ތިމާވެށި

"ސާފު ރާއްޖެ" ކެމްޕެއިނަށް ކައުންސިލްތަކުން އެއްބާރުލުން ދެނީ


އަތޮޅު ކައުންސިލުތަކުން "ސާފު ރާއްޖެ" ކެމްޕެއިންގައި ބައިވެރިވުމުގެ އިޤްރާރެއްގައި ސޮއިކޮށްފިއެވެ. މި އިޤްރާރުގައި އަތޮޅު ކައުންސިލުތަކުގެ މަންދޫބުން ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ދަރުބާރުގޭގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައިއެވެ. މިއިޤްރާރަކީ ކުނި ރަނގަޅު ގޮތުގައި މެނޭޖްކުރުމަށް އެހީތެރިވެދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އެކަމަށް ބާރު އެޅުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ ސާފު ރާއްޖެ ކެމްޕެއިންގައި އަތޮޅުތަކުގެ ބައިވެރިވުން ހޯދުމަށް ސޮއިކުރެވުނު ރަމްޒީ އިޤްރާރެކެވެ. އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 6 ވަނަ ތްރީއާރް ފޯރަމް ފެށުމުގެ ކުރިން ބޭއްވި، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުގެ އިތުރުން، ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އުމަރު ނަސީރުއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ، ކުނި ނައްތާލުމުގެ މަސައްކަތަށް އަހަރެއްގެ މައްޗަށް ސަތޭކަ މިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ކަމަށާއި، އަތޮޅުތަކަށް ކުރާ ޙަރަދަށްވުރެ ތިންގުނަ އިތުރަށް މާލެ ސިޓީގެ ކުނި ނައްތާލުމަށް ހަރަދުކުރަންޖެހޭކަމަށެވެ. ކުންޏަކީ ހަމައެކަނި އުކާލަންޖެހޭ އެއްޗެއް ނޫންކަމަށާއި، ކުނިންވެސް ހިފޭ އެހެން ބޭނުންތައް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިސްރާފުކުރުމުގެ ބައި ވިހާވެސް ކުޑަކޮށް، ހަރުދަނާ ޕްލޭނެއްގެ ދަށުން ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދިޔުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވެވިއެވެ. ލޯކަލް ކައުންސިލްތައް ތަމްސީލުކުރައްވާ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ބައެއް ރަށްރަށުން ކުނި ނައްތާލުމުގެ ކަންކަން ކުރިއަށްގެންދިޔުމުގައި ކައިރި ރިސޯޓުތަކަށް ބަރޯސާވެގެން ތިބޭކަމަށާއި، ދެމެހެއްޓެނިވި ނިޒޭމެއްގެ ތެރެއިން ކުނި ނައްތާލުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ކޮންމެ ރަށެއްގައިވެސް، ރަށު ފެންވަރުގައި ކުނި ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދާނެގޮތުގެ އެކްޝަން ޕްލޭނެއް އޮތުން މުހިއްމުކަމުގައެވެ. އަދި މި ކެމްޕޭންނަށް ކައުންސިލުތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް ހޯމް މިނިސްޓަރު ވަނީ ދެއްވާފައެވެ.ކުންޏާއިމެދު އާއްމުން ހޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރެއްގައި ފަށާފައިވާ "ސާފު ރާއްޖެ" ކެމްޕެއިން ވިހާވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔުމަށް ރާއްޖޭގައި ހަރަކާތްތެރިވާ މީޑިޔާތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ކައުންސިލުތަކާއި ގުޅިގެން ތަފާތާ މަސައްކަތްތަކެއް އެންވަޔަރަމަންޓް މިނިސްޓްރީން ކުރައްވަމުންދާއިރު، އެ މަސައްކަތްތަކުގެ ހުރިހާ ފަރާތްތަކަކުންވެސް ފުރިހަމަ އެއްބާރުލުން ދެއްވުމަށް މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވަނީ ގޮވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ވަނީ އަތޮޅު ކައުންސިލުތަކުގެ ފެންވަރުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އެގޮތުން ބަޖެޓް ކަނޑައެޅުމާއި، ވިޔަފާރި އުސޫލުން ކުނި ނައްތާލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތާއި، މާލީގޮތުންނާއި، ޓެކްނިކަލް ގޮތުން މިނިސްޓްރީއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭ މައުލޫމާތު ކައުންސިލްތަކުގެ މަންދޫބުންނަށް ވަނީ ހިއްސާކޮށްފައެވެ.