ތިމާވެށި

ތްރީއާރް ދުވަހުގެ ގޮތުގައި އޯގަސްޓް 16 ފާހަގަކުރުމަށް ނިންމައިފި


ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 16ވަނަ ދުވަހަކީ "ޤައުމީ ތްރީ އާރް" ދުވަހުގެ ގޮތުގައި ކަނޑައަޅާ، މިދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކޮށްފިއެވެ.ޤައުމީ ތްރީއާރް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބެވެ. ތްރީއާރް ފޯރަމަކީ، ޔުނައިޓެޑް ނޭޝަންސް ސެންޓަރ ފޮރ ރީޖަނަލް ޑިވަލޮޕްމަންޓްއާއި، ޖަޕާން ސަރުކާރާއި، އޭޝިޔާ ޕެސިފިކް ސަރަހައްދަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. އެގޮތުން ރާއްޖޭގައި މިފަހަރު ބާއްވާ މި ފޯރަމަކީ ސަރަހައްދީ ޤައުމުތަކުގެ މެދުގައި ބާއްވާ 6 ވަނަ "ތްރީ އާރް" ފޯރަމެވެ. މި ފޯރަމަކީ "ރެޑިޔުސް، ރީޔޫސް އަދި ރިސައިކަލް ނުވަތަ ކުނިމަދުކުރުން، އަލުން ބޭނުންކުރުން އަދި އެހެން އެއްޗަކަށް ބަދަލުކޮށްގެން ބޭނުންކުރުން" މި ޝިޢާރަށް ޚާއްސަކުރެވޭ ފޯރަމެކެވެ.ތްރީއާރް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ވިދާޅުވީ، މި ފޯރަމް ޙާއްސަކުރެވޭ ޝިޢާރަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްތަކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތާއި ވަރަށް ގުޅުންހުރި ޝިޢާރެއްކަމަށެވެ. އަދި ޒަމާނުއްސުރެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބައްޓަންވެފައިވަނީ ތިމާވެއްޓާއި ރައްޓެހި އުސޫލެއްގެ ތެރެއިންކަމަށާއި، ދެމެހެއްޓެނެވި ގޮތެއްގައި މި ސިނާއަތް ކުރިއަރުން ބޭނުންނަމަ، ތިމާވެއްޓާއިމެދު ދޭންވާ އަހަންމިއްޔަތުކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދިނުން މުހިއްމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކުން ތިމާވެށީގެ ރޮނގުން ބައިނަލްއަޤުވާމީ އެކިކަހަލަ އެވޯޑްތައް ހާސިލުކުރާކަމީ، ރާއްޖެ ފަހުރުވެރިވާންޖެހޭ ކަމެއްކަމަށާއި، މިކަމުން ދޭހަކޮށްދެނީ، ދިމާވެއްޓާ ރައްޓެހިގޮތަކަށް ހިންގުމުގެ ޤާބިލުކަން ރާއްޖޭގެ ރިސޯޓްތަކަށްވެސް ލިބިގެންވާކަމަށެވެ.އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމުގައި ވަށައިގެންވާ ތިމާވެއްޓަކީ، މުހިއްމު ދަޢުރެއް އަދާކުރާ އެއްޗެއްކަމަށެވެ. އަދި ރާއްޖެއަށް ބަލާނަމަ، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ އެއް ދާއިރާއަކީ ރާއްޖޭގެ ފަތުރުވެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް އަހުމަދު އަދީބު ވަނީ ނޭޝެނަލް ތްރީއާރް އެވޯރޑްވެސް ރަސްމީކޮށް އިޢުލާންކޮށްދެއްވާފައެވެ. މީގެ އިތުރުން، ޤައުމީ ތްރީއާރް ދުވަހުގެ ގޮތުގައި އޯގަސްޓް މަހުގެ 16 ވަނަ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ، ދުވަހުގެ ޚާއްސަ ޝީޢާރެއްގެ ގޮތުގައި "އުފެދޭ ކުނީގެ އަދަދު މަދުކުރުމާއި، ކުނީގެ ތެރެއިން ނައްތާލަންޖެހޭ މިންވަރު މަދުކުރުން" މި ޝިޢާރު ވަނީ ކަނޑައަޅާފައެވެ. އަދި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތައް ކުރިއަރުވައި، ކުނި މެނޭޖްކުރާނެ ތިމާވެއްޓާއި ރަށްޓެހި ގޮތްތައް އާލާކުރުމަށް ރާއްޖޭގެ 106 ރިސޯޓެއްގެ ތެރެއިން 99 ރިސޯޓަކާއެކު ވަނީ ޙާއްސަ ޑެކްލަރޭޝަނެއްގައި ސޮއިކޮށްފައެވެ. 2 ދަންފަޅިއަކަށް ބަހާލައިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމުގައި 9 ޕްލެނަރީ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފަވާއިރު، މި ފޯރަމް ރަސްމީކޮށް ފެށޭނީ މާދަމާއެވެ. ތްރީއާރް ފޯރަމް ކޯ - ޗެއަރ ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމެވެ.