ކޯވިޑް-19

ފިލްމީ ފަންނާނުންގެ ފަރާތުން ފުލުހުންނަށް ޕީ.ޕީ.އީ ހަދިޔާކޮށްފި


ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ ފަރާތުން ފުލުހުންނަށް ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ފިލްމް އިންޑަސްޓްރީގެ ނަމުގައި ފުލުހުންނަށް ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުންނެވެ. އަދި ސާމާނާއި ފުލުހުންގެ ފަރާތުން ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

ފިލްމް އެސޯސިއޭޝަނުން ފުލުހުންނަށް ހަދިޔާކުރި ޕީ.ޕީ.އީ ސާމާނުތަކުގެ ތެރޭގައި 1000 ސަރޖިކަލް މާސްކާއި، 1000 އަންގީގެ އިތުރުން 100 ސެނިޓައިޒަރ ފުޅި ހިމެނެއެވެ. މިތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޕީ ޙަމީދުގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. އަދި ފިލްމް އެސޯސިއޭޝަންގެ ފަރާތުން، އެ އެސޯޝިއޭޝަންގެ ރައީސް ޢަބްދު ﷲ ޝިވާޒާއި، ނިޢުމާ މުޙައްމަދު އަދި ޖާދު ﷲ އިސްމާޢީލް ވަނީ ބައިވެރިވެފައެވެ.

ފިލްމީ ފަންނާނުންގެ ފަރާތުން ފުލުހުންނަށް ހަދިޔާކުރި ޕީ.ޕީ.އީ ސާމާނަކީ ކޯވިޑް-19ގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ރައްކާތެރިކުރުމަަށް އެންމެ ކުރީ ސަފުގައި ދިވެހި ފުލުހުންވަމުންދާ ޤުރުބާނީގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ފިލްމް އިންޑަސްޓްރީގެ ފަރާތުން ހަދިޔާކުރި ސާމާނުތަކެއްކަމަށް ފިލްމް އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭއަށް ދިމާވާ ޤައުމީ އެކި އެކި ކާރިސާތަކާއި، ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ފިލްމީ ފަންނާނުންނަކީވެސް ނަމޫނާ ދައްކަމުންދާ ބައެކެވެ. އެގޮތުން ތަފާތު ޓެލެތޯންތަކާއި، ޝޯތައް ބާއްވައިގެން ފަންޑް ރައިޒްކުރުމުގެ ކަންކަން މީގެކުރިންވެސް ކޮށްފައިވެއެވެ.

ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިވުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކަށްވެސް ވިޔަފާރިވެރިންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ދަނީ ބޯފެނާއި، އެހެންވެސް ޒަރޫރީ ސާމާނާއި، ޕީ.ޕީ.އީ ސާމާނު ހަދިޔާކުރަމުންނެވެ.