވިދާޅުވީ، އައު ޔުނިފޯމް ބޭނުންކުރުމަށް އެ ސްކޫލުން ފުރަތަމަ ނިންމީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ދުވަހަށްކަމަށެވެ. ނަމަވެސް އެހާތަނަށް އެކަން ކުރެވޭގޮތްނުވީ ފޮތި ލިބުން ދަތިވުމުންކަމަަށް އޭނާ ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ސްކޫލުގެ ޔުނިފޯމް ބަދަލުކުރަން ނިންމި މައިގަނޑު ސަބަބަކީ ހުދު ޔުނިފޯމް އަވަހަށް ކިލާވެ ބާވާތީ އެކަމުގެ ސަބަބުން ބެލެނިވެރިން ކުރަމުންދިޔަ ޝަކުވާތަކަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. ޔުނިފޯމާއެކު އަންހެން ކުދިން އަރާ ބޫޓާއި އިސްޓާކީނު ވަނީ ކަޅު ކުލައަަށް ބަދަލުކޮށްފައެވެ.

"ޔުނިފޯމުގެ ޑިޒައިނާއި ކުލަ އަޅުގަނޑުމެން ފާސްކުރީ ސްކޫލް މެނޭޖްމަންޓާއި، ޕީ.ޓީ.އޭ އަދި ބެލެނިވެރިންނާއި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށްފަހު. ވިސްނުމަކަށްވީ ޕްލޭން ފޮއްޗަަކަށް ނުދާން. އެއީ އެއްޗެއް ހޭކިއްޖެނަމަ ފަސޭހައިން ފާޅުވާން ހުންނާނެތީ. އެހެންވެ ޑިޒައިން ފައިނަލް ކުރިއިރު ބެލީ ކުދިންނަށް ލާން ފަސޭހަ ކޮޓަންއާއި ޕޮލިސްޓަރު ފޮތި ހިމެނޭހެން ސްކޫލުގެ ކުލައާއި ގުޅޭނެގޮތަކަށް ޔުނިފޯމް ފަރުމާކުރަން" މަތީން ބުންޏެވެ.

ފޯކައިދޫ ސްކޫލުގެ ޔުނިފޯމަށް ގެނައި ބަދަލުތަކަށް ބަލާލާއިރު، އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 6 އަކާއި ހަމައަށް ކިޔަވާ ފިރިހެން ދަރިވަރުންނަށް ޚާއްސަކޮށްފައިވަނީ ހުދާ ފެހި ކުލައިގެ ކުދިގޮޅިޖެހި އަތްކުރު ޔުނިފޯމާއެކު ކަޅު ބެލްޓާއި، ކަޅު ފަޓުލޫނާއި، ކަޅު އިސްޓާކީނު އަދި ކަޅު ބޫޓެވެ. އަންހެން ދަރިވަރުން ބޭނުންކުރާނީ ހުދާ ފެހި ކުލައިގެ ކުދިގޮޅިޖެހި އަތްކުރު ޔުނިފޯމާއެކު ކަޅު ބެލްޓާއި، ކަޅު ސްކަރޓާއި، ކަޅު އިސްޓާކީނު އަދި ކަޅު ބޫޓެވެ. ބުރުގާ އަޅާ ދަރިވަރުން އަތްދިގު ޔުނިފޯމާއެކު ސްކާރޓްގެ އަޑިން ކަޅު ހަރުވާޅު ބޭނުންކުރާނެއެވެ. އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީގައި ކިޔަވާ ފިރިހެން ދަރިވަރުންނަށް ކަޅުކުލައިގެ ސޯޓުވެސް ބޭނުން ކުރެވިދާނެއެވެ. ފައުންޑޭޝަން ލެވެލްގައި ކިޔަވާ ދަރިވަރުންގެ ޔުނިފޯމް ޑިޒައިންކޮށްފައިވަނީ ކަޅުކުލައިގެ ގިރުވާނަކާއެކުއެވެ.

ގްރޭޑް 7 އިން ފެށިގެން 12 އާއި ހަމައަށް ކިޔަވާ އަންހެން އަދި ފިރިހެން ދަރިވަރުންވެސް ބޭނުންކުރާނީ އަތްދިގު ޔުނިފޯމެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނާއި ޚިލާފަށް މި ގްރޭޑްތަކުގެ ދަރިވަރުން ޔުނިފޯމާއެކު ސްކޫލުގެ ބެޖު ހިމެނޭ ޓައިއެއް ބޭނުންކުރާނެއެވެ. ބުރުގާ އަޅާ ދަރިވަރުން ޔުނިފޯމާއެކު ބޭނުންކުރާނީ ޝިފޯން ނުވަތަ ދެމޭ ފޮތީގެ ކަޅު ބުރުގާއެވެ.

މި ބަދަަލުތަކާއެކު ޔުނިފޯމަށް ބޭނުންވާ ފޮތްޗާއި، ސްކޫލް ބެޖު އަދި ޔުނިފޯމް ފަހައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ފޯކައިދޫ ސްކޫލުން ވަނީ ކޮޓޮން ވޯރކްސްއާއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޔުނިފޯމް ފަހާ ފޮތި ކޮޓޮން ވޯރކްސްއިން ރާއްޖެ އެތެރެކުރާނީ އޮތޮރައިޒްޑް އުޞޫލުން، އިތުރު ބަޔަކަށް ނުވިއްކާގޮތަށެވެ.

އައު ޔުނިފޯމާއެކު ފޯކައިދޫ ސްކޫލުން ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެންނެވެ.

470 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ ފޯކައިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން، އެ ސްކޫލުގައި ކިޔަވައިދޭން ނިންމާފައިވަނީ 2 ދަންފަޅިއަށް ބަހާލައިގެންނެވެ. އަދި އަލްޓަނޭޓިވް އުޞޫލުން ބައެއް ކްލާސްތައް ދެ ދުވަހުން އެއް ދުވަހު ނަގައިދޭ ގޮތަށެވެ. ދަރިވަރުންނާއި މުވައްޒަފުންގެ ހުން ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމުގެ ގޮތުން ކްލާސްރޫމްތަކާއި، ސްކޫލް ގޯތިތެރޭގައި ވަނީ މާކުތައް ކުރަހާފައެވެ. އަދި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާ، ސާފުތާހިރުކަމަށާއި، މާސްކް އެޅުމަށް ހިތްވަރުލިބޭފަދަ ހޭލުންތެރިކުރުވުމުގެ ޕޯސްޓަރުތައް ހަރުކޮށްފައިވާކަމަށް ސްކޫލުގެ ޕްރިންސިޕަލް މަތީން ވިދާޅުވިއެވެ.

ފޯކައިދޫ ސްކޫލުގެ މިހާރުގެ އަމާޒަކީ އެ ސްކޫލަކީ ތިމާވެށްޓާއި ރަށްޓެހިވާނެހެން "ގްރީން" ކޮންސެޕްޓަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ އެހީގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްޓަކާ މިދިޔަ އަހަރު ވަނީ ސްކޫލު ފުރާޅުގައި ސޯލާރ ޕެނަލް ހަރުކޮށްފައެވެ. އަދި ސްކޫލުގެ މުޅި ގޯތިތެރޭގައި ކާޕެޓްވިނަ ހައްދާފައިވާއިރު، ސްކޫލްތެރެ ފެހިކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ތިމާވެށްޓާމެދު ދަރިވަރުން އަހުލުވެރިކޮށް ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.