ޚަބަރު

ސިއްޙީ ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ މީހުން ނުފޮނުވި ލަސްވަނީ ޤައުމުތަކުގެ ބޯޑަރުތައް ނުހުޅުވާތީ - އާސަންދަ


އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ބޭރު ޤައުމުތަކަށް މީހުން ނުުފޮނުވި ލަސްވަނީ ޤައުމުތަކުގެ ބޯޑަރުތައް ނުހުޅުވާތީކަމަށް އާސަންދަ ކުންފުނިން ހާމަކުރައްވައިފިއެވެ.

އާސަންދަކުންފުނިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭން ބޭރަށް ޞިއްޙީ ފަރުވާ ހޯދުމަށް ކޮންމެހެން ފޮނުވަންޖެހޭ މީހުންގެ ލިސްޓެއް އެކުލަވާލާފައިވީނަމަވެސް މިހާތަނަށް އެއްވެސް މީހަކު ބޭރަށް ފޮނުވިފައި ނުވާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި އެ ކުންފުނިންވަނީ ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ހަމަޖެހިފައިވާ ބަލިމީހުން މިވަގުތު ރާއްޖެއިން ބޭރަށް ނުފޮނުވެނީ، އާސަންދަ ސްކީމްގެ ދަށުން ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ދެޤައުމު ކަމުގައިވާ، އިންޑިއާ އާއި ސްރީލަންކާގެ ބޯޑަރުތައް، ކޮވިޑް19ގެ ސަބަބުން، ބަންދުކޮށްފައިވާތީކަމަށެވެ. އެ ކުންފުނިންވަނީ އިންޑިއާ އާއި ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލައި ބަލިމީހުން ގެންދިޔުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް އާސަންދައިގެ ދަށުން މީހުން ރާއްޖެއިން ބޭރަށް ފޮނުވަން ފަށާނެކަން ހާމަކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބައިނަލްޢަގްވާމީ ދަތުރުފަތުރުގެ ކަންކަން ހުއްޓިފައިވީނަމަވެސް، ބޭސްފަރުވާގެ ކަންކަމަށް ކޮންމެހެން ރާއްޖޭން ބޭރަށްދާންޖެހޭ މީހުން ރާއްޖޭން ބޭރަށް ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖެއްސޭތޯ މަސައްކަތް ކުރައްވަމުންދާކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭން ބޭރަށް ޞިއްޙީ ފަރުވާ ހޯދުމަށް ކޮންމެހެން ދާންޖެހޭ 33 މީހެއް ރާއްޖޭން ބޭރަށް ފޮނުވާލެވޭތޯ ބަލަމުންދާކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.