ކޯވިޑް-19

ކޯވިޑް-19 : މާފަރު އެއަރޕޯޓުގައި ހަދާ ލެބޯޓްރީއަށް ބޭނުންވާ ޕީ.ސި.އާރު މެޝިނާއި، އިތުރު ސާމާނު ގެނެސްފި


މާފަރު އެއަރޕޯޓުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށް ހަދާ ލެބޯޓްރީއަށް ބޭނުންވާ ޕީ.ސީ.އާރު މެޝިނާއި، އިތުރު ސާމާނު އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑުން ރާއްޖެގެނެސްފިއެވެ.

ސޮނޭވާ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުން މާފަރު އެއަރޕޯޓުގައި ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމުކުރާ ލެބޯޓްރީގައި ބޭނުން ކުރުމަށް ގެނެސްފައިވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މިހާރުވެސް ސާމްޕަލް ޓެސްޓްކުރުމަށް ބޭނުންކުރާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން، ޕީ.ސީ.އާރް ލައިޓް ސައިކްލަރ ނައިން ސިކްސްގެ މެޝިނެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ފަރުދީން ވިދާޅުވީ، ސޮނޭވާއިން މާފަރު އެއަރޕޯޓުގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޑަބްލިއު.އެޗް.އޯގެ މިންގަނޑުތަކާއި އެއްގޮތަށް އެކުންފުނިން ކުރަހާފާއިވާ ޑިޒައިނަކަށްކަމަށެވެ. އަދި ޕީ.ސީ.އާރް ލެބްހެދުމުގެ ޓެކްނިކަލް ހުރިހާ ގައިޑްލައިންތަކަކާއި، ޕީ.ސީ.އާރް ލެބް ހިންގުމުގެ ސްޓޭންޑެޑް އޮޕަރޭޝަން ޕްރޮސީޖަރސް، އެސް.އޯ.ޕީތައްވެސް ތައްޔާރުކޮށްދީފައިވަނީވެސް އެކުންފުނިން ކަމަށެވެ.

ފަރުދީން ވިދާޅުވީ، މާފަރުގައި ޤާއިމުކުރާ ލެބޯޓްރީއަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ސޮނޭވާގެ ފަރާތުން މިހާރު ކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް ޕީ.ސީ.އާރް މެޝިން އިންސްޓޯލްކޮށް، އެތަނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޭޑީކޭގެ ލެބް އަޅުގަނޑުމެންނަށް ނިންމާލެވުން 3-5 ދުވަހުގެ ތެރޭގައި. ސޮނޭވާއިން މާފަރުގައި ކުރިއަށްދާ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިމުނުހާ އަވަހަކަށް ދެތިން ދުވަހުގެ ތެރޭގައި މެޝިން އިންސްޓޯލްކޮށް، އެތަން އޮޕަރޭޝަނަށް ގެނެވޭނެކަމަށް މިބަލަނީ" ފަރުދީން ވިދާޅުވިއެވެ.

ޕީ.ސީ.އާރް މެޝިނާއި މެޝިނަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކެއްގެ އިތުރުން މާފަރު ލެބޯޓްރީއަށް ބޭނުންވާ ޕްލާސްޓިކް ވެއާސްއާއި ކޮންސިއުމަބަލްސްވެސް އޭ.ޑީ.ކޭއިން ވަނީ ރާއްޖެގެނެސްފައެވެ.

ނ. މާފަރުގައި ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާފަރު އެއަރޕޯޓު ބޭނުންކުރަމުންދާނީ ފުރިހަމަ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައިކަމަށް އެއަރޕޯޓް އޮޕަރޭޓްކުރާ މޯލްޑިވިއަނުން ވަނީ ބުނެފައެވެ.