ކޯވިޑް-19

ކޯވިޑް-19 : ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލާއިރު ޢަމަލުކުރާނެ އުސޫލެއް އެކުލަވާލާލައިފި


ކޯވިޑް-19ގެ ސަބަބުން އިއުލާންކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގަައި ވައިގެމަގުންނާއި ކަނޑުމަގުން ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ޢަމަލުކުރަންވީގޮތުގެ އުސޫލެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފިއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިފަދަ އުސޫލެއް އެކުލަވާލުމުގެ އެންމެ މުހިއްމު މަޤްޞަދަކީ މެޑިކަލް އިމަރޖެންސީއެއް ދިމާވާ ޙާލަތުގައި ވައިގެ މަގުންނާއި ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ބަލި މީހާ ގެންދިޔުމަށްޓަކާ ޢަމަލުކުރާނެގޮތް ބަޔާންކުރުން ކަމަށެވެ. އެގޮތުން ބަލި މީހާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ފުރިހަމަ ކުރަންޖެހޭ އާއްމު ޝަރުތުތަކާއި، ސީޕްލޭން، މަތިންދާ ބޯޓު އަދި ކަނޑުއުޅަނދުފަހަރުގައި ހުންނަންޖެހޭނެ ޝަރުތުތަކާއި، ބަލިމީހާ އުފުލާ އުޅަނދުފަހަރު ސާފުކޮށް ޑިސްއިންފެކްޓްކުރުމުގައި ޢަމަލުކުރަންވީގޮތް ވަކިވަކިން މި އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ.

އާއްމު ޝަރުތުތައް:


- ވައިގެމަގުން ދަތުރުރާ އުޅަނދެއްނަމަ ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީކަންކަން ފުރިހަމަކޮށްފައި ހުރުން
- ކަނޑުމަގުން ދަތުރުކުރާ އުޅަނދެއްނަމަ ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީކަންކަން ފުރިހަމަކޮށްފައި ހުރުން

އެޗް.ޕީ.އޭގެ އުސޫލުގައިވާގޮތުން ފެން ނުވަތަ ކާބޯތަކެތި ފޯރުކޮށްދޭނަމަ ދަތުރުވެރިން އުޅަނދަށް އެރުމުގެ ކުރިން ސީޓް ކުރިމަތީ ޕޮކެޓުގައި ނުވަތަ ސީޓްމަތީގައި އެތަކެތި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެއެވެ. އަދި ދަތުރުގެ ސަލާމަތީ ކަންކަމާގުޅޭ މަޢުލޫމާތު ކަރުދާސް ފިޔަވައި އެހެނިހެން މަޢުލޫމާތު ކަރުދާސް ދަތުރުވެރިންނަށް އަމާޒުކޮށް ނުބެހެއްޓުމަށާއި، މިގޮތަށް ބަހައްޓަންޖެހިއްޖެނަމަ ލެމިނޭޓްކޮށްފައި ބެހެއްޓުމަށާއި، ކޮންމެ ދަތުރަކަށްފަހު އެތަކެތި ސެނިޓައިޒް ކުރަންޖެހެއެވެ. އަދި މިފަދަ މަޢުލޫމާތުތައް ޑިޖިޓަލްކޮށް ބެހެއްޓުމަކީވެސް އެދެވިގެންވާކަމެއްކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން ބަލިމީހާގެ އެހީތެރިޔާއާއި ސިއްޙީ ހިދުމަތްތެރިޔާއާއި، ބަލިމީހާވެސް މާސްކު އެޅޭ ޙާލަތުގައި އޮތްނަމަ ސަރޖިކަލް މާސްކް އަޅަންޖެހޭނެއެވެ. އަދި އުޅަނދަށް އަރައިފައިބާއިރު އަތް ޑިސްއިންފެކްޓް ކުރުމަށްޓަކާ އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން ނުވަތަ އުޅަނދުގައި ސެނިޓައިޒަރ ބަހައްޓަންވެސް ޖެހޭނެއެވެ.

ސީޕްލޭން:


މި އުސޫލުގައިވާގޮތުން ސީޕްލޭނެއްނަމަ ބަލިމީހާއާއި އޭނާގެ އެހީތެރިޔާއާއި އަދި އޭނާއާއެކު ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން އެއްވެސް މީހަކަށް ދަތުރެއް ނުކުރެވޭނެއެވެ. އަދި ބަލި މީހާ ބައިންދަންވާނީ ނުވަތަ ބާއްވަންވާނީ ފަހަތު ސީޓުތަކުގައެވެ.

ޕައިލެޓުންނާއި ކްރޫއިން އަދި އެކީގައި ދަތުރުކުރާ ސިއްހީ އެހީތެރިޔާ ޕީ.ޕީ.އީގެ ގޮތުގައި ބޭނުންކުރާނީ:
- ސަރޖިކަލް މާސްކް (ބަލިމީހާގެ ހާލުބޮޑުވެ އޮކްސިޖަން ގުޅާފައިވާނަމަ ނުވަތަ އިންޓިޔުބޭޓްކޮށްފައިވާނަމަ އެން.ނައިން.ފައިވް މާސްކް ބޭނުންކުރުން)
- ޑިސްޕޯޒަބަލް އޭޕްރަން
- ގޮގްލްސް
- ސާރޖިކަލް ގްލޯވްސް (ބަލިމީހާއަށް ގާތުން އެހީތެރިވާ ސިއްހީ ހިދުމަތްތެރިޔާ ނުވަތަ ހޮޑުފަދަ އެއްޗެއް ނުވަތަ ފާޚާނާ ސާފުކުރާނަމަ އެމީހާ)

މަތިންދާބޯޓު:


މަތިންދާބޯޓެއްނަމަ ބަލިމީހާއާއި އެހީތެރިޔާއާއި އަދި އޭނާއާއެކު ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން ދަތުރުވެރިން ދަތުރުކުރާނަމަ ބަލިމީހާ ބައިންދަންވާނީ ނުވަތަ ބާއްވަންވާނީ ބޯޓުގެ ފަަހަތު ސީޓުތަކުގައިކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ. އަދި ބަލިމީހާ އިންނަ ސީޓު ނުވަތަ އޮންނަ ސަރަޙައްދުގެ ވަށައިގެން ކޮންމެ ފަރާތަކުން ދެ ސީޓްވާގޮތަށް އެއްވެސް ދަތުރުވެރިޔަކު ނާރުވާ ހުސްކޮށް ބެހެއްޓުމަށާއި، ބަލި މީހާއާއި އެހެން މީހުން ތިބޭ ސީޓާ ދެމެދު 6 ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭނެއެވެ.

ޕައިލެޓުންނާއި ކްރޫއިން އަދި އެކީގައި ދަތުރުކުރާ ސިއްހީ އެހީތެރިޔާ ޕީ.ޕީ.އީގެ ގޮތުގައި ބޭނުންކުރާނީ:
- ސަރޖިކަލް މާސްކް (ބަލިމީހާގެ ހާލުބޮޑުވެ އޮކްސިޖަން ގުޅާފައިވާނަމަ ނުވަތަ އިންޓިޔުބޭޓްކޮށްފައިވާނަމަ އެން.ނައިން.ފައިވް މާސްކް ބޭނުންކުރުން)
- ސާރޖިކަލް ގްލަވަސް (ބަލިމީހާ ގާތުން އެހީތެރިވާ ސިއްހީ ހިދުމަތްތެރިޔާ ނުވަތަ ހޮޑުފަދަ އެއްޗެއް ނުވަތަ ފާޚާނާ ސާފުކުރާނަމަ އެމީހާ)
- ފޭސް ޝީލްޑް (ބަލިމީހާއާއި ކައިރިވާން ޖެހިއްޖެނަމަ)

މި އުސޫލުގައިވާގޮތުން ދަތުރުވެރިން ބޯޓަށް އަރުވަންވާނީ ބަލިމީހާއާއި، އެހީތެރިޔާއާއި، އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާއަށްވުރެ ކުރިންނެވެ. އަދި ބަލިމީހާއާއި، އެހީތެރިޔާއާއި، އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާ ދަތުރުވެރިންނަށްވުރެ ކުރިން ބޭލުވުމަށާއި، އަތް ޑިސްއިންފެންކްޓް ކުރުމަށްޓަކާ ބޯޓުގައި ސެނިޓައިޒަރ ބަހައްޓަންޖެހޭނެއެވެ.

ކަނޑު އުޅަނދުފަހަރު:


އެޗް.ޕީ.އޭގެ އުސޫލުގައިވާގޮތުން ބަލިމީހާ އުފުލަނީ ކަނޑު އުޅަނދެއްގައިނަމަ، އެ އުޅަނދެއް ހުންނަންވާނީ ވައިދައުރުވާގޮތަށެވެ. އަދި ބަލިމީހާއާއި، އެކީގައި ދަތުރުކުރާ އެހީތެރިޔާއާއި ސިއްހީ ހިދުމަތްތެރިޔާ ތިބެންވާނީ އުޅަނދުގެ ފަހަތު ސީޓުގައިކަމަށާއި، ބަލިމީހާ އިންނަ ސީޓު ނުވަތަ އޮންނަ ސީޓު ވަށައިގެން ކޮންމެ ފަރާތަކުން 2 ސީޓުވާގޮތަށް އެއްވެސް ދަތުރުވެރިޔަކު ނާރުވާ ހުސްކޮށް ބަހައްޓަންޖެހޭނެއެވެ.

ބަލިމީހާ ގޮވައިގެން ދަތުރުކުރާ ކަނޑުއުޅަނދުގައި ތިބޭ އެންމެންވެސް މާސްކް އަޅަންޖެހޭނެއެވެ. އަދި ބަލިމީހާއާއި އެހީތެރިޔާއާއި، ސިއްހީ ހިދުމަތްތެރިޔާ އަށްވުރެ ކުރިން އެހެން ދަތުރުވެރިން އުޅަނދަށް އަރުވަންޖެހޭނެއެވެ. މީގެ އިތުރުން ބަލިމީހާއާއި އެހީތެރިޔާއާއި، ސިއްހީ ހިދުމަތްތެރިޔާ ދަތުރުވެރިންނަށްވުރެ ކުރިން ބާލުވަންޖެހޭނެކަމަށްވެސް މި އުސޫލުގައި ވަނީ ބުނެފައެވެ.

އުޅަނދު ސާފުކޮށް ޑިސްއިންފެކްޓްކުރުން:


އެޗް.ޕީ.އޭގެ އުސޫލުގައިވާގޮތުން ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރާ އުޅަނދުތައް ސާފުކޮށް، ޑިސްއިންފެންކްޓް ކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިއްމު ކަންކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކޮންމެ ދަތުރެއް ފެށުމުގެ ކުރިންނާއި، ދަތުރު ނިމުމުން އުޅަނދު ރަނގަޅަށް ސާފުކޮށް، އަތްގަނޑާއި، ހުންގާނުފަދަ ގިނައިން އަތްލެވޭ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރަންޖެހޭނެއެވެ. އަދި މަތިންދާބޯޓުފަދަ އުޅަނދުތައް އަޔާޓާގެ އުސޫލުތަކާ އެއްގޮތަށް ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށްވެސް ބުނެފައިވެއެވެ.

ހޮޑުފަދަ ހަށިގަނޑުގެ ދިޔަޔަކުން ތަނެއް ތަޣައްޔަރުވެއްޖެނަމަ ފުރަތަމަ އެތަނެއް ޓީޝޫއަކުން ސާފުކޮށްލުމަށްފަހު، ސައިބޯނި ނުވަތަ ޑިޓާރޖެންޑް ފެން ފޮތިގަނޑަކުން ރަަނގަޅަށް ސާފުކުރުމަށް އެޗް.ޕީ.އޭއިން ވަނީ އިރުޝާދުދީފައެވެ. އެއަށްފަހު ބްލީޗް ސޮލިއުޝަން ނުވަތަ %70 އަލްކަހޯލް އެކުލެވޭ ސެނިޓައިޒަރެއް ބޭނުންކޮށްގެން ރަނގަޅަށް ސާފުކުރުމަށާއި، އުޅަނދު ސާފުކުރާއިރު ދޮރު ހުޅުވާފައި ބެހެއްޓުމަށާއި، އުޅަނދު ސާފުކުރާ މީހުން އަންގިލައްވައި، މާސްކް އަޅައިގެން ތިބުމަށްވެސް އެޗް.ޕީ.އޭއިން އިރުޝާދުދީފައިވެއެވެ.