ދީން

ޙައްޖުގެ މަތިވެރި އަޅުކަން މެދުކަނޑާލަން ޖެހުނު ބައެއް ޙާދިސާތައް


މައްކާގެ މާތްވެގެންވާ ޙަރަމާއި އެތަނުގައި ހުންނަ ކައުބަތުﷲ ގެފުޅަކީ ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ދުވަސްވަރު ނޫނަސް އަބަދުވެސް އެތައް ސަތޭކަ ބަޔަކު ޖަމާވެ ނަމާދާއި ޠަވާފާއި، އަޅުކަމުގައި ވަގުތު ހޭދަކުރާ ތަނެކެވެ. ކޯވިޑް-19އާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަކުރަމުންދާއިރު، މިއަހަރަކީ އިސްލާމީ އުއްމަތަށް ހަޤީޤަތުގައިވެސް މާޔޫސްކަމާއި މޮޅިވެރިކަން ގެނުވި އަހަރެކެވެ.

ކޯވިޑް-19 ސަޢުދީ ޢަރަބިއްޔާއިން ފެނުމާއި ގުޅިގެން އެޤައުމުން ވަނީ ޢުމްރާގެ ޢަޅުކަން މަޑުޖައްސާލާ، އެޤައުމަށް އެހެން ޤައުމުތަކުގެ ފްލައިޓްތައް ދިއުން ހުއްޓާލާފައެވެ. އަދި އެ ޤައުމުގައި ވަނީ ވަކި ވަގުތުތަކެއްގައި ކާފިއު އިޢުލާންކޮށް ޢާންމުން ބޭރަށް ނިކުތުން މަނާކޮށްފައެވެ. ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި މި ހިނގާ 1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސަޢުދީގައި ތިބި އެޤައުމުގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން މަދު އަދަދެއްގެ ބަޔަކަށް ދިނުމަށް އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ޙައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް 2.5 މިލިއަނަށްވުރެ ގިނަ މީހުން މައްކާއާއި މަދީނާއަށް ޒިޔާރަތްކުރާއިރު، ސަޢުދީ ސަރުކާރުގެ މި ނިންމެވުމާއެކު، އެތައް މިލިއަން ބަޔަކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތުގެއްލި، މިއަހަރުގެ ޙައްޖު މޫސުމުގައި މުސްލިމުންގެ އެންމެ މުޤައްދަސް ބިނާތައް ފެނިގެންދާނީ ވަރަށްވެސް ފަޅުކޮށެވެ.

އިސްލާމީ ތާރީޙަށް ޖެހިލާއިރު، ތަފާތު ސަބަބުތަކާހުރެ އެކި ފަހަރުމަތިން ޙައްޖުގެ އަޅުކަން މެދުކަނޑާލާފައިވެއެވެ. އެގޮތުން ސަޢުދީގެ ކިންގް ޢަބްދުލްޢަޒީޒް ފައުންޑޭޝަން ފޯރ ރިސަރޗް އެންޑް އާކައިވްސް އިން ބުނާގޮތުގައި މީލާދީން 629 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޙައްޖުގެ އަޅުކަން މެދުކަނޑާލަން ޖެހުނު 40 ޙާދިސާއެއް ވަނީ ރިކޯޑް ކުރެވިފައެވެ. މީގެ ތެރޭގައި ބޮޑެތި ހަނގުރާމަތަކާއި، ތަފާތު އެކިކަހަލަ ބަލިމަޑުކަމާ ގުޅުންހުރި ޙާދިސާތައް ހިމެނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ޙާދިސާތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.

މީގެ 14 ޤަރުނުގެ ކުރިން ކީރިތި ރަސޫލާ ޙައްޖަތުލްވަދާއުގައި ޚުތުބާ ދެއްވި ޖަބަލުއްރަޙްމާގައި މީލާދީން 865 ވަނަ އަހަރު ހިނގި ގަތުލްއާއްމާއި ގުޅިގެން އެ އަހަރުގެ ޙައްޖު ފުރިހަމަ ނުކޮށް މެދުކަނޑާލާފައިވެއެވެ. ބަޤުދާދުގައި ޤާއިމްވެ އޮތް އައްބާސީ ޚިލާފަތުގެ ލަޝްކަރާއި އިސްމާއިލް ބިން ޔޫސުފްގެ ލަޝްކަރާއިދެމެދުގައި ހިނގާދިޔަ ޙަމަލާ ބަދަލުކުރުންތަކުގައި ގިނަ ޢަދަދެއްގެ ޙައްޖުވެރިން ވަނީ ގަތުލްކޮށްލާފައެވެ.

