ނޭޕާލުން ރާއްޖެ އަންނަ ބޭނުންވާ ދިވެހިން އެފުރުސަތު ފޮރިން މިނިސްޓްރީން ހުޅުވާލައިފިއެވެ.
އަންނަ ހޯމަ އަދި އަންގާރަ ދުވަހު ނޭޕާލުން ރާއްޖެއަށް ފްލައިޓްތަކެއް އައުމަށް މިހާރު ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. މިގޮތުން މި ފްލައިޓްތައް ރާއްޖޭގައި ޖެއްސުމަށް ބޭނުންވާ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ފްލައިޓްތަކުން ރާއްޖެ އަންނަ ބޭނުންވާ ދިވެހިންނަށް އެފުރުސަތު ހުޅުވާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ނޭފާލުން ރާއްޖެއަށް އަންނަ ބޭނުންވާ ދިވެހިން އެކަން އަންގަންޖެހޭނީ އެގައުމުގައި އުޅޭ ދިވެހިންގެ ކަންކަން ބަލަހައްޓަމުން އަންނަ ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށެވެ. ނޭޕާލުގައި މިވަގުތު އަންނަ އެދިފައިވަނީ 8 ދިވެހިންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
އެނގިފައިވާ ގޮތުގައި ނޭފާލުން ހޯމަ އަދި އަންގާރަ ދުވަހު ރާއްޖެއަށް ފްލައިޓެއް އައުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދިރިއުޅޭ އެޤައުމުގެ ރައްޔިތުންތަކެއް ބަލައެވެ.
ކޯވިޑް-19 އާއި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެން ފެށުމުން އެކި ޤައުމުތަކުގައި ތިބި ދިވެހިން ރާއްޖެ އަންނަ ވަނީ އެދިފައެވެ. އަދި މިގޮތަށް އެދުނު ދިވެހިން ރާއްޖެ ގެނައުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓްތައް ދަނީ ބާއްވަމުންނެވެ. މިގޮތުން މިހާތަނަށް 2000 ވުރެ ގިނަ ދިވެހިން ވަނީ ގެނެސްފައެވެ.