ތަރައްްޤީ

ރަކީދޫ އާއި ވަންދޫގެ ބަނދަރު މަސައްކަތް ފަށައިފި


ވ. ރަކީދޫ ބަނދަރު ހެދުމާއި، ރ. ވަންދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

އެމް.ޓީ.ސީ.ސީން ބުނީ، ވ. ރަކީދޫ ބަނދަރު ހެދުމަށް ބޭނުންވާ ސައިޓް މޮބިލައިޒްކޮށް، އެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒްއާއި ވެހިކަލްތައް އެރަށް މިހާރު ގެންގޮސްފައިވާކަމަށެވެ. ރަކީދޫ ބަނދަރު ހެދުމަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭ ހުއްދަ ލިބިފައިވަނީ 26 ޑިސެމްބަރ 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ހެދުމަށް ރަކީދޫ ފަޅުން 5645 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 156 މީޓަރު ދިގު ބޭރު ތޮށްޓަކާއި، 164 މީޓަރު ދިގު އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 74 މީޓަރުގެ ރިވެޓްމަންޓް ޖަހާ، ބަނދަރާއި އިންވެންގެން 429 އަކަ މީޓަރުގެ ޕޭވްމަންޓް މަގެއް ހެދުމަަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެެ.

18.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

މީގެ އިތުރުން ރ. ވަންދޫ ބަނދަރު ފުންކުރުމާއި މަރާމާތުކުރުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން މިއަދު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ވަންދޫ ބަނދަރުގައި މިހާރު ހުރި ސިމެންޓް ބޭގް ވޯލް ސްޓްރަކްޗަރާއި ބަނދަރުގެ އެއްގަމުތޮށިން ހަލާކުވެފައިވާ ތަންތަން ނަގާނެއެވެ. ބަނދަރުގެ 1870 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 75 މީޓަރުގެ އެއްގަމު ތޮށްޓެއްލާ، ކުރިން ހަލާކުވެފައި ހުރި ތަންތަން ޕްރީކާސްޓް ބްލޮކްސް ބޭނުންކޮށްގެން ބެއްދުން ހިމެނެއެވެ.

މި މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 5.99 މިލިއަން ރުފިޔާއަށެވެ.

ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއެކުވެސް އެމް.ޓީ.ސީ.ސީން އަންނަނީ އެކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް ހުއްޓުމެއްނެތި ކުރަމުންނެވެ. މީގެ ތެރޭގައި ރަށްރަށުގެ ބަނދަރު ހެދުމާއި، ބަނދަރު ފުންކުރުމާއި މަރާމާތުކުރުން އަދި ބިން ހިއްކުން ފަދަ ބިޔަ މަޝްރޫޢުތައްވެސް ހިމެނެއެވެ.