ތަރައްްޤީ

ވޭވަށު ބަނދަރުގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި


މ. ވޭވަށުގައި ތަރައްޤީކުރާ ބަނދަރުގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން އެރަށް ގެންގޮސްފިއެވެ.

ވޭވަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ހެދުމަށް އެރަށުގެ ފަޅުން 56،925 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ މަސައްކަތް މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިމިފައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ބަނދަރު ހެދުމަށް ފަޅުތެރޭން ފުންކުރަންޖެހޭ ސަރަޙައްދުގެ މަސައްކަތް ނިމި، ބަނދަރުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮށްޓަށް ބޭނުންވާ 3.5 މީޓަރުގެ ކޮންކްރީޓް ކީވޯލް ޓީ ޔުނިޓްތައް މިމަހުގެ 22 ވަނަ ދުވަހު ވޭވަށަށް ގެންގޮސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން 350 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 130 މީޓަރު ރިވެޓްމަންޓް ޖަހާ، 380 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާއި އިންވެގެން ޕޭވްމަންޓް މަގު ހެދުމާއި، ނެރުބައްތިއާއި މަގުބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މ. ވޭވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 48.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޖަމްހަރު

ބަނދަރެއް އެކަނި އަޅާފަ ފުއްދާނުލާ. ސިއްހީ ނިޒާމު ހްރުދަނާ ކޮއްދެއްވާ