ތަރައްްޤީ

ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފި


ހއ. ކެލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ކޮންސްޓްރަކްޝަން މަސައްކަތްތައް އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައި ވަނީ 30 ޖުލައި 2019 ގައެވެ. އަދި މަަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، މޫރިންގް ބޮއި އިންސްޓޯލްކުރުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި ބަނދަރުގެ ދެވަނަ ފިޔަވަށްސަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކެލާ ބަނދަރުގައި 30 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 220 މީޓަރުގެ ރިވެޓްމަންޓް ޖަހާ، 50 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް މަގު ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

ދަޢުލަތުގެ ބަޖެޓުން 17.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައި ވަނީ 410 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.