ޚަބަރު

ޕޯޓް ތިލަފުއްޓަށް: ޕީކް ދުވަސްވަރު ލުޔެއް ލިބޭނެ


  • ތިލަފުށީ އޮޕަރޭޝަން އޮކްޓޯބަރުމަހު ފެށުމަށް އެމްޕީއެލްއިން ދަނީ ތައްޔާރުވަމުން

  • އެމްޓީސީސީން ތަރައްޤީކުރާ 100 މީޓަރު މަގަތުފާލަން ކުރިމަގުގައި ބޭނުންކުރަނީ އެލްސީއެލް މުދާ ބަރުކޮށް ބޭލުމަށް

އޮކްޓޫބަރުގައި ތިލަފުށީގައި ޕޯޓް އޮޕަރޭޝަން ފެށުމުން ރޯދަމަހާއި ފަތުރުވެރިކަމުގެ ސީޒަނުގައި ދިމާވާ ތޮށްޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ހުސެއިން ޝަފީޤް ވިދާޅުވެއްޖެއެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން ތިލަފުށީގައި އޮޕަރޭޝަން ފެށުމަށް ބޭނުންވާ ކީވޯލް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތުގެ ދަށުން މާލޭ ވިޔަފާރި ބަނދަރުގައި މިހާރު އޮންނަ 100 މީޓަރުގެ ކީވޯލްއެއް ނުވަތަ މަގުތުފާލަމާއި އެއްވަރުގެ މަގަތުފާލަމެއް ތިލަފުށީ ޕޯޓުގައި ފުރަތަމަ ތަރައްޤީކުރާނެއެވެ. އަދި އޮކްޓޯބަރގައި އޮޕަރޭޝަން ފެށުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ހުސެއިން ޝަފީޤް ވިދާޅުވީ، މިވަގުތު މާލޭގައި ޕޯޓުގައި ބޯޓެއް ހުސް ކުރުމަށް 8 ދުވަސް ނަގާ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ކީވޯލްއަކީ 100 މީޓަރުގެ މަގަތުފާލަމެއް ކަމުން ޖާގައިގެ ދަތިކަމާއެކު އެތަނަށް އެއްފަހަރާ ގާތް ކުރެވެނީ އެންމެ ބޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އިމްޕޯޓް އިތުރުވާ ދުވަސްވަރު ބަނދަރުގެ ތޮށްޖެހުމުގެ މައްސަލަ ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެމްޓީސީސީ ހަވާލުކޮށް ތަރައްޤީކުރާ މަގަތުފާލަން ބޭނުންކޮށް އޮަޕަރޭޝަން އޮކްޓޯބަރގައި ފަށަނީ މިކަމަށް ހައްލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިލަފުށީގައި މި އޮޕަރޭޝަން ޖެއްސުނީމަ މާލެއިން މިކުރާ އޮޕަރޭޝަން ތިލަފުށީގައިވެސް ހިނގާނެ. މާލެއިން މިކުރެވޭ މަސައްކަތާއި އެއްވަރު މަސައްކަތެއް ހިންގާނެ. އަޅުގަނޑުމެން މި އޮޕަރޭޝަނަށް ތައްޔާރުވާ މައިގަނޑު އެއް ސަބަބަކީ ޓުއަރިޒަމް ސީޒަން މިފެށެނީ، ސީޒަން ދާން ވާއިރަށް، އަނެއްކާވެސް ރަމަޟާން މަސް ފެށެނީ. ކޮންމެ އަރަހަރެއްގެވެސް ސީޒަނަށް ރަމަޟާން މަހަށް އިމްޕޯޓް އިތުރުވޭ. އެހެންވީމަ ބަނދަރު ތޮށްޖެހިދާނެ ކަމަށް ބެލެވޭނީ އަޅުގަނޑުމެން މި އޮޕަރޭޝަން މަ ޖައްސަނީ." އެމްޕީއެލް ސީއީއޯ ހުސެއިން ޝަފީޤު ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 100 މީޓަރު މަގަތުފާލަން ބޭނުން ކުރާނީ ސާވިސް ކީއެއް ގޮތުގައި ޓަގާއި ބާޖަށް ހާއްސަކޮށްގެނެވެ. ނަމަވެސް ޕޯޓު ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދާއިރު ސީޒަނުގެ ކުރިން އޮަޕަރޭޝަން ފެށުމަށް މި މަގަތުފާލަން ބޭނުން ބޭނުން ކުރާނެކަމަށް ސީއީއޯ ޝަފީޤު ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަން ފެށުމަށްޓަކައި އެތަނުގައި މުވައްޒަފުންނަށް ކެއިން ބުއިމާއި ތިބެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މިކަންކަން ހަމަޖައްސައި އޮޕަރޭޝަނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާޢިމް ކުރުމުގެ މަސައްކަތް ކުރަނީ އެމްޕީއެލްގެ މުވައްޒަފުންކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

" މިކީވޯލް ފުރަތަމަ ބޭނުން ކުރާނީ އޮކްޓޯބަރ ތެރޭގައި ފަށާ ކާގޯ ކްލިއަރެންސަށް. މިހާރު އަޅުގަނޑުމެން ތިލަފުށީގައި ތައްޔާރުވަމުން މިދަނީ ކާގޯ ލޯޑިން އަންލޯޑިއެއް ކީއެއް. ކާގޯ ޑިސްޗާޖްކޮށްފައި އެމްޓީސީސީން މިހަދާ ކީވޯލް އަޅުގަނޑުމެން ބޭނުން ކުރާނީ ދޯނިފަހަރު ޑޮކްކުރުމަށް. އެއީ އެލްސީއެލް ކޮންޓެއިނަރ. އެކީވޯލްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި އޮތީ. މިހާރު ދަނީ ޕޭވިން މަސައްކަތް. އެހެންވީމަ ލަފާކުރެވޭ ގޮތުގައި މިމަސް ނިމޭ ހިސާބުގައި މިއަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އެއްކޮށް ނިމޭނެ. އެހިސާބުން ބޭނުން ކުރަން ފެށޭނެ" ސީއީއޯ ހުސެއިން ޝަފީޤް ވިދާޅުވިއެވެ.

ތިލަފުށީ ޕޯޓުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު 1400 މީޓަރުގެ ބައިނަލްއަޤްވާމީ މަގަތުފާލަމެއް ބޭނުން ކުރާނެއެވެ. އަދި 2300 މީޓަރު އެތެރޭގެ ބޭނުންތަކަށް މަގަތުފާލަމެއް ތަރައްޤީކުރާނެއެވެ. ޕޯޓު ނިމޭއިރު ބަނދަރު ކްރޭން ބަހައްޓައިގެން މުދާ ކްލިއަރ ކުރުމުގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޕީއެލްއިން ދެއެކެވެ. މިމަސައްކަތް އެއްކޮށް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާނީ އަންނަ ނޮވެމްބަރު މަހަށެވެ.