ރާއްޖެ އިސްލާމްވީތާ 900 އަހަރުވީއިރު، ވޭތުވެދިޔަ 9 ގަރުނުގެ ތެރޭގައި ދީނުގެ ޝިޢާރުތައް މަތިވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ޖާނާއި މާލުން އެތައް ޤުރުބާނީއެއް ވެވަޑައިގެންނެވި އެތައް ބޭކަލުންނެއް ތިއްބަވާނެވެ. އެހެންކަމުން މިއަދު ކޮންމެ ދިވެއްސެއްގެވެސް ޒިންމާއަކީ މިދީން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުނިށްދިނުމުގެ މަތިވެރި ޒިންމާއެވެ.
ދަރުމަވަންތަ ރަސްގެފާނަށްފަހުވެސް އެކި ދުވަސްވަރު އެކި ފަރާތްތަކުން ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ ޙިމާޔަތުގައި ކެރިގެން ކުރިމަތިލާފައިވާއިރު ދީނީ ޢިލްމު ފެތުރުމަށްވެސް މުހިއްމު އެތައް މަސައްކަތްތަކެއް ކުރެއްވި އެތައް ބޭކަލުންނެއްގެ ނަންތައް ރާއްޖޭގެ ތާރީޚުގައި ރަންއަކުރުންވަނީ ލިޔެވިފައިވެއެވެ.
ރާއްޖޭގެ އިސްލާމީ ތާރީޚުގައި ފަޚުރުވެރި އެތައް ވާހަކަތަކެއް ގުޅިފައިވެއެވެ. އެކި ދުވަސްވަރު ހިނގި އެކި ހަނގުރާމަތަކުގެ އަސްލަކީވެސް އިސްލާމް ދީނުގެ ހިދާޔަތަށްފަހު އެހެން ދީނަކަށް އެނބުރެން ދިވެހީން ނޭނދޭތީ ކުރި ވަރުގަދަ ހަނގުރާމަތަކެވެ.
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުވުމަށް ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު މުތީޢު އިސްމާޢީލް ވިދާޅުވީ ދިވެހީންގެ ދީނާއި ދުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް އެކި ދުވަސްވަރުން ދީނުގެ ދުޝްމަނުން ކުރިނަމަވެސް އެކަން ކާމިޔާބުވެފައިނުވާކަމަށެވެ.
"އަޅުގަނޑުމެން ހަނދާން ބަހައްޓަން އެބަޖެހޭ، އަޅުގަނޑުމެނާހަމައަށް ތަބައްކަށް ލާފަ ދީންމިއައީ. މިދީނަށް އަޅުގަނޑުމެން އުފަންމިވަނީ، އަޅުގަނޑުމެން ނުޖެހޭ މިދީނަށްޓަކައި ހަނގުރާމަކުރާކަށް ނުވަތަ މަރުވާކަށް މިދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި މިދީނަށް އަންނަ ގޮންޖެހުންތަކުން. އަޅުގަނޑުމެންގެ ޒިންމާއަކީ ކުރިއަށް އޮތް ޖީލުތަކަށް އިސްލާމްދީނުގެ ހިދާޔަތު ފޯރުކޮށްދިނުން" މުތީޢު ވިދާޅުވިއެވެ.
އެވުޒާރާގެ ޕަމަނަންޓް ސެކެޓްރީ އަޙްމަދު އަދީލް ވިދާޅުވީ މިއަދު ރާއްޖޭގައި ތަރައްޤީކުރާ މިސްކިތްތައް ފަރުމާކުރައްވަމުންދަނީ ހަމައެކަނި ނަމާދުކުރާތަނެއްގެ ގޮތުގައި ނޫންކަމަށެވެ. އެއަށްވުރެ ބޮޑަށް ދީނީ އެކި ޝިޢާރަތު ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ ފަދަގޮތަކަށް މިސްކިތްތައް ބިނާކުރުމަށް މިއަދު ރާއްޖޭގެ ނިޒާމު ބަދަލުވެފައިވާކަމަށެވެ.
"ހަމައެކަނި މިސްކިތްތަކެއް ނޫން މިތަރައްޤީކުރަނީ، މިސްކިތާއެކުގައި ޤުރުއާން ކުލާހާއި، އިދާރީ ބައި ހިންގުމަށް ޖާގަ ހިމަނައިގެން ބޮޑެތި މިސްކިތްތަކުގައި ލައިބްރަރީވެސް ހިމެނޭހެން. އޭގެމާނައަކީ ހަމައެކަނި ނަމާދުކޮށްލުމަށްދާތަނެއްގެ ބަދަލުގައި ދީނީ ޢިލްމު އަދި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މަސައްކަތްކުރެވޭ ފަދަ ތަނެއްގެ ގޮތުގައި." އަޙްމަދު އަދީލް ވިދާޅުވިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އިމްތިޠާއު ޢައްބާސް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ތާރީޚު ލިޔެވިގެންދާއިރު މިދުވަސްވަރު ފާހަގަކުރެވޭނީ ދީނީ އެކި ރޮނގުތަކުން ގިނަ މަސައްކަތްތަކެއް ކުރެވޭ ބަހާރު މޫސުމެއްގެގޮތުގައިކަމަށެވެ.
"އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް ގިނަ މަސައްކަތް އެކި ދާއިރާތަކުން މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައިވަނީ ކުރެވިފައިމިވަނީ. އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅިގެންދާއިރު އައުޤާފްގެ މަޝްރޫޢުތަކާއި ޒަކާތުގެ ދާއިރާއަށް ބަލާއިރުވެސް ބޮޑެތި އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް އެބަކުރިއަށްދޭ." އިމްތިޠާއު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު ޢަލީ ވަޙީދު ވިދާޅުވީ ރާއްޖޭގައި ވަރަށް ބޮޑަށް އަޅާނުލެވި އޮތް ދާއިރާތަކަކަށް މިހާރު ވަރަށް ބޮޑަށް ސަމާލުކަން ދެވެމުންދާކަމަށެވެ. އެގޮތުން މިސްކިތްތަކަށް ބޭނުންވާ އިމާމުންނާއި ޚުޠުބާކިޔާނެ ޚަޠީބުން ވަރަށް މަދުވެފައި އޮތްކަން ފާހަގަކުރެއްވިއެވެ.
"މިއާއެކު މިހުޅުވާލެވެނީ ވަރަށް މުހިއްމު ދޮރެއް އަންނަން އޮތް ޖީލުތަކަށް ހަގީގަތުގައި. އިރާދަކުރެއްވިޔާ ދެން ރަށްރަށުގައި ޚުޠުބާ ކިޔާނެ މީހެއް ނެތިގެން އުޅެންވެސް ނުޖެހޭނެ." ޢަލީ ވަޙީދު ވިދާޅުވިއެވެ.
ދީނީ އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމާއެކު ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމާއި، ދީނީ ރޮނގުން ޢުމްރާނީގޮތުން ބޭނުންވާ ތަރައްޤީއާއި މިސްކިތް ބިނާކުރުމާއި މާލީގޮތުން ދީނީ ކަންކަމަށް ކުރެވޭ ޚަރަދުތައް ހަރުދަނާކުރުމާއި، އިންސާނީ ވަޞީލަތް ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އެހެންކަމުން އަންނަން އޮތް ޖީލުތަކަށް މިއަދު ދީނީ ރޮނގުން މިކުރެވޭ މަސައްކަތްތަކުން އަގުނުކުރެވޭފަދަ ދިރުމެއް އައުމަކީ މިއަދުކުރެވޭ އުއްމީދެކެވެ.