"މާލެ ޓެކްސީ" އެޕްލިކޭޝަން އިފްތިތާޙުކޮށް، ބޭނުންކުރަން ފެށިފަހުން މިހާތަނަށް އެޕްލިކޭޝަން މެދުވެރިކޮށް ދޮޅު ލައްކައަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
"މާލެ ޓެކްސީ" އެޕްލިކޭޝަނަކީ އެމްޓީސީސީން ފޯރުކޮށްދޭ މާލެ ޓެކްސީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ގޮތުން ތައްޔާރުކުރި ޚާއްޞަ މޯބައިލް އެޕްލިކޭޝަނެކެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހެވެ.
މި ޚިދުމަތް ފުރަތަމަ ފެށީ ޓެކްސީ ބުކް ކުރުމުގެ އިންތިޒާމު ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯދޭ ގޮތަށެވެ. ނަމަވެސް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު، "މާލެ ޓެކްސީ"ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށް ފަސޭހަކަމާއެކު ދަތުރުތަކަށް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުޞަތުވެސް ފަހިކުރެވިގެންދިޔައެވެ.
އެމްޓީސީސީން ވިދާޅުވީ މި މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށް، މިވީ 3 މަހެއްހާ ދުވަސްތެރޭ ޖުމުލަ 157،971 ދަތުރުވަނީ ކުރެވިފައެވެ. އަދި މިއެޕްލިކޭޝަންގައި މިވަގުތު 52،790 މީހުން ރަޖިސްޓަރ ކޮށްފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
"މާލެ ޓެކްސީ" އެޕަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ބޭނުންތެރި އެޕްލިކޭޝަނެކެވެ. އެގޮތުން ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ. އަދި ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.
މީގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއްވެސް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި މޯބައިލް އެޕްލިކޭޝަން ތަޢާރަފުކުރި ނަމަވެސް، ވެބްސައިޓް މެދުވެރިކޮށާއި "މާލެ ޓެކްސީ" ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
މާލެ ޓެކްސީލައިންގެ ޚިދުމަތް ދިނުމުގައި ސަރުކާރުން ބޭނުންކުރަނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭ ޚިދުމަތެކެވެ.
މި ޚިދުމަތް ދިނުމަށް ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ މާލެ ގެނެސްފައެވެ. މި ޚިދުމަތް ދިނުމަށް ގެެނެސްފައިވަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ.