ޚަބަރު

ކޯވިޑް-19 : ރަނގަޅުވި މީހުންގެ ނިސްބަތް %80އަށްވުރެ މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 80 އިންސައްތައަށް އަރައިފިއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އިރުއޮއްސި 6:00 އިން މިރޭގެ އިރުއޮއްސި 6:00 އާހަމައަށް ބަލިޖެހުނު މީހުންގެ ތެރެއިން 10 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 1769 އަށް އިތުރުވެފައެވެ. އަދި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން %80 ގިނަ މީހުންމިވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 371 އަށް އަރާފައެވެ.

މި މަހުގެ މިވީ 19 ދުވަހުގެ ތެރޭގައި ބަލިން ރަނގަޅުވި މީހުންގެ ޢަދަދުތައް އުޅެނީ އެހެން މަސްތަކާއި އަޅާބަލާއިރު ވަރަށްބޮޑަށްވެވެސް އިތުރުކޮށެވެ. ކޮންމެ ދުވަހަކުވެސް ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެ ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވަނީ ނިސްބަތުން ވަރަށްބޮޑަށް ދަށްވެފައެވެ. މިމަހުގެ މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން ރަނގަޅުވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު 229 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ މިހާތަން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ރަނގަޅުވިދުވަސްވެސް މެއެވެ.

މާލެ ސަރަހައްދުގެ ފުރަބަންދަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލުއިދޭން ފަށާފައިވާއިރު މިވީ 5 ދުވަހުގެ ތެރޭގައި ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 450 އަށްވުރެ މަތީގައެވެ.

ފުރަބަންދުގެ ލުއިގެފަހުން ބަލިން ރަނގަޅުވި މީހުންގެ އަދަދު:
- 15 ޖޫން 2020 ގައި 229 މީހުން
- 16 ޖޫން 2020 ގައި 130 މީހުން
- 17 ޖޫން 2020 ގައި 07 މީހުން
- 18 ޖޫން 2020 ގައި 82 މީހުން
- 19 ޖޫން 2020 ގައި 10 މީހުން

ބަލިން ރަނގަޅުވާ މީހުން އިތުރުވެ، ކުރިއަށްވުރެ ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމުން ފަރުވާދޭ މީހުން ނުވަތަ އެކްޓިވް ކޭސްތައް މިހާރުވަނީ މަދުވެފައެވެ. އެގޮތުން މިބައްޔަށް ފަރުވާދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 371އެވެ.

ރާއްޖޭގައި ކޯވިޑް19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ މަސައްކަތް ކުރަމުންދާއިރު، މިދެވޭ ލުއިތަކާއިއެކުވެސް އެޗްޕީއޭއާއި ކަމާިއބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ބޭރަށް ނިކުމުގެ އުޅުމުގައި މާސްކު އެޅުމާއި، ޞިއްޚީ ރައްކާތެރިކަމަށް ފަރުވާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.