މީލާދީން 930 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ޤަރްމާތީ ހަނގުރާމަވެރިންގެ ލީޑަރު އަބޫ ތަހޭރް އަލްޖަނާބީގެ އެންގުމަކަށް މައްކާއަށް އަރައި، 30،000 ޙައްޖުވެރިން ގަތުލުކުރުމާއި ގުޅިގެން އެ އަހަރުގެ ޙައްޖުވެސް ވަނީ ކެންސަލުކޮށްފައެވެ. ތާރީޚީ ބައެއް ލިޔުންތަކުގައިވާގޮތުން ގާތްގަނޑަކަށް 11 ދުވަހަށް ދެމިގެންދިޔަ މި ގަތުލްއާއްމުގައި ޤަރްމާތީ ހަނގުރާމަވެރިން ވަނީ ޙައްޖުވެރިން ޤަތުލުކޮށް އެމީހުންގެ ހަށިތައް މައްކާ މަގުތަކަށް އުކުމުގެ އިތުރުން ޒަމްޒަމް ވަޅަށްވެސް އަޅާފައެވެ. އަދި މައްކާގައި ފޭރުމާއި ލޫޓުވުން އެދުވަސްވަރު އޮތީ އާއްމުވެފައެވެ.

އޭގެ 53 އަހަރުފަހުން، މީލާދީން 983 ވަނަ އަހަރު އިރާޤުގެ އައްބާސީންއާއި، ސީރިއާ އަދި މިޞްރުގެ ފާޠިމީންގެ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއި، ސިޔާސީ ކޯޅުމުގެ ސަބަބުން ޙައްޖުގެ އަޅުކަން ވަނީ މެދުކަނޑާލާފައެވެ. އެދުވަސްވަރު ފާޠިމީން ބޭނުންވީ އިސްލާމީ އުއްމަތުގައި އައްބާސީންގެ ދީނީ އަދި ސިޔާސީ ބާރުވެރިކަން ކަނޑުވާލުމަށެވެ. މި ކޯޅުންތަކުގެ ސަބަބުން ޙައްޖުވެރިންނަށް މައްކާއަށް އެތެރެނުވެވި، 8 އަހަރުވަންދެން ޙައްޖުގެ އަަޅުކަން ވަނީ މެދުކެނޑިފައެވެ.

މީލާދީން 18 ވަނަ ޤަރުނާއި ޖެހެންދެން ޙައްޖުގެ އަޅުކަން އަދާކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ކުރެވޭކަމެއްނޫނެވެ. އެފުރުޞަތު ބޮޑަށް ލިބެނީ މާލީގޮތުން މުއްސަނދި މަހުޖަނުންނަށެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރަންޖެހޭ ޚަރުދު ކުޑަވެ، ޙައްޖުވެރިންގެ ޢަދަދު އެންމެ ހަލުވިމިނުގައި އިތުރުވާން ފަށާފައިވަނީ މީލާދީން 1830 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރުން ފެށިގެން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކަނޑުމަގުން އަންނަ ޙައްޖާޖީންގެ ޢަދަދު އިތުރުވާންފެށިއެވެ. ތަފާތު ބަލިމަޑުކަމާއި ގުޅިގެން ޙައްޖުގެ އަޅުކަން މެދުކަނޑާލަން ފަށާފައިވާކަން ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވަނީ 18 ވަނަ ޤަރުނުން ފެށިގެންނެވެ.

އެގޮތުން މީލާދީން 1831 ވަނަ އަހަރުން ފެށިގެން ފެތުރެން ފެށި ނުރައްކާތެެރި ބައްޔެއް ކަމަށްވާ ކޮލެރާގެ ސަބަބުން 1865 ވަނަ އަހަރާއި ޖެހެންދެން އެކި ފަހަރުމަތިން ޙައްޖުގެ އަޅުކަން ވަނީ މެދުކަނޑާލާފައެވެ.

މީލާދީން 1932 ވަނަ އަހަރު ކިންގްޑަމް އޮފް ސަަޢުދީ ޢަރަބިއްޔާ ވުޖޫދުވިފަހުން މިއަދާ ހަމައަށް ޙައްޖުގެ އަޅުކަން އެއްވެސް އަހަރަކު މެދުކަނޑާލާފައެއްނުވެއެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ޤައުމުގައި މާސް ކޮރޯނާ އައުޓްބްރޭކެއް ފެނުމާއި ގުޅިގެން، އެ އަހަރު އުމުރުން ދުވަސްވީ މީހުންނާއި ޞިއްޚީ މައްސަލަތައް ހުންނަ ފަރާތްތަކުން، ޙައްޖުގެ އަޅުކަން އަދާކުރުމުގައި ރައްކާތެރިވުމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.