ކޯވިޑް-19

ކޯވިޑް-19އާގުޅޭ މަޢުލޫމާތު ހޯދުމަށް ގިނަ ބަޔަކު ބަރޯސާވީ އެޗް.ޕީ.އޭއަށް


ކޯވިޑް-19އާއި ގުޅޭ މަޢުލޫމާތު ހޯދުމަށް ގިނަ ބަޔަކު ބަރޯސާވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއަށްކަމަށް "ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޯވިޑް-19" މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސަރވޭއަކުން ދައްކައިފިއެވެ.

މިއީ ކޯވިޑް-19ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީގޮތުން ކޮށްފައިވާ އަސަރު ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ. އެޗް.ޕީ.އޭ.އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫ ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ މި ސަރވޭގައި 2871 މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 2697 މީހެއްގެ ފަރާތުން ސަރވޭއަށް ބޭނުންވާ ފުރިހަމަ ބައިވެރިވުން ލިބިފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވިއެވެ.

އެޗް.ޕީ.އޭއިން ވަނީ މި ސަރވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަަޢުލޫމާތުތަކުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. އެޗް.ޕީ.އޭއިން ވަނީ ސަރވޭގެ ބައިވެރިން ކޯވިޑް-19އާއި ގުޅޭ މަޢުލޫމާތު ހޯދާ ގޮތްތަކާއި، އާބާދީގެ އެކި އުމުރުފުރާތަކުގެ މެދުގައި ސިއްހީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތްކަންކަމާއި، ވަޔަލެންސް އެޓް ހޯމް ނުވަތަ ގެވެށިއަނިޔާގެ ކަންބޮޑުވުން އޮތް މިންވަރާމެދު ބައިވެރިން ދެކޭގޮތް ހާމަކޮށްފައެވެ.

ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ކޯވިޑް-19އާއި ގުޅޭ އެންމެ އިތުބާރު ހިފޭ މަޢުލޫމާތުތައް ހޯދުމަށް ގިނަ ބަޔަކު ބަރޯސާވީ އެޗް.ޕީ.އޭއަށެވެ. އެގޮތުން ސަރވޭގައި ބައިވެރިވި 37 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން މި ބައްޔާގުޅޭ އެންމެ މުހިއްމު އަދި ބޭނުންތެރި މަޢުލޫމާތުތައް ހޯދާފައިވަނީ އެޗް.ޕީ.އޭ މެދުވެރިކޮށް ކަމަށެވެ. އެއީ ސަރވޭގައި ބައިވެރިވި ކޮންމެ 5 މީހަކު 2 މީހެކެވެ.

ކޯވިޑް-19އާއި ގުޅޭ މަޢުލޫމާތު ހޯދުމަށް 23 އިންސައްތަ މީހުން ސޯޝަލް މީޑިއާ އިޙްތިޔާރުކޮށްފައިވާއިރު، 21 އިންސައްތަ މީހުންނަށް މަޢުލޫމާތު ލިބިފައިވަނީ ޕަބްލިކް އެނައުންސްމަންޓްތައް ނުވަތަ އާއްމު އެންގުންތައް މެދުވެރިކޮށެވެ. އަދި ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް 19 އިންސައްތަ މީހުން މަޢުލޫމާތު ހޯދާފައިވާއިރު، ރަންޓެހިންނާއި އާޢިލާ މީހުން މެދުވެރިކޮށް 3 އިންސައްތަ މީހުން ވަނީ މަޢުލޫމާތު ހޯދާފައެވެ.

ތަފާތު އުމުރުފުރާތަކުގެ މެދުގައި ހުރި ސިއްހީ ކަންބޮޑުވުންތަކުގެ ގޮތުގައި ސަރވޭގެ ބައިވެރިން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުރި މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސައެހީއަަށް ބޭނުންވާ މީހުންގެ ސިއްހަތާމެދުގައެވެ. އެގޮތުން ސަރވޭގައި ބައިވެރިވި 89 އިންސައްތަ ފިރިހެނުންނާއި، 77 އިންސައްތަ އަންހެނުން ވަނީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުރި މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސައެހީއަަށް ބޭނުންވާ މީހުންގެ ސިއްހަތާމެދު ކަންބޮޑުވާކަމަށް ބުނެފައެވެ. 85 އިންސައްތަ ފިރިހެނުންނާއި 76 އިންސައްތަ އަންހެނުންވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސިއްހަތާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި 73 އިންސައްތަ ފިރިހެނުންނާއި، 67 އިންސައްތަ އަންހެނުންވަނީ އެމީހުންގެ ގޭގައި ދިރިއުޅޭ ފަރާތްތަކުގެ ސިއްހަތާމެދު ކަންބޮޑުވާކަމަށް ބުނެފައެވެ. މީގެ އިތުރުން 61 އިންސައްތަ ފިރިހެނުންނާއި 53 އިންސައްތަ އަންހެނުންވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ސިއްހަތާމެދުވެސް ކަންބޮޑުވާކަން ފާހަގަކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން އުފެދިދާނެ އިޖްތިމާއީ މައްސަލަތަކުގެ ތެރެއިން ގެވެށިއަނިޔާގެ މައްސަލަތައް ނެތްކަމަށް 73 އިންސައްތަ މީހުން ބުނެފައިވާއިރު، އެކަމާމެދު ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް 10 އިންސައްތަ މީހުން ވަނީ ފާޅުކޮށްފައެވެ. އަދި 17 އިންސައްތަ މީހުންވަނީ ގެވެށިއަނިޔާގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތްކަމަށް ބުނެފައިވެއެވެ. މި 17 އިންސައްތަ މީހުންގެ ތެރެއިން ކޮންމެ 6 މީހަކުން އެކަކަށް ގެވެށިއަނިޔާ ތަޙައްމަލުކުރި މީހެއްގެ މަޢުލޫމާތު އެނގޭކަން އެޗް.ޕީ.އޭއިން ވަނީ ފާހަގަކޮށްފައެވެ.

"ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޯވިޑް-19" މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ މި ސަރވޭއަކީ އެޗް.ޕީ.އޭއާއި އެމް.އެން.ޔޫ ގުޅިގެން ކުރިއަށްގެންދާ ޢިލްމީ ދިރާސާއެކެވެ. މި ދިރާސާއަކީ ސިއްހީ ދިރާސާކުރާ ޤައުމީ ކައުންސިލުން ފާސްކޮށްފައިވާ ދިރާސާއެކެވެ. ސަރވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި އެޗް.ޕީ.އޭއިން ފުރަތަމަ އާއްމުކުރި ސަރވޭގައި ބައިވެރިވި 94 އިންސައްތަ މީހުންނަށް ކޯވިޑް-19ގެ އަލާމާތްތައް ދެނެގަންނަން އެނގޭކަން ވަނީ ހާމަވެފައެވެ.