ޚަބަރު

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި


  • ނަޑެއްލާގައި ބިނާ ކުރަނީ 300 މީހުންގެ ޖާގައިގެ މިސްކިތެއް

  • ހޯނޑެއްދޫގައި ބިނާ ކުރަނީ 500 މީހުންގެ ޖާގައިގެ މިސްކިތެއް

  • މި މަޝްރޫޢުވެސް 1 އަހަރުގެ ތެރޭ ނިންމަންޖެހޭ

ގދ. ނަޑެއްލާއާއި އެ އަތޮޅު ހޯނޑެއްދޫގައި މިސްކިތް ބިނާކުރުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ގދ. ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަންއަށެވެ. އަދި އެ އަތޮޅު ހޯނޑެއްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަވާލުކުރީ އަފާމީ މޯލްޑިވްސްއަށެވެ.

ގދ. ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އެއް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތަށް ދަޢުލަތުގެ ބަޖެޓުން 10.9 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ. މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ބަޔާއި، އިމާމު ކޮޓަރިއާއި ލައިބްރަރީ އަދި ޤުރުއާން ކުލާސް ހިމެނެއެވެ. އަދި މިސްކިތުގައި އޭސީ ހަރުކުރުމުގެ އިތުރުން ސޯލަރ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހޯނޑެއްދޫގައި ބިނާ ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގައިވެސް ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ބަޔާއި، އިމާމު ކޮޓަރިއާއި ލައިބްރަރީ އަދި ޤުރުއާން ކުލާސް ހިމެނެއެވެ. މި މިސްކިތުގައި އޭސީ ހަރުކުރުމުގެ އިތުރުން ސޯލަރ ސިސްޓަމް ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ހޯނޑެއްދޫގައި މިސްކިތް ބިނާކުރުމަށް ހަވާލުކުރީވެސް އެއް އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢޫއަށް 11.9 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. މިމްސް ކޮންސްޓްރަކްޝަން އިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ހަސަން ފަޔާޒެވެ. އަދި އަފާމީ މޯލްޑިވްސްއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދެވެ.