ރ. ދުވާފަރުގެ މަގުތަކުގައ ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ އިތުރު ސާމާނު އެމް.ޓީ.ސީ.ސީން އެރަށަށް ގެންގޮސްފިއެވެ.
ދުވާފަރުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އާއި ޙަވާލުކޮށްފައި ވަނީ 22 މެއި 2019 ގައެވެ.
އެމް.ޓީ.ސީ.ސީން ވިދާޅުވީ، ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށާއި، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 63 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށެވެ. އަދި ތާރުއެޅުމަށް ބޭނުންވާ ތާރާއި، މި މަޝްރޫޢު ނިންމުމަށް ބޭނުންވާ އިތުރު ސާމާނު މިއަދު އެރަށަށް ގެންގޮސްފައިވާކަމަަށް އެކުންފުނިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުގެ ހުރިހާ ބޮޑެތި މަގުތަކެއް ހިމެނޭހެން ވެހިކަލް ދުއްވުމަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ހިނގާމީހުންނަށް ޙާއްސަކޮށްގެން 6813 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ސަރވިސް ލައިން ކޭބަލްތަކަށް ޙާއްސަ ޖަންކްޝަން ބޮކްސްތައް ހެދުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމަށް ވަނީ ހަމަޖެހިފައެވެ.
ދުވާފަރުގައި ޤާއިމުކުރާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާފަދަ އިންފިލްޓްރޭޝަން ސްޓޯމްވޯޓަރ ސިސްޓަމްގެ ޑިޒައިންނާއި އެއްގޮތަށް ފަރުމާކޮށްފައިވާ އިންފިލްޓްރޭޝަން ސިސްޓަމެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. މި ސިސްޓަމް މެދުވެރިކޮށް ވާރޭވެހިގެން މަގުތަކަަށް ޖަމާވާފެން، ރަށުން ބޭރަށް މޫދަށް ޕަމްޕްކޮށްދިނުމުގެ ބަދަލުގައި ރަަށުގެ މީރުފެން ފަށަލައަށް ފިލްޓަރވެގެންދާނެއެވެ.
ރ. ދުވާފަރު މަގުތައް ހެދުމުގެ މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 47.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.