ޚަބަރު

8 މަހުގެ ތުއްތު ކުއްޖަކަށް ފަރުވާ ދެނިކޮށް ނިޔާވި މައްސަލަ ދަނީ ބަލަމުން: އައިޖީއެމްއެޗު


  • 8 މަހުގެ ތުއްތު ކުއްޖާގެ ކަންކަން ޑޮކްޓަރުން ދިޔައީ ގާތުން ބަލަމުން

  • އައިސީޔޫ ފުރޭ ޙާލަތްތަކުގައި އައިސީޔޫއަށް ލުމަށް ޑޮކްޓަރުން އެދޭނަމަ އެހެން ހޮސްޕިޓަލަކަށް ޓްރާންސްފަރކުރާނެ

8 މަހުގެ ތުއްތު ކުއްޖަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލަ ބަލަމުންދާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ސިއްޙީ ފަރުވާ ދިނުމާ ބެހޭ ގޮތުން އެހޮސްޕިޓަލަށް ހުށައެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކަންބޮޑުވުން އޮތްކަމެއްނަމަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއްކަމަށެވެ.

8 މަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގޭގޮތުގައި އެކުއްޖާގެ ބަލި ޙާލަތު ހުރިގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ދިޔައީ ގާތުން މޮނީޓަރކޮށް އެވަގުތު ދެވޭނެ ފަރުވާ ދީ ގުޅުން ހުރި ލޭގެއާއި އެހެނިހެން ތަހުލީލުތައް ކުރެވި އަދި ފަރުވާއަށް ގެންނަ ޖެހޭ ބަދަލުތައް ގެންނަމުންނެވެ. އަދި ރިކޯޑުތަކުން ދައްކާގޮތުގައި، އެޑިޕާޓުމަންޓުގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވާކަމަށެވެ.

އައިޖީއެމްއެޗްގެ ފަރުވާ ދިނުމުގައި ހޮސްޕިޓަލުން ޢަމަލުކުރާ ގޮތަށް ބަލާއިރު އައިސީޔޫގެ ފަރުވާ ދޭންޖެހޭކަމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ އެކަން ހަމަޖެއްސެވުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާކަމަށެވެ. އަދި އައިސީޔޫ ފުރިއްޖެ ޙާލަތްތަކުގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފަރކުރުމުގެ އިންތިޒާމު ހޮސްޕިޓަލުން ހަމަޖައްސާނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށްވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއްކަންކަމަކީ ފުރާނައަށްވެސް ގެއްލުންވެދާނެ ފަދަ އަދި ސިއްޙީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަމެއްކަމަށެވެ. އަދި އެފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ޙާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި އެފަދަ ކޮންމެ ޙާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލުގެ އެތެރޭގައި ތަޙުގީގެއް ކުރެވި ޚިދުމަތްތަކާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަނެވޭކަމަށެވެ. އަދި 8 މަހުގެ ތުއްތު ކުއްޖާ ނިޔާވި މައްސަލަވެސް އިތުރަށް ބަލަމުންދާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.