ތަރައްްޤީ

ކޮމަންޑޫ ބަނދަރު ހެދުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ފަށައިފި


ށ. ކޮމަންޑޫ ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް އެމް.ޓީ.ސީ.ސީއިން ފަށައިފިއެވެ.

ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 4 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ އީ.އައި.އޭ އެޕްރޫވަލް ލިބިފައިވަނީ 12 ނޮވެމްބަރު 2019 ގައެވެ. އަދި ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކާ ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 18 ޑިސެމްބަރު 2019 ގައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ކޮންކްރީޓް މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮށްޓަށް ބޭނުންވާ ކީ-ވޯލް ބްލޮކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތަށް ބަލާނަމަ، 47 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށްވެސް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން 14 ހާސް ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ނެރު ފުން ކުރުމާއި، ބަނދަރު ހެދުމަށް ބޭނުންވާ 35 ހާސް ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 12 މީޓަރު ބޭރު ތޮށި ޖެހުމާއި، 20 މީޓަރު ރިވެޓްމަންޓް ޖެހުމުގެ އިތުރުން 190 މީޓަރު އެއްގަމު ތޮށި ހެދުމުގެ މަސައްކަތް ކުރުރުމަަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ބަނދަރުގެ ދިގުމިނާ ފުޅާމިނުގައި 11 މީޓަރުގެ ރޭމްޕެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހެދުމާއި، 2 ނެރުބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 19 ލައިޓް ޖެހުން އަދި 10 މޫރިން ބްލޮކް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

29 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް އެމް.ޓި.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ އެއްއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.