ތަރައްްޤީ

ހޯރަފުށީ އެއަރޕޯޓް ސެޕްޓެމްބަރުމަހަށް ނިންމާލެވޭނެ: އެމް.ޓީ.ސީ.ސީ


ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. އެގޮތުން 842 ހާސް ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެ އިތުރުން 1120 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވީ، އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ތާރު އެޅުމުގެ ބައެއް މަސައްކަތްތައް މިހާރުވެސް ފަށާފައިވާކަމަށެވެ. އެއަރޕޯޓުގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅު ވެއެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާގޮތަށް ބަލާނަމަ، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ޑޮމެސްޓިކް ދަތުރުތަކަށް ޙާއްސަކޮށްގެން ތަރައްޤީކުރާ ހޯރަފުށީ އެއަރޕޯޓްގައި 1200 މީޓަރުގެ ދިގު އަދި 35 މީޓަރު ފުޅާ ރަންވޭ އެއް އެޅުމަށް ވަނީ ނިންމާފައެވެ. 8635 އަކަމީޓަރުގެ އޭޕްރަނަކާއި، ޓެކްސީ ވޭއެއް ތަރައްޤީކުރަން ވަނީ ހަމަޖެހިފައެވެ. އަދި ޕާކިން އޭރިއާގެ ގޮތުގައި 9473 އަކަ މީޓަރު ހާއްސަކޮށްފައިވާއިރު 720 މީޓަރުގެ ސެކިއުރިޓީ އަދި ބީޗް ފެންސް އޭރިއާއެއް ހެދުމަށް ނިންމާފައިވެއެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. ހޯރަފުށްޓަކީ 3000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ.