ޚަބަރު

ކޯވިޑްއާ ގުޅިގެން ހަނިފަރުބޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވާނެ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔުނެސްކޯ ބަޔޯސްފިއަރ ރިސާވް އަތޮޅެއްގެ ގޮތުގައި ބ.އަތޮޅު ވެގެން ދިއުމުން ބ.އަތޮޅުގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވެގެންދިޔައެވެ. ހަނިފަރު ސަރަހައްދު ރައްކާތެރި ގޮތެއްގައި ޙިމާޔަތްކޮށް ބަލަހައްޓަން ފެށުމުން އޭގެ މަންފާ މުޅި ބ.އަތޮޅަށްވެސް ކުރަމުންދެއެވެ. ބ.އަތޮޅުގައި ފަތުރުވެރިންގެ މެދުގައި އެންމެ ހިތްގައިމު އެއްމަޒިލަކީ އެންމަޑި އާ ފެހުރެހި އަރާ ހަނިފަރުބޭއެވެ.

ކޮންމެ އަހަރެއްގެވެސް ބ.އަތޮޅަށް މަންޓާ މޫސުމް ފެށެނީ މޭމަހުން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށެވެ. މިދިޔަ އަހަރު ބ.އަތޮޅުގެ ރިސޯޓްތަކަށާ، ގެސްޓްހައުސްތަކަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 7000 (ހަތްހާހަށްވުރެ) ގިނަ ފަތުރުވެރިން ހަނިފަރަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރުގެ މަންތާ މޫސުން ނިންމާލުމަށްފަހު ޕީއެސްއެމްއަށް ދިން އިންޓަރވިއުއެއްގައި ބ.އަތޮޅު ބަޔޯސްފިއަރ ރިސާވް އޮފީހުން ބުނީ މިއަހަރުގެ އަމާޒަކީ 10000 (ދިހަހާސް) ފަތުރުވެރިން ގެނައުންކަމަށެވެ. އެހެން ނަމަވެސް ދުނިޔެއަށް ދިމާވި ކޮވިޑް 19 ގެ ބަލިމަޑުކަމާގުޅިގެން މިއަހަރަށް ކަނޑައެޅި އަމާޒު ޙާޞިލް ނުވާނެކަމަށް ބަޔޯސްފިއަރ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ އަލީ ވިދާޅުވިއެވެ.

"ވަރަށް ބޮޑު ހުއްޓުމެއްގައި މިދަނީ ކޮވިޑް 19 އާ ގުޅިގެން ހުރިހާކަމެއްވެސް، ރާއްޖޭގެ ފަތުރުވެރިން ޒިޔާރަތްކުރަން ފެށުމުން ހަނިފަރަށް މީޙުން ޒިޔާރަތްކުރަަންފަށާނެ، މިއަހަރުގެ އަމާޒައްވާސިލް ނުވެވިދާނެ އެކަމަކު މިހާރުވެސް ވަރަށްގިނަ ބުކިންތައް އެބަލިބޭ" ޝާފީ އަލީ ވިދާޅުވިއެވެ.

ޝާފީ އަލީ ވިދާޅުވީ ހަނިފަރު ސަރަހައްދު ދުނިޔޭގެ އެކިހިސާބުތަކުގައި އިޝްތިހާރު ކުރުމަށް މިއަހަަރުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބ.އަތޮޅުގެ ރިސޯޓްތަކާ ގުޅިގެން ހަނިފަރާ ބ.އަތޮޅުގައި ހިމާޔަތްކޮށް ބަލަހައްޓަމުން ގެންދާ ތަންތަނާ، އަތޮޅުގެ ކަނޑުގެ މުއްސަނދިކަން އިޝްތިހާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ އަހަރެގެވެސް މަންޓާ މޫސުމް ފެށުމުން އިސްތިހާރު ކުރުމުގެ މަސައްކަތްފެށިގެންދާނެ. އެގޮތުން ހަމަ އެހެން އަހަރުތަކެކޭ އެއްގޮތައް ރިސޯޓްތަކާ މިނިސްޓްރީ ތަކާ ގުޅިގެން މިކަން ކުުރިއަށްއެބަދޭ" ޝާފީ ވިދާޅުވިއެވެ.

ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަޑު ޖައްސާލަފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރާ ފަތުރުވެރިކަމާބެހޭ ވުޒާރާއިން މަސައްކަތް ފަށާފައިވާއިރު، މިފަދަ ތަންތަނަށް ފަތުރުވެރިންނަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ބަޔޯސްފިއަރ ރިޒާވްއިން ހިމާޔަތްކޮށް ބަލަހައްޓަމުން ގެންދާ ތަންތަނަށް ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން، ދިއުން ވަނީ މަނާކޮށްފައެވެ. ބަޔޯސްފިއަރ ރިޒާވްގެ ހުއްދަނެތި އެރުން މަނާ ކޮށްފައިވާ ތަންތަނުގެ ތެރޭގައި ހަނިފަރުބޭއާއި ދަތުރުދިއުމަށް ކަނޑައަޅާފައި އޮންނަ މެންދޫ އާއި ނިބިލިގާ ފިނޮޅުގެ އިތުރުން ހޯރަ އަރާ އޮޅަގިރި ހިމެނެއެެވެ.

ބަޔޯސްފިއަރ ރިޒާވް އޮފީހުން ބުނީ ފަތުރުވެރިކަން އަލުން ހުޅުވާލުމާއެކު މިތަންތަންވެސް ހުޅުވާލާނޭކަމަށެވެ.