ޚަބަރު

ކޯވިޑް-19 : ޕާކްތަކަށް ދެވޭނީ މާސްކުއަޅައިގެން، ދުވާލަކު އެއްފަހަރު ސާފުކުރަންޖެހޭ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބަންދުކޮށްފައިވާ ޕާކްތަކާއި މައިޒާންތައް އަލުން ހުޅުވާއިރު، އެތަންތަނަށް މާސްކުއަޅައިގެން ދިއުމާއި، ކޮންމެ ދުވަހަކު އެއްފަހަރު ސާފުކުރަންޖެހޭގޮތަށް ކަޑައަޅައިފިއެވެ.

ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، ޢަތުގެ ސާފުތާހިރުކަން) ފަދަ ކަންކަން ޕާކު ނުވަތު މައިޒާނަށް ވަންނަ ދޮރު ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޕާކު ފަދަ ތަންތަން މަދުވެގެން ދުވާލަކު 1 ފަހަރު ސާފުކުރުމާއި ތަނުގައި ހުންނަ ގޮނޑިއާއި ކުދިން ކުޅުމަށް ނުވަތަ އެރުމަށް ބޭނުންކުރާ ތަކެއްޗާއި މީހުން އަތްލާ ތަންތަނާއި ތަކެތި ޑިޓަރޖެންޓް (ސައިބޯނި ފެން) ބޭނުންކޮށްގެން ރަނގަޅަށް ސާފުކުރަންޖެހެއެވެ.

ޕާކު ނުވަތަ މައިޒާންތައް ހުޅުވާލާއިރު އެތައްތަނުގެ ބޭނުންކުރާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަންތައްތައް:
- ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް ހުރިނަމަ އެފަދަ ތަންތަނަށް ނުދިއުން.
- މާސްކް އަޅައިގެން ހުރުން އަދި މާސްކު އެޅުމުގެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުން.
- ޕްކު ނުވަތަ މައިޒާނުގައި އުޅޭއިރު އެހެންމީހުންނާ ދެމެދު މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
- ޕާކު ނުވަތަ މައިޒާނުގައި ހުންނަ ތަކެތީގައި ނުވަތަ ތަންތަނުގައި އަތްލުން މަދުކުރުން.
- ޕާކު ނުވަތަ މައިޒާނުން އެނބުރި ގެއަށް ދިއުމަށްފަހު ސައިބޯނިލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުން.

ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކޮށްފައިވަނީ މާޗްމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.