ހދ. ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން މަގުތައް ލެވެލްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
ހަނިމާދޫ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢު އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެ މަސައްކަތް އެންމެ އެދެވޭގޮތެއްގައި ކުރިއަށްގޮސްފައިނުވާތީ، މަގު ހެދުމުގެ މަޝްރޫޢު ސަރުކާރުން އަލުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 15 ޖޫން 2019 ގައި އެކުންފުނިން ވަނީ ފަށާފައެވެ.
މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތުދެމުން އެމް.ޓީ.ސީ.ސީން ބުނީ ، ރަށުގެ ފެނާއި ނަރުދާމާއަށް ބޭނުންވާ ސެޓްލްމެންޓް ޓޭންކްތަކާއި، ކޭބަލް ޖަންކްޝަންތައް ޤާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރުއެޅުމުގެ ކުރިން މަގުތައް އެއްވަރު މަސައްކަތްކަމަަށް އެކުންފުނިން ބުނެއެވެ. އެގޮތުން މަގުތައް އެއްވަރުކުރުމުގެ މަސައްކަތުގެ 52 އިންސައްތައާއި، މަގާއި ޕޭވްމަންޓް ވަކިކޮށްދޭ ކާބްސްޓޯންތަކުގެ ޕްރީކާސްޓިންގ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަަށް ވަނީ ހަމަޖެހިފައެވެ.
ވެހިކަލްތައް ދުއްވުމަށް ހާއްސަކޮށްގެން 38،916 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅާ، ހިނގާމީހުންނަށް 16،518 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާނެއެވެ. އަދި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ޤާއިމުކުރާނެއެވެ. މީގެ އިތުރުން، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ނިޝާން ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
46.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހދ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކުރަމުންދާއިރު، ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.