ކޯވިޑް-19

ކޯވިޑް19އިން ދުނިޔެ ސަލާމަތްވާނީ ވެކްސިން އުފެއްދުމުގެ ރެކޯޑެއް ހަދައިގެން!


ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރެޔާއި ދުވާލު އެތައް މަސައްކަތެއް ދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކޯވިޑް19އަށް ވެކްސިނެއް އުފެއްދުމަށް ކުރާ ބުރަ މަސައްކަތެވެ. ނަމަވެސް ވެކްސިނެއް އުފެއްދުމަކީ އެހާ ފަސޭކަމެއްތޯ؟ ކިހާ ދުވަހެއް ނަގާ މަސައްކަތެއްތޯ؟ އަދި ވެކްސިނެއް އުފައްދަން ފަށާ ދުވަހުން ފެށިގެން ކިހާ މުއްދަތެއްގެ ތެރޭގައި ވެކްސިން ބޭނުންކުރަން ފެށޭނެތޯ؟ ނޫނީ އެވެކްސިން އެންމެނަށް ލިބިދާނެތޯ؟ މިއީ ހައްތަހާވެސް ސުވާލެވެ.

ވެކްސިންގެ މުހިއްމުކަން

ވެކްސިނަކީ ބައްޔަކުން ސަލާމަތްވެ، ރައްކާތެރިވުމަށް ދޭ އެއްޗެކެވެ. އަދި އިންސާނުންގެ އިޖާދުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އީޖާދެކެވެ. ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ ފަސްޓް ޖެނެރޭޝަން، ސެކަންޑް ޖެނެރޭޝަން އަދި ތާޑް ޖެނެރޭޝަންގެ ވެކްސިނެވެ. ޕޯލިއޯފަދަ ފަސްޓް ޖެނެރޭޝަންގެ ވެކްސިނަކީ ބަލިޖައްސާ ވައިރަސް ބޭނުންކޮށްގެން ތައްޔާރުކުރާ ވެކްސިނެކެވެ. އަދި ހެޕަޓައިޓިސް ބީއާއި ހޯއްގޮވާ ކެއްސުމާއި މިނިންޖައިޓިސްފަދަ ބަލިތަކަށް ހުންނަ ސެކަންޑް ޖެނެރޭޝަންގެ ވެކްސިނަކީ ވައިރަސްއަށް އިތުރު ބަދަލުތަކެއް ގެނެސްގެން އުފައްދާ ވެކްސިނެކެވެ. އަދި ތާޑް ޖެނެރޭޝަންގެ ވެކްސިނަކީ އެއްވެސް ވަރަކަށް ވައިރަސްގެ ބޭނުންނުކޮށް އުފައްދާ ވެކްސިންތަކެކެވެ. ކޯވިޑްއަށް ތާޑް ޖެނެރޭޝަންގެ ވެކްސިނެއް އުފައްދަން މަސައްކަތްކުރާއިރު، މިހާތަނަށް އިންސާނުންނަށް ތާޑް ޖެނެރޭޝަންގެ ވެކްސިނެއް ދީފައެއް ނުވެއެވެ. ނަމަވެސް މިއީ އަނެއް ދެ ބާވަތުގެ ވެކްސިނާ އަޅާބަލާއިރު މާ އަވަހަށް އުފެއްދޭނެ ވެކްސިނެއްކަމަށް ސައިންސްވެރިން ބުނެއެވެ.

ދުނިޔޭގައި ތަފާތު ބަލިތަކަށް ވެކްސިން ހޯދާފައި އެބަހުއްޓެވެ. އަދި ވެކްސިންތަކުގެ ނަތީޖާވެސް އެހާމެ ރަނގަޅެވެ. ޕޯލިއޯ، މީސިލްސް، މިނިޖައިޓިސް، ސްމޯލް ޕޮކްސްފަދަ ބަލިތަކަށް ހޯދާފައިވާ ވެކްސިންގެ ކާމިޔާބުކަން ރާއްޖެއަށް އެކަނި ބަލާލުމުންވެސް ފެނިގެންދާނެއެވެ.

ބައެއްގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރުން ކޮންޓްރޯލްކުރުމަށް "ހަރޑް އިމިއުނިޓީ" ނުވަތަ ބަލިތަކުން ރައްކާތެރިވެފައި ތިބި ގިނަ ބަޔަކު ތިބެންޖެހެއެވެ. ހަރޑް އިމިއުނިޓީ ނުވަތަ ބަޔަކު ބަލިމަޑުކަމަކުން ރައްކާތެރިކުރުމަށް އޮތް ގޮތަކީ ވެކްސިން ދިނުމެވެ. ގިނަ މީހުން އިމިއުންވާވަރަކަށް ވައިރަސް ފެތުރުން ހުއްޓި، ވައިރަސްގެ ބާރު ދެރަވެއެވެ. އެއީ ގިނަ މީހުން އިމިއުންވުމުގެ ސަބަބުން ވައިރަސް ފެތުރޭނެ ދޮރުތައް ބަންދުވުމުންނެވެ. އެހެންކަމުން ވެކްސިން ޖެހުމުން ރައްކާތެރިވަނީ ތިމާ އެކަންޏެއް ނޫނެވެ. ބައެއް ސަބަބުތަކާހުރެ ވެކްސިން ނުޖެހޭވަރުގެ ކުޑަކުދިންނާއި މުސްކުޅިންނާއި މުޖްތަމައުގައި އުޅޭ ދިފާއީ ނިޒާމް ބަލިކަށި މީހުންވެސް މީގެ ސަބަބުން ރައްކާތެރިކޮށްދެއެވެ.

ވެކްސިނުން ހާޞިލުވާ ނަތީޖާ

ވެކްސިނެއްގެ އެންމެ މުހިއްމު މަސައްކަތަކީ ވައިރަސްއެއް ހަށިގަނޑުތެރެއަށް ވަނުމުން، އިންސާނާ ބަލިވުމުގެ ކުރިން ހަށިގަނޑުގެ ދިފާއީ ބާރުން އަމިއްލައަށް އެވައިރަސްއާ ދެކޮޅަށް މަސައްކަތްކޮށް ވައިރަސް ބަލިކޮށްލުމެވެ. އަދި ވައިރަސްއަކުން ޖައްސާ ބައްޔަކުން އިންސާނާގެ ހަށިގަނޑު ރައްކާތެރިކޮށްދީ، ދިފާއުކޮށްދިނުމެވެ. ނަމަވެސް ހުރިހާ ވެކްސިނަކީ 100 ޕަސަންޓް ޔަގީން އެއްޗެއް ނޫނެވެ. މާނައަކީ ވެކްސިން ދީފައި ތިބޭ އެންމެން ރައްކާތެރި ނުވެދާނެއޭއެވެ. ނަމަވެސް ބަލިމަޑުކަމެއް ނައްތާލަން، ވެކްސިނަށް 100 ޕަސަންޓެއް ބޭނުމެއްނުވާކަން ހެއްކާއެކު ސައިންސްވެރިން ވަނީ ދައްކާފައެވެ. މިސާލަކަށް ކަށިވިދުރު ނުވަތަ ސްމޯލް ޕޮކްސްއަކީ ގިނަ ބަޔަކު މަރުވި ބައްޔެކެވެ. އެބައްޔަށް ހޯދި ވެކްސިން މަސައްކަތްކުރަނީ 95 އިންސައްތަ މީހުންނަށެވެ. ނަމަވެސް ދުނިޔެއިން އެބަލި އެއްކޮށް ނައްތާލެވިއްޖެއެވެ. އަދި ހިމަބިހި ނުވަތަ މީސިލްސްއަކީ އަހަރެއްގެ ތެރޭގައި މިލިއަނަކަށްވުރެ ގިނަ މީހުން މަރުވެދިޔަ ބައްޔެކެވެ. މީސިލްސްއަށް އުފެއްދި ވެކްސިނަކީވެސް 100 ޕަސަންޓް މަސައްކަތްކުރާ އެއްޗަކަށްނުވާއިރު، މީސިލްސްއަށްއާ ދެކޮޅަށްވެސް ބޮޑު ކާމިޔާބެއް ހޯދިއްޖެއެވެ.

ކޯވިޑްއަށްވެސް ވެކްސިނެއް ހޯދަމުންދާއިރު، 50 އިންސައްތަ މީހުންނަށް މަސައްކަތްކުރާ ވެކްސިނެއް އުފެއްދުނަސް، އެއީ 50 އިންސައްތަ މީހުން ބަލި ނުޖެހި ސަލާމަތްކުރެވުމެވެ. ބަލިޖެހޭ މީހުން މަދުވި ވަރަކަށް ބަލީގައި މަރުވާ މީހުންވެސް ދާނީ މަދުވަމުންނެވެ.

