ތިމާވެށި

މިނިސްޓަރ ޠާރިޤު، ޑޮންގާ އަދި ނިޔުއޭގެ މިނިސްޓަރާ ބައްދަލުކޮށްފި


އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް، ޓޮންގާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި، ނިޔުއޭގެ އެސޯސިއޭޓް ހެލްތް މިނިސްޓަރާއި މިއަދު ބައްދަލުކުރައްވައިފިއެވެ.މިނިސްޓަރ ޠާރިޤު އިބްރާހިމް މި 2 ބޭފުޅުންނާއި ބައްދަލުކުރައްވާފައިވަނީ މިހާރު ރާއްޖޭގައި ފެށިގެން ކުރިއަށްދާ އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގެ 6 ވަނަ ތްރީއާރް ފޯރަމްގެ ތެރެއިންނެވެ.މި ބައްދަލުވުންތަކުގެ ތެރެއިން މިނިސްޓަރ ފުރަތަމަ ބައްދަލުކުރައްވާފައި ވަނީ ޑޮންގާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ސިއޯސީ ސޮވަލެނީއާއެވެ. އެއަށްފަހު ދެން ބައްދަލުކުރެއްވީ ނިޔުއޭގެ އެސޯސިއޭޓް ހެލްތް މިނިސްޓަރ ޑެލްޓަން އެމަނީ މަކަމައު ޑަގެލާގީއާއެވެ. ޓޮންގާ އަދި ނިޔުއޭ، މި ދެޤައުމަކީވެސް ކުދި ޖަޒީރާ ދެ ޤައުމުކަމުން، ތްރީއާރް ފޯރަމްގެ ތެރެއިން ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް އަދާކުރެވިދާނެ މުހިއްމު ދައުރާއި މެދު މިނިސްޓަރ ވަނީ މި 2 ބޭފުޅުންނާއި މަޝްވަރާކުރައްވާފައެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ކުދި ޖަޒީރާ ޤައުމުތަކަށްކަމުން، އެފަދަ ޤައުމުތަކުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މިނިސްޓަރ ޠާރިޤުވަނީ މި 2 ބޭފުޅުންނާއި މަޝްވަރާކުރައްވާފައެވެ.