މުނިފޫހިފިލުވުން

ފިލްމް އިންޑަސްޓްރީއަށް ނުކުތުމަކީ ޙަޔާތުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު - ކަރީނާ


ކަރީނާ ކަޕޫރު ޚާނަކީ ބޮލީވުޑްގެ އޭ-ލިސްޓް ތަރިންގެ ތެރޭގައި ގުނާލެވޭ ކުޅަދާނަ ބަތަލާއެކެވެ. ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކަޕޫރު ހާންދާނަށް ނިސްބަތްވާ ކަރީނާއަކީ ބޮލީވުޑްގެ އެންމެ އަގުބޮޑު އެއް ބަތަލާވެސްމެއެވެ.

2000 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ކަރީނާގެ ފިލްމީ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ކަރީނާ ވަނީ އޭނާގެ ފުރަތަމަ ފިލްމް "ރެފިއުޖީ"ގެ މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. މި ފޮޓޯއާއެކު ފިލްމީ ދާއިރާގައި ކުރެވުނު ތަޖުރިބާ ކުރުކޮށް ފޮނިކޮށް ކަރީނާ ވަނީ ކިޔާދީފައެވެ. ކަރީނާ ބުނިގޮތުގައި ފިލްމް އިންޑަސްޓްރީއަށް ނުކުތުމަކީ އޭނާއަށް ޙަޔާތުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ. އަދި މި ދާއިރާގައި ސާބިތުކަމާއެކު މިއަދާ ހަމައަށް ދެމިހުރެވުނީ، މަސައްކަތަށް ބެހެއްޓެހި ޝަޢުގުވެރިކަމާއި، ބުރަ މަސައްކަތުންނާއި އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ ސަބަބުންކަމަށް ކަރީނާ ބުނެފައިވެއެވެ.

ކަރީނާގެ މި ޕޯސްޓުގައި "ރެފިއުޖީ" ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ޖޭ.ޕީ ދުއްތާއަށާއި، ފިލްމުގައި އޭނާއާއެކު ކޯ-ސްޓަރއެއްގެގޮތުގައި ފެނިގެންދިޔަ އަބީޝެކް ބައްޗަންއަށް ޚާއްސަ ޝުކުރެއް ކަރީނާ ވަނީ ރައްދުކޮށްފައެވެ. އަދި ސަޕޯޓަރުންނާއި ފޭނުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އަޅާލުން އޭނާ ވަނީ ފާހަގަކޮށްފައެވެ. އުމުރުން 39 އަހަރުގެ ކަރީނާ ސްކޫލް ދައުރު ނިންމުމަށްފަހު އެންމެ ފުރަތަމަ ކުރިއަށްދާން ބޭނުންވީ ޤާނޫނީ ދާއިރާއިންނެވެ. ނަމަވެސް އެކްޓްކުރުމާއި މޮޑެލްކުރުމަށް އޭނާގެ ހިތްޖެހުނީ އޭނާގެ ދައްތަ ކަރިޝްމާ ކަޕޫރުގެ މަސައްކަތްތައް ފެނި، އެކަމުން އިންސްޕަޔަރވެގެންނެވެ.

ކަރީނާއަށް ފިލްމަކުން އެންމެ ފުރަތަމަ ހުށަހެޅުން ލިބުނީ މުންބާއީގައި ހުންނަ ފިލްމް އެންޑް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންޑިއާގައި އެކްޓްކުރުމާގުޅޭ ތަމްރީންތަކެއް ފުރިހަމަކުރަން އުޅުމުގެ ތެރޭގައި ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަންގެ ފަރާތުންނެވެ. އެއީ 2000 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ކަހޯނާ ޕިޔާރު ހޭ" އިންނެވެ. އެހެންނަމަވެސް އެ ފިލްމުގެ ޝޫޓިންގް ފެށެން ކައިރިވެފައިވަނިކޮށް ކަރީނާ އެ ފިލްމް ދޫކޮށްލީ އޭގައި ބަތަލާގެ ރޯލު މާ ކުޑަކަމަށް ބުނެއެވެ. އެއަށްފަހުން އޭނާގެ ބޮލީވުޑް ޑެބިއު ހަދާފައިވަނީ 1971 ވަނަ އަހަރު ކުރިއަށްދިޔަ އިންޑޯ-ޕާކިސްތާން ހަނގުރާމައިގައި ހިނގާދިޔަ ޙާދިސާތަކުގެ މައްޗަަށް ބިނާކޮށް އުފެއްދި ފިލްމް "ރެފިއުޖީ" އިންނެވެ. އެ ފިލްމުން ކަރީނާއަށްވަނީ ފިލްމް ފެއަރ އެވޯޑްސްގެ އެންމެ މޮޅު ޑެބިއު އަންހެން އެކްޓްރެސްގެ އެވޯޑް ލިބިފައެވެ. އެފަހުން ކަރީނާ އަންނަނީ އޭނާގެ އެކްޓްކުރުމުގެ ހުނަރު ތަފާތު އެކި ރޯލުތަކުން ދައްކުވައިދީ، ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހޯދަމުންނެވެ.

ކަރީނާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އަޅައިގެން ފިލްމްތަކުގެ ތެރޭގައި "ކަބީހުޝީ ކަބީގަމް"، "ޗަމޭލީ"، "ޖަބް ވީ މެޓް"، "3 އީޑިއަޓްސް"، ބޮޑީގާޑް"، "ހިރޯއިން"، އަދި "އުޑްތާ ޕަންޖާބު" ފަދަ ފިލްމްތައް ހިމެނެއެވެ. އަދި ކަރީނާ އެންމެފަހުން ފެނިގެންދިޔަ 3 ފިލްމްކަމަށްވާ 2018 ވަނަ އަހަރު ނެރުނު "ވީރޭ ދި ވެޑިންގް"، 2019 ވަނަ އަހަރު ނެރުނު "ގުޑް ނިއުޒް" އަދި 2020 ވަނަ އަހަރު ރިލީޒްކުރި "އަންގްރޭޒީ މީޑިއަމް" އަކީވެސް ބޮލީވުޑް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި ފިލްމްތަކެކެވެ. ދެން އެންމެ އަވަހަށް ކަރީނާ ފެނިގެންދާނީ އާމިރު ޚާނާއެކު ފިލްމް "ލާލް ސިންގް ޗައްދާ"އިންނެވެ. މިއީ މިއަހަރުގެ ޑިސެމްބަރުމަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.