ޚަބަރު

ކޯވިޑް-19 : ޚާއްޞަ އިންތިޒާމްތަކަކާއިއެކު ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ހުޅުވަން ތައްޔާރުވަނީ


ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުން ޙިދުމަތް ދޭންވާނީ ކުރިއަށް އެޕޮއިންޓް ދޫކުރުމާއެކު ގައިދުރުކަން ކަށަވަރުވާފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ "ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގެ ޚިދުމަތް ދިނުމަށްޓަކައި އާންމުކޮށްފައިވާ ގައިޑްލައިން"ގައި ވަނީ ފުރަބަންދަށް ދިން ލުޔާއެކު ޖުލައި މަހުން ފެށިގެން ޖިމްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމައި، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެފަދަ ތަންތަން ހިންގާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންގައިވާގޮތުން މިފަދަ ތަންތަނުން ޚިދުމަތް ހޯދުމަށް އެއްވަގުތެއްގައި އަންނަ މީހުންގެ ޢަދަދު ކަނޑައަޅައި ކުރީބައިގައި ޝެޑިއުލްއެއް ހަދަންޖެހޭނެއެވެ. އަދި ޚިދުމަތް ދޭން ވާނީ އެ ޝެޑިއުލާއި އެއްގޮތަށް އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ. މިގޮތަށް އެޕޮއިންޓްމަންޓް ދޫކުރާއިރު ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް (ހުންއައުން، ކެއްސުން ފަދަ) ހުރިތޯ ސުވާލުކުރުމާއި އެއްވެސް ޢަލާމާތެއް ހުރިނަމަ ތަނަށް ނައުމަށް އެންގުމާއި މީހުން ޙަރަކާތްތެރިވާއިރު މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ކަށަވަރުކުރަން ޖެހެއެވެ. އަދި އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ ގިނަވެގެން 5 މިނެޓް ކުރިން އެ ތަނަކަށް ދާންޖެހޭނެ ކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުގައިވާގޮތުން، ޚިދުމަތްދޭ ސެޝަންތައް ފަށާގަޑިއާއި ނިމޭގަޑިތަކުގައި މީހުން ބައްދަލުނުވާ ގޮތަށާއި އަދި އެއްތަނަކަށް ގިނަ ނުވާ ގޮތަށް ގަޑިތައް ހަމަޖައްސަން ޖެހެއެވެ. އަދި ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުގައި ބޭނުންކުރާ އާލާތްތައް ބަހައްޓާފައި ހުންނަންވާނީ އެތަކެތި ބޭނުންކުރާމީހުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ވަރަށެވެ.

މީގެ އިތުރުން އެފަދަ ތަންތަނުގައި ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު ފެންނަ ގޮތަށް ބެހެއްޓުމާއި ސާފުތާހިރުކަމަށް އިސްކަންދީ ކޮންމެ ސެޝަނެއް ނިމުމުން ބޭނުންކުރާ ތަކެއްޗާއި ތަން ސާފުކޮށް ޑިސް އިންފެކްޓްވެސް ކުރަން ޖެހެއެވެ. އަދި ޚިދުމަތް ހޯދާ މީހުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެ ތަންތަނުގައި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކޭޝްއިން ހެދޭ މުއާމާލާތްތައް މަދުކޮށް ތަނުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ސެނެޓައިޒަރ އިން އަތް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ. އަދި މަދުވެގެން 3 ފޫޓަށް ވުރެ ގައިދުރުމިން ނުބެހެއްޓޭނަމަ ގްރޫޕް ކްލާސްތައް ނުބޭއްވުމަށްވެސް ގައިޑްލައިންގައި ވަނީ ކަނޑައަޅާފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާޗު މަހުގެ 29 ވަނަ ދުވަހުުން ފެށިގެން ޖިމްތައް ވަނީ ބަންދުކޮށްފައެވެ.