ވެކްސިން އުފެއްދުމާއި ޓެސްޓްކުރުން

އެމެރިކާގައި ނަމަ ވެކްސިނެއްގެ ފުރަތަމަ މަރުހަލާއިން ނިމުމާ ހަމައަށް 10 އަހަރެއްހާ ދުވަސް ނަގާއެވެ. ނަމަވެސް އުފެއްދުމަށް މަސައްކަތްކުރާ 90 އިންސައްތަ ވެކްސިން ފެއިލްވެއެވެ. މީގެކުރިން ތަފާތު އެކި ބަލިތަކަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައިވެސް ވެކްސިން އުފައްދާފައި އެބަހުއްޓެވެ. އޭގެތެރޭގައި ޒިކާއަށް 6 މަސްދުވަސް ތެރޭގައި ތައްޔާރުކުރި ވެކްސިން، އެބޯލާއަށް 7 މަސްދުވަސް ތެރޭގައި ތައްޔާރުކުރި ވެކްސިން އަދި ސާސްއަށް 20 މަސްދުވަސް ތެރޭގައި ތައްޔާރުކުރި ވެކްސިން ހިމެނެއެވެ. ނަމަވެސް ވެކްސިން އުފެއްދުމަކީ އެންމެ ފުރަތަމަ މަސައްކަތެވެ. އެވެކްސިން ޓެސްޓްކޮށް، ބޭނުންކުރެވޭ ހިސާބަކަށް ގެންދިއުމަކީ ހިތަށްވެސް ނުގެނެވޭހާ ބޮޑު އަދި ބުރަ މަސައްކަތެކެވެ. މިހާރު ފެނިގެން މިއުޅޭ ކޮރޯނާވައިރަސްއަށްވެސް ވެކްސިންތަކެއް އުފައްދައިފިއެވެ. އޭގެތެރެއިން އެންމެ އަވަހަށް ހެދި ވެކްސިނަކީ އެމެރިކާގެ މޮޑޭނާ ކުންފުނިން 65 ދުވަހުގެ ތެރޭގައި ތައްޔާރުކުރި ވެކްސިނެވެ. މިފަދަ އެތައް ވެކްސިންތަކެއް އުފައްދައިފިއެވެ. ނަމަވެސް ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަ ނުކުރަނީސް އޭގެ ބޭނުމެއް ނުކުރެވޭނެއެވެ. އެއީ ކިތަންމެ ޔަޤީންކަން ބޮޑު ވެކްސިނެއްވިޔަސް ވަރިހަމައެވެ.

ވެކްސިނެއް ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން ހުއްދަދޭނީ އެތައް މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހުއެވެ. ލެބޯޓަރީ ތަހުލީލްތަކަށްފަހު ވެކްސިނެއް ޓެސްޓްކުރަން 3 މަރުހަލާއެއް ކުރިއަށްދާނެއެވެ. ފުރަތަމަ ދެނީ ވަރަށް މަދު ބަޔަކަށެވެ. އެއަށްފަހު ވެކްސިން ދިން މީހަކަށް އިތުރު މައްސަލަތަކެއް ނުވަތަ ސައިޑްއެފެކްޓެއް ކުރިމަތިވޭތޯ ބަލަން އެކި ޓެސްޓްތައް ކުރިއަށްދާނެއެވެ. އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވާނެއެވެ. ފުރަތަމަ މަރުހަލާއިން ފާސްވާ ވެކްސިން ދެންދާނީ ދެވަނަ މަރުހަލާއަށެވެ. ފުރަތަމަ މަރުހަލާގައި މަދު ބަޔަކަށް ވެކްސިން ދިނަސް، ދެވަނަ މަރުހަލާ އެތައް ސަތޭކަ ބަޔަކަށް ވެކްސިން ދޭނެއެވެ. އަދި ދެވަނަ މަރުހަލާގައި އިންސާނާގެ ދިފާއީ ނިޒާމް މަސައްކަތްކުރާ މިންވަރުވެސް ބަލާނެއެވެ. އެކަމަށްވެސް ގިނަ ދުވަސްތަކެއް ހޭދަވާނެއެވެ. ގިނަ ފަހަރަށް އެތައް މަހެކެވެ. އިތުރު މައްސަލައެއް ދިމާނުވާނަމަ ވެކްސިން ދެން ދާނީ 3 ވަނަ މަރުހަލާއަށެވެ. 3 ވަނަ މަރުހަލާގައި އެތައް ހާސް ބަޔަކަށް ވެކްސިން ދޭނެއެވެ. އަދި އޭގެ ނަތީޖާތައް އަންނަން ބައެއް ފަހަރު މަސްތަކެއް ނުވަތަ އަހަރުތަކެއްވެސް ނަގައެވެ.

ވެކްސިން ޓެސްޓްކުރުމަށް އުނދަގޫވާ ނުވަތަ ގިނަ ދުވަސް ނަގާ މައިގަނޑު ސަބަބަކީ ވެކްސިނަކީ ބައްޔަކަށް ދޭ ބޭހަކަށް ނުވުމެވެ. އެހެން ނޫންނަމަ ބަލި ޖެހިފައިވާ މީހަކަށް ވެކްސިން ދީގެން އެނގޭނެއެވެ، ނަމަވެސް ވެކްސިނަކީ ބައްޔަކުން ރައްކާތެރިވުމަށް ދެވޭ އެއްޗެކެވެ. އެހެންކަމުން ވެކްސިން ޓެސްޓްކުރާނީވެސް ބައްޔެއް ނެތް މީހަކަށް ދީގެނެވެ. އަދި ވެކްސިން ކާމިޔާބުކަމަށް މިބަލަނީ ފަހުން ހަދާ ޓެސްޓްތަކުން އެމީހަކަށް ބަލި ނުޖެހޭކަން ޔަޤީންކުރުމަށްފަހުއެވެ. މިހާތަނަށް ހަދާފައިވާ ވެކްސިންތަކަށް ބަލާއިރު 5000 މީހުން ބޭނުންކޮށްގެން ހަދާ ޓެސްޓުތަކެއްގެ ނަތީޖާ ލިބެން އެވްރެޖްގޮތެއްގައި 4 ވަރަކަށް އަހަރު ނަގައެވެ.

ވެކްސިނެއް އިންސާނުންނަށް ދިނުމުގެ ކުރިން މިހުރިހާ ޓެސްޓެއް ހަދަނީވެސް ވަރަށް މުހިއްމު ސަބަބުތަކެއް ހުރެގެނެވެ، މިއީ އިންސާނުންގެ ދިރުމާއި ނެތުމާ ގުޅިފައިވާ ކަންކަމަށް ވާތީއެވެ. އެންމެ އިހުމާލަކުންވެސް އެތައް މިލިއަން ބައެއްގެ ފުރާނައަށް ނުރައްކާވެދާނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިންނަށް ރީނދޫ ހުމަށް ވެކްސިނެއް ދިނެވެ. ވެކްސިން ދިން މީހުންގެ ތެރެއިން އެތައް ހާސް ބަޔަކަށް ސިއްހީ މައްސަލަތައް ކުރިމަތިވެ، އެތައް ބަޔަކު މަރުވިއެވެ. ރަނގަޅަށް ތަހުލީލްތައް ނުހެދުމުގެ ހިތި ނަތީޖާގެ މިސާލެކެވެ. މީގެއިތުރުން ޕޯލިއޯއަށް ހެދި އަގުހެޔޮ ވެކްސިނަކުން 1955 ވަނަ އަހަރު 40 ހާހަށްވުރެ ގިނަ މީޙުންނަށް ޞިއްހީ މައްސަލަތައް ކުރިމަތިވެ، 200 އެއްހާ މީހުން މަރުވިއެވެ. މިއީ ހައްތަހާވެސް ވެކްސިންތައް ޓެސްޓްކުރަންޖެހޭ ސަބަބުތަކެކެވެ. އެހެންކަމުން ކިތަންމެ އަވަހަށް ވެކްސިނެއް ތައްޔާރުކުރަން އުޅުނަސް، އެކަމުގައި ކޮންމެހެން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަނުކޮށް، އަވަސް އަރުވާލައިގެން ވެކްސިނެއް ތައްޔާރެއް ނުކުރެވޭނެއެވެ. މިފަދަ ކަންކަމާބެހޭ އުސޫލުތައް ވަނީ ހަރުކަށިކޮށްފައެވެ. އެމެރިކާގެ ސީޑީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދެވޭ ކޮންމެ މިލިއަން ވެކްސިން ޑޯޒަކުން ނޭދެވޭ އަސަރެއް ކޮށްގެން ބަދަލުދޭންޖެހެނީ އެންމެ މީހަކަށެވެ. އެހާވެސް ވެކްސިންގެ ޔަޤީންކަން މިއަދު ބޮޑެވެ.

ކޯވިޑްއަށް ވެކްސިން އުފެއްދުން

ކޮރޯނާވައިރަސްއަށްވެސް 100 އަށްވުރެ ގިނަ ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޓެސްޓްކުރެވެމުންނެވެ. އެމަސައްކަތުގައި ސަރުކާރުތަކާއި އަމިއްލަ ކުންފުނިތަކާއި ޔުނިވަރސިޓީތަކުން ބައިވެރިވަމުންނެވެ. 100 ވެކްސިނެއް ޓެސްޓްކުރަމުންދާއރު، އޭގެ ތެރޭގައި ފަސްޓް ޖެނެރޭޝަންގެ 11 ވެކްސިނަކާއި، ސެކަންޑް ޖެނެރޭޝަންގެ 72 ވެކްސިނަކާއި ތާޑް ޖެނެރޭޝަންގެ 27 ވެކްސިނެއް ހިމެނެއެވެ. 100 އެއްހާ ވެކްސިން އުފައްދަން މަސައްކަތްކުރާއިރު ދެބައިކުޅަ އެއްބައި ވެކްސިން ތައްޔާރުކުރަނީ އުތުރު އެމެރިކާގައެވެ. އަދި 17 ވެކްސިނެއް ޗައިނާގައި ދަނީ ޓެސްޓްކުރަމުންނެވެ. މައިގަނޑުގޮތެއްގައި މިމަސައްކަތަށް ޚަރަދުކުރަނީ އަމިއްލަ ކުންފުނިތަކުންނެވެ. ވެކްސިންތަކެއް އުފެއްދިޔަސް އަދި ނިމުނީއެއް ނޫނެވެ.

ކޯވިޑް ފެތުރެމުންދާ ހަލުވިމިނާއި، އޭގެއިން ކުރިމަތިވާ ގެއްލުމުގެ ސަބަބުން ވެކްސިން ހޯދަން މާގިނަ ވަގުތެއް ނެތެވެ. މަސައްކަތް އަވަސްކުރަން ސައިންސްވެރިން ދަނީ ޚާއްސަ ހުއްދަތަކުގެ ދަށުން ވެކްސިން ޓެސްޓްކުރުމުގެ 3 މަރުހަލާ އެކުއެކީހެންވެސް ކުރިއަށްގެންދަމުންނެވެ. 5000 ވަރަކަށް ހާސް މީހުންނަށް ކޮންމެ ވެކްސިނެއްވެސް ޓެސްޓްކުރާނެއެވެ. ނަމަވެސް 4 އަހަރުގެ ބަދަލުގައި އެކަމަށް ހޭދަކުރާނީ 18 މަސް ދުވަހެވެ. މިއީ ޚަބަރުތަކުން ބައެއް ވެކްސިންތަކުގެ މަރުހަލާތައް ވަރަށް އަވަހަށް ނިމެމުންދާކަމަށް ބުނާ މައިގަނޑު ސަބަބެވެ.

އެމެރިކާގެ މޮޑޭނާއިން އުފައްދާ ވެކްސިނާއި އޮކްސްފޯޑް ޔުނިވަރސިޓީގެ ވެކްސިނަކީ އެންމެ ކުރީގައި އުޅޭ ދެ ވެކްސިނެވެ. މި ދެ ވެކްސިންގެވެސް ދެވަނަ މަރުހަލާ ވަނީ ނިމިފައެވެ. ޓެސްޓްތައް ވަރަށް ކާމިޔާބެވެ. ތަޖުރިބާކާރުން ބުނާގޮތުން ކާމިޔާބު ވެކްސިނެއް މިއަހަރުގެ ނިމުމުގެ ކުރިން ހޯދައި، ޑޯޒްތައް އުފައްދަން ފެށޭވަރުވާނެއެވެ.

ރެކޯޑް އަދަދަކަށް ވެކްސިން ޑޯޒް އުފައްދަންޖެހޭ

ކޯވިޑްއަށް ވަރަށް އަވަހަށް ވެކްސިނެއް ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑެވެ. ނަމަވެސް މިކަމުގައި ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔެއަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދުމުގެ މަސައްކަތެވެ.
ކޯވިޑް އެއްކޮށް ނައްތާލަން ކުރިންވެސް ދަންނަވާލި ގޮތަށް "ހާޑް އިމިއުނިޓީ"އަކަށް ދާންޖެހެއެވެ،

ތަޖުރިބާކާރުން ބުނާގޮތުން ކޮރޯނާވައިރަސް އެއްކޮށް ފެތުރުން ކޮންޓްރޯލްކުރަން ދުނިޔޭގެ އާބާދީގެ ހިމެނޭ 8 ބިލިއަން މީހުންގެ ތެރެއިން 60 އިންސައްތަ މީހުން "އިމިއުން" ވާންޖެހެއެވެ. އެއީ ގާތްގަނޑަކަށް 4.7 ބިލިއަން މީހުންނެވެ. މާނައަކީ ކޯވިޑް ނައްތާލަން ދުނިޔޭގެ 4.7 ބިލިއަން މީހުންނަށް ވެކްސިން ދޭންޖެހެޔޭއެވެ. ނަމަވެސް ވެކްސިނެއްގެ 4.7 ބިލިއަން ޑޯޒް މީގެކުރިން އުފައްދާފައެއް ނުވެއެވެ. އަދި ވެކްސިން ރައްކާކޮށްފައި ހުންނަ ހާއްސަ ފާމަސޫޓިކަލް ބިއްލޫރިއަކީވެސް ފަސޭޙައިން ލިބޭ އެއްޗެއް ނޫނެވެ. އެވެސް ބޭނުންވާރަކަށް ނެތެވެ. އެހެންކަމުންއެތައް ބިލިއަން ވެކްސިން ޑޯޒެއް ހަދަން އެތައް ކާރުހާނާއެއް ބޭނުންވާނެއެވެ. އެހެންކަމުން ބޭސް އުފައްދާ ކުންފުނިތަކުން މިހާރު ދަނީ ކާމިޔާބުވާނެކަމަށް ބެލެވޭ ވެކްސިންތައް އުފެއްދުމަށް ކާރުހާނާތައްވެސް ޤާއިމްކުރަމުންނެވެ. އެފަދަ އެތައް ކާރުހާނާތަކެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާއިރު، އެތަންތަނުން އެތައް ސަތޭކަ މިލިއަން ވެކްސިން ޑޯޒުތައް އުފައްދާނެއެވެ.

ވާދަވެރިކަން ނައްތާލާ، އެއްބައިވުން މުހިއްމު

ދެން އޮތީ ދުނިޔެއަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދިއްޖެނަމަ ވާނީ ކިހިނެތްތޯއާމެދު ކުރެވޭ ސުވާލެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވެކްސިނެއް ކާމިޔާބުވެއްޖަނަމަ އެހާހިސާބުން ސިޔާސީ މީހުން އޭގެތެރެއަށް ވަންނާނެއެވެ.

2009 ވަނަ އަހަރު ސްވައިން ފުލޫ ފެތުރެމުންދިޔައިރު، އެންމެ ފުރަތަމަ އެބައްޔަށް ވެކްސިނެއް އުފެއްދީ އޮސްޓްރޭލިއާގެ ކުންފުންޏަކުންނެވެ. ނަމަވެސް އޮސްޓްރޭލިއާގެ ސަރުކާރުން ނިންމީ ވެކްސިން ފުރަތަމަ ލިބޭނީ އޮސްޓްރޭލިއާ ރައްޔިތުންނަށްކަމަށެވެ. ކެނެޑާއިންވެސް ވެކްސިން ލިބުމުން ހެދީ އެހެނެވެ. އެމެރިކާއިން އުފެއްދި ވެކްސިން އެހެން ޤައުމުތަކަށް ދޭން އެއްބަސްވިޔަސް، އެވެކްސިން އެހެން ޤައުމުތަކަށް ދިނީ ސްވައިން ފްލޫ ފެތުރުން ހުއްޓުނު ހިސާބުންނެވެ.

އެހެންކަމުން މިއަދު ކޯވިޑްއަށް ވެކްސިނެއް ހޯދާއިރު، އެ އުފެއްދި ބައެއް އޭގެ ފައިދާ ނެގުމުގެ ވިސްނުން ގެންގުޅެފިނަމަ ވެކްސިނުގެ ނަތީޖާއެއް ނުލިބޭނެއެވެ. ވާދަވެރިކަމުގައި ފައިދާ ނަގަން އުޅުމުގެ ބަދަލުޔުގައި މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުން މުހިއްމެވެ. މިކަމުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤާއުމުތަކުން ދަނީ އުއްމީދީ މަންޒަރުތަކެއް ދައްކަމުންނެވެ. ޤައުމަކަށް އެކަނި ޚިދުމަތްކުރުމުގެ ބަދަލުގައި މުޅި އިންސާނިއްޔަށް މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުން ވަނީ އަތުކުރި އޮޅާލާފައެވެ. އެމެރިކާ ނޫނީ ދުނިޔޭގެ ހުރިހާ ޤައުމުތަކާއި ޖަމުޢިއްޔާތަކުން ދަނީ މިކަމުގައި ގުޅިގެން ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

އަނެއްކޮޅުން ވެކްސިނުގެ އަގަކީވެސް މުހިއްމު އެޗެކެވެ. މުއްސަނދި ޤައުމުތަކުން ގިނައިން ޚަރަދުކުރާނީތޯ، ފަޤީރު ޤައުމުތަކަށް އަގުހެޔޮ ކުރާނީތޯ، ވިޔަފާރިކުރާ ކުންފުންޏަކަށް ވެކްސިން ވިއްކޭނީ ކިހާވަރަކަށްތޯ؟ މިއީވެސް އުފެދޭ ސުވާލުތަކެވެ. މިކަމުގައި އޮތް ހިތްހަމަޖެހުމަކީ ބޮޑެތި ކުންފުނިތަކުން އަތްފޯރާ އަގުގައި ވެކްސިން ވިއްކާނެކަމުގެ ޔަޤީންކަން ދިނުމެވެ.

ވެކްސިނެއް ކާމިޔާބުކުރުމަށް ވީހާވެސް ގިނަ ބަޔަކަށް އެވެކްސިން ދޭންޖެހޭއިރު، އަގުހެޔޮ ފޯރުކޮށްދީގެން ނޫނީ ގިނަ ބަޔަކަށް ވެކްސިނެއް ނުލިބޭނެއެވެ. އެހެންކަމުން އެންމެ ވެކްސިނެއްގެ ބަދަލުގައި ކޯވިޑްއަށް އިތުރު ވެކްސިންތަކެއް ހޯދިއްޖެނަމަ ކޯވިޑްގެ ވެކްސިނަކީ ފަސޭޙައިން ލިބޭނެ އެއްޗަކަށްވާނޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ހަޤީޤަތުގައި ކޯވިޑްއަށް ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތަކީ ކުންފުނިތައް ނުވަތަ ޤައުމުތަކުގެ ތެރޭގައި އޮވެގެންވާނެ ވާދަވެރިކަމެއް ނޫނެވެ. އެއީ އިންސާނުންނާއި ވައިރަސްއާ ދެމެދު އޮންނަންޖެހޭނެ ވާދަވެރިކަމެކެވެ. މިއީ ދުނިޔޭގެ އިޤްތިޞާދު އެތައް އަހަރެއް ފަހަތަށް ސޮއްސާލި އަދި އެތައް ސަތޭކަ ހާސް ބައެއްގެ ފުރާނަ ގެންދިޔަ ކުޑަކުޑަ ވައިރަސްއާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. ހަނގުރާމަ ކާމިޔާބުކުރެވެން އޮތީ މީގެ ކުރިން ނުކުރާވަރުގެ ކަމެއް ކޮށްގެނެވެ؛ ދުނިޔޭގެ އެންމެންނަށް ބޭނުންވާ ވެކްސިން ޑޯޒްތައް ރެކޯޑް މުއްދަތެއްގެ ތެރޭގައި ރެކޯޑް މިންވަރަކަށް އުފައްދައިގެނެވެ. ނޫނީ އޮތީ ދިރިއުޅެން އުނދަގޫ ނިއު ނޯމަލްގެ ދިރިއުޅުމެވެ.