ތަޢުލީމު

އައު އާއްމު ޙާލަތާއެކު ކިޔެވުން ފެށުމަށް ޚާއްޞަ އިންތިޒާމްތަކަކާއެކު ސްކޫލުތައް ތައްޔާރުވަނީ


ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ އިރުޝާދުތަކާއެކު މިފެށޭ ޖުލައިމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ސްކޫލްތައް އަލުން ހުޅުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ އައު އާއްމު ޙާލަތުގައި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖަރ، އެސް.އޯ.ޕީތައް ތައްޔާރުކޮށް ސްކޫލްތަކަށް ފޮނުވާފައެވެ. އައު އާއްމު ހާލަތުގައި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 4 ދުވަހު، ދުވާލަކު ހަތަރު ގަޑިއިރެވެ.

ސްކޫލްތައް އަލުން ހުޅުވާލުން އެޑިއުކޭޝަން މިނިސްޓްރީ ބަހާލާފައިވަނީ ތިން ކެޓެގަރީއަކަަށެވެ. އެގޮތުން ފުރަތަމަ ކެޓެގަރީގައި ފުރަބަންދުގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއްވެސް ބަންދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދޭން ނިންމާފައިވަނީ ކީީ-ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށް އެކަންޏެވެ. މީގެ އިތުރުން ކޯވިޑް-19ގެ އެއްވެސް ކޭސް އެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށްވެސް ކިޔަވައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ގައިޑްލައިންގައި ވާގޮތުން ކޮންމެ ކީ ސްޓޭޖަކަށްވެސް ކަނޑައަޅާފައިވަނީ ހަތަރު ގަޑިއިރެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިންވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާއެވެ. އެއިން ކޮންމެ މާއްދާއެއްވެސް 45 މިނެޓަށް ކިޔަވައިދޭއިރު، ހަފުތާއަކު 16 ގަޑިއިރު ކިޔަވައިދެވޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްހީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީއާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދިނުން - ތަފާތު ތަޖުރިބާއެއް!


ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ވައްޓަށްފާޅި އާއްމުގޮތެއްގައި ބައްޓަންވެފައިވަނީ ގިނަ ބަޔަކު އެއްތަނެއްގައި ތިބެގެން ކިޔަވާ އުޞޫލުންނެވެ. ކްލާސްރޫމްތަކުގައި ކިޔަވައިދިނުމާއި، އެކެޑެމިކް ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްދަނީވެސް މާބޮޑު ގައިދުރުކަމެއްނެތިއެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ސަބަބުން އައިސްފައިވާ ބަދަލުތަކާއެކު، އައު އާއްމު ޙާލަތުގައި ސްކޫލްތަކުގައިވެސް އެންމެ ބޮޑަށް ސާމާލުވާންޖެހޭނީ ގައިދުރުކަން ބެހެއްޓުމަށެވެ. އެހެންކަމުން މިއީ ތަަޢުލީމް ދިނުމުގެ ވައްޓަފާޅިއަށް އަންނާނެ ބޮޑު ބަދަލެކެވެ.

އެޗް.ޕީ.އޭގެ ގައިޑްލައިނާއެކު ސްކޫލްތައް އަލުން ހުޅުވާލުމަށް ސްކޫލްތަކުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިދާރީގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން، މިކަމާގުޅިގެން ބެލެނިވެރިންނަށް ބޭނުންވާ މަަޢުލޫމާތުތައްވެސް ސްކޫލްތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ.

އައު އާއްމު ޙާލަތަށްވަމުންދާ ތައްޔާރީތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިޙާ އިދްރީސް ވިދާޅުވީ، އެޑިއުކޭޝަނުން ދީފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ސްކޫލުގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮަށް، ކަންކަން ފައިނަލް ކުރަމުންދާކަމަަށެވެ. އެގޮތުން ސްކޫލުގެ ގޯތިތެރެއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ދަރިވަރުންނަށާއި، މުވައްޒަފުންނަށް އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ކަންކަން ކުރަމުންދާކަމަށް ނާސިޙާ ވިދާޅުވިއެވެ.

"މިއީ އަނެއްކާވެސް ތަފާތު ތަޖުރިބާއެއް. މިޙާލަތުގައިވެސް ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަން ކަަށަވަރުކޮށްދިނުން އެންމެ މުހިއްމު އަމާޒަކީ. ސްކޫލްތެރޭގައި އަތްދޮވެވޭނެ ގޮތްތަކާއި، ޑިސް-އިންފެކްޓް ކުރުމުގެ އިންތިޒާމްތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ. ކުދިންގެ ހުންބެލުމުގެ ކަންކަންވެސް ހަމަޖެހިގެންދާނެ. އަނެއްކާ ކްލާސްރޫމެއްގައި ތިބޭނީ ގިނަވެގެން 20 ކުދިން" ނާސިޙާ ވިދާޅުވިއެވެ.

އަފީފުއްދީން ސްކޫލަކީ 911 ދަރިވަރުން ކިޔަވައިދެމުންދާ ސްކޫލެކެވެ. ޓީޗަރުންނާއި އިދާރީ މުވައްޒަފުން ހިމެނޭހެން 113 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ސްކޫލުގައި އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެއެވެ. އައު އާއްމު ޙާލަތާއެކު 1 ދަންފަޅިއަށް ކިޔަވައިދެމުންދިޔަ އަފީފުއްދީން ސްކޫލުގައި ދެން ކިޔަވައިދޭނީ 2 ދަންފަޅިއަަށް ބަހާލައިގެންނެވެ.

ގދ. ތިނަދޫގައި ހުންނަ ގދ. ތިނަދޫ ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުޙައްމަދު ވިދާޅުވިގޮތުގައި އެ ސްކޫލުންވެސް އަންނަނީ އައު އާއްމު ހާލަތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމާ އެއްގޮތަށް 4 ގަޑިއިރަށް ސެޝަންތަަައް ކުރިއަށްގެންދިއުމަށް ބޭނުންވާ ޓައިމް ޓޭބަލްތައް ވަނީ ތައްޔާރުކޮށް ނިމިފައެވެ. އަދި އަންގާފައިވާ އިރުޝާދުތަކާ އެއްގޮތަށް ޓީޗަރުންނާއި ދަރިވަރުންވެސް ޒިންމާދާރު ކުރުވާ، ހޭލުންތެރިކަން އިތުރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"2 ސެޝަނަކަށް ބަހާލައިގެން ކިޔަވައިދޭނީ. ވިސްނުންހުރީ ވަރަށް ހެދުނާ ފެށުން. 2 ސެޝަން ދެމެދު 1 ގަޑިއިރު ބައިންދާނަން. ގައިދުރުކަން ބެހެއްޓުމަަށް ކްލާސްރޫމްތެރެއާއި، ކޮރިޑޯ އަދި ސްކޫލުގެ ގޯތިތެރޭގައި ހަމަޖައްސަންޖެހޭ ކަންކަން މިދަނީ ކުރަމުން. މާސްކް އެޅުމާއި، އޮތްދޮވުމަށް އަބަދުވެސް ބާރު އަޅާނަން. އައިސޮލޭޓް ކުރަންޖެހިއްޖެއްޔާ އެ އިންތިޒާމްވެސް މިހާރު ހުރީ ހަމަޖެހިފައި" ޝިފާޒް ވިދާޅުވިއެވެ.

ގްރޭޑް 7 އިން ފެށިގެން 12 އާއި ހަމައަށް ކިޔަވައިދެމުންދާ ގދ. އަތޮޅު ތަޢުލީމީ މަރުކަޒަކީ 437 ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާ ސްކޫލެކެވެ. އަދި ޓީޗަރުންނާއި އިދާރީ ސްޓާފުން ހިމެނޭހެން 80 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ހައި ސްކޫލުންވެސް އަލުން ކިޔެވުން ފެށުމަށް ވަމުންދާ ތައްޔަރީތަކުގެ މަަޢުލޫމާތު ޕީ.އެސް.އެމް ނިއުސްއާއި ވަނީ ހިއްސާކުރައްވާފައެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ޢިބްރާހީމް ނަދީމް ވިދާޅުވީ، އެ ސްކޫލުގައިވެސް ގައިދުރުކަން ބެހެއްޓުމަށާއި، ސާފުތާހިރުކަމަށް ހިތްވަރުލިބޭ މެސެޖުތަކާއި ބޯޑުތައް ހަރުކުރުމުގެ މަސަައްކަތް ކުރަމުންދާކަމަށެވެ. އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލަށް އެ ސިޓީގެ ގުޅިފައިވާ އެހެން އަވަށްތަކުންވެސް ދަރިވަރުން ކިޔަވަން އަންނަކަން ފާހަގަކުރައްވާ، ނަދީމް ވިދާޅުވީ، ކިޔަވައިދޭ ގަޑިތައް ހަމަޖައްސާފައި ވާނީ ބަހުގައި އަންނަ ދަރިވަރުންނަށްވެސް ދަތިނުވާނެހެން ބަލައިގެންކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ކްލާސްރޫމެއްގައި އެންމެ ގިނަވެގެންވެސް ކިޔަވައިދޭނީ 3 ފޫޓު ދުރުމިން ބަހައްޓައިގެން 15 ކުދިންނަށް. ކޮންމެ ކުއްޖަކުވެސް ސްކޫލަށް ވަންނާނީ ހުންހުރިވަރު ބަލާފައި. އަދި އެ މަަޢުލޫމާތުތައް ޤަވާއިދުން ރިކޯޑް ކުރަމުންދާނަން. ބަހުގައި އަންނަ ކުދިންނަަށްވެސް ދަތިނުވާނެހެން ބަސް ދަތުރުކުރާ ގަޑިތަކާއި، ކިޔަވައިދޭ ގަަޑި އެޑްޖެސްޓްކޮށްދޭނަން" ނަދީމް ވިދާޅުވިއެވެ.

އައްޑޫ ހައި ސްކޫލް އެންމެ ފުރަތަމަ ހާއްސަކޮށްފައިވަނީ ގްރޭޑް 11،12 ގެ ދަރިވަރުންނަށް އެކަންޏެވެ. ނަމަވެސް މިހާރު އެ ސްކޫލުގައި ބީޓެކް ލެވެލް 3 ގެ ކްލާސްތައްވެސް އަންނަނީ ނަގައިދެމުންނެވެ. ޖުމްލަ 412 ދަރިވަރުން ކިޔަވަމުންދާއިރު، ޓީޗަރުންނާއި، އިދާރީ މުވައްޒަފުން ހިމެނޭހެން 82 މުވައްޒަފުން އައްޑޫ ހައި ސްކޫލުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖުލައި 1 ގައި އަލުން ސްކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު، ގައިދުރުކަން ބެހެއްޓުމާއެކު ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަންކަން ހަމަޖެއްސުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ. ސްކޫލަށް ހާޒިރުވާން ޖެހޭ ދަރިވަރުންނާއި، ހާޒިރުވާން ނުޖެހޭ ދަރިވަރުން، ޓެލިކިލާސްތަކާއި، ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިންކޮށް ކިޔަވައިދޭ ސެޝަންތަކުގައި ބައިވެރިވާންވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި މި ދަރިވަރުންގެ ހާޒިރީވެސް މާކް ކުރަންޖެހޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.