ތަރައްްޤީ

މަޑުއްވަރީ ބަނދަރުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް ތައްޔާރުވަނީ


ރ. މަޑުއްވަރީގެ ދެކުނު ފަރާތުގައި ތަރައްޤީކުރާ އައު ބަނދަރުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

މަޑުއްވަރީގައި އައު ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރު ވަރަށް ބޮޑު ހަލާކުވެ، ޒަމާނީ ބަނދަރެއްގެ ބޭނުން އެރަށަށް ޖެހިފައިވާތީއެވެ. އައު ބަނދަރުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 29 ނޮވެމްބަރު 2019 ގައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، މަޑުއްވަރީގައި އަލަށް ހަދާ ބަނދަރު ފުންކުރުމުގެ 90 އިންސައްތަ މަސައްކަތާއި، ނެރު ފުން ކުރުމުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ބަނދަރު ހެދުމަށް އެރަށުގެ ފަޅުން ޖުމްލަ 72،800 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ބަނދަރަށް ބޭނުންވާ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން 411 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 135 މީޓަރު ރިވެޓްމަންޓް ޖަހާ، 566 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާއި އިންވެގެން 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް މަގު ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ނެރުބައްތިއާއި މަގުބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 590 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މަޑުއްވަރީގައި އައު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 68.66 